މިރޭގެ މެޗުގައި ވެސްޓްހޭމުން ޖެހި ހުރިހާ ގޯލެއް ކާމިޔާބުކޮށްދިން އެންޓޯނިއޯ
މިރޭގެ މެޗުގައި ވެސްޓްހޭމުން ޖެހި ހުރިހާ ގޯލެއް ކާމިޔާބުކޮށްދިން އެންޓޯނިއޯ
އިނގިރޭސި ޕްރިމިއާ ލީގުން މިސީޒަންގައި އެންމެ ފުރަތަމަ ރެލިގޭޓްވި ޓީމަކަށް ނޯވިޗް ސިޓީ ވެއްޖެއެވެ.

މިސީޒަންގައި ބާކީ ތިން މެޗު އޮތް ނަމަވެސް ނޯވިޗް ސިޓީ ރެލިގޭޓް ވެފައިވަނީ، މިރޭ ވެސްޓްހޭމްއާ ބައްދަލުކުރި މެޗުން 4-0 އަކުން ނޯވިޗް ބަލިވުމުންނެވެ.

މިދިޔަ ސީޒަންގައި ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ނޯވިޗް ވަނީ ޖެހިޖެހިގެން ހަތް މެޗުން ބަލިވެފައެވެ. އަދި މިއާއެކު ރެލިގޭޝަނުން ސަލާމަތްވާން އެޓީމަށް 13 ޕޮއިންޓް ބޭނުންވާ އިރު ބާކީ އޮތް ތިން މެޗުން މޮޅުވެގެން ވެސް ހޯދޭނީ ނުވަ ޕޮއިންޓެވެ. މިރޭގެ މެޗުން މޮޅުވެ ވެސްޓްހޭމް ވަނީ ރެލިގޭޝަން ޒޯނާ ހަ ޕޮއިންޓް ފޭއަށް ޖެހިލާފައެވެ.



މިރޭގެ މެޗްގައި ނޯވިޗް ކޮޅަށް ވެސްޓްހޭމުން ޖެހި ހަތަރު ލަނޑު ވެސް ކާމިޔާބު ކޮށްދީފައިވަނީ އެޓީމުގެ ހުނަރުވެރި ފޯވަޑް މިކެލް އެންޓޯނިއޯއެވެ. އެންޓޯނިއޯ ވަނީ ފުރަތަމަ ހާފްގައި ދެ ގޯލް އަދި ފަހު ހާފްގައި ދެ ގޯލް ޖަހާ ވެސްޓްހޭމް މޮޅުކޮށްދީފައެވެ.

އަންނަ ސީޒަންގެ ލީގުން ވެސްޓްހޭމްއަށް ޖާގައެއް އަދި ވެސް މުޅިން ކަށަވަރު ނުވާ އިރު ދެން ބާކީ އޮތް ތިން މެޗުގެ ތެރެއިން ދެ މެޗު ކުޅެން ޖެހެނީ ތާވާލުގައި އެޓީމަށް ވުރެ ދަށުގައި މިހާރު އޮތް އެސްޓަން ވިލާއާ ވޮޓްފަޑާ ދެކޮޅަށެވެ. އެހެންކަމުން ރެލިގޭޝަން ޒޯނުގެ ވާދަވެރިކަން ބޮޑުވެ މި މެޗްތަކުގެ ފޯރި އިތުރަށް ގަދަވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން