މަރިޔަމް ލަމްޙާ ރަޝީދު   27 ޖުލައި 2023 - 12:28
އަމިއްލަ ސްޓައިލްއާއި އެތަކެތީގެ ބޭނުންތެރިކަމަށް ވިސްނައި ތަން ރާވާއިލައި ތަރުތީބުކޮށްލުމަކީ, އަބަދުވެސް ތަރުތީބުކޮށް ބެހެއްޓުމަށް ފަސޭހަވެގެންދާނެކަމެކެވެ.
އަމިއްލަ ސްޓައިލްއާއި އެތަކެތީގެ ބޭނުންތެރިކަމަށް ވިސްނައި ތަން ރާވާއިލައި ތަރުތީބުކޮށްލުމަކީ, އަބަދުވެސް ތަރުތީބުކޮށް ބެހެއްޓުމަށް ފަސޭހަވެގެންދާނެކަމެކެވެ.
ގޭތެރޭގެ އެހެން ހުރިހާ ސަރަހައްދަކަށްވުރެ އަވަހަށް ތަރުތީބު ގެއްލޭ ތަނަކީ ބަދިގެއެވެ. ދުވާލަކު 3 ފަހަރު މަދުވެގެން ގޭގައި އެންމެ ކެއުމަށްފަހު ތަންހަޑިވެއެވެ. އެހެންކަމުން އަބަދުވެސް ބަދިގޭގެ ކަބަޑުތަކާއި ކައުންޓަރ މަތި ތަރުތީބުކޮށްލަން ބޭނުންވާ އެންމެ ފުރިހަމައަށް ބަހައްޓަން އުނދަގޫވެއެވެ.

ތިރީގައި ހިއްސާކޮށްލާފައި މިވަނީ ގޭތެރެ ތަރުތީބުކުރުމުގެ މަސައްކަތްތަކުގެ ތަޖުރިބާކާރު ޕްރޮފެޝަނަލް އޮގަނައިޒަރއެއްކަމުގައިވާ ކެރޮލައިން ރޮބަރޓްސް ގެންގުޅޭ 5 އުކުޅެވެ.

1. ހުރިހާ އެއްޗަކަށް ވަކިތަނެއް ކަނޑައެޅުން

ތަރުތީބުކޮށް ބެހެއްޓުމުގެ އެންމެ މުހިންމު ކަމަކީ ކޮންމެ އެއްޗަކަށްވެސް ވަކިތަނެއް ކަނޑައަޅާފައި ބެހެއްޓުމެވެ. އެއީ އެއްޗެއް ބޭނުންކޮށްނިމުމުން ރައްކާކޮށްފައި ބަހައްޓާނެ ތަނެކެވެ. މިއީ ހަމައެކަނި ތަން ތަރުތީބުކުރުމަށް މުހިންމު ކަމެއް ނޫނެވެ. މިގޮތަށް ބެހެއްޓުމުން އެންމެނަށްވެސް ބަދިގޭގައި ގެންގުޅޭ ސާމާނު ބަހައްޓާފައި ހުންނަ ތަންތަން އެނގި ވަގުތު ގެއްލިގެންނުދާނެއެވެ.

ކޮންމެ އައިޓަމަކަށް ތަނެއް ކަނޑައެޅުމަށްޓަކައި ބަދިގޭގެ ސަރަހައްދުތައް ޒޯންތަކަކަށް ބަހާލާށެވެ. މިސާލަކަށް ހުރިހާ ހަވާދުގެ ބާވަތްތައް އުނދުންނާއި ކައިރީގައި ބަހައްޓާށެވެ. އެންމެ މަދުން ބޭނުންކުރާ ސާމާނުތައް އޯވަހެޑް ކެބިނެޓްތަކުގެ މަތީބައިގައި ރައްކާކުރާށެވެ. އަދި ޑްރޯވަތަކުގައި ކަޓްލަރީވެސް ތަށިތައްވެސް ވަކިތަރުތީބަކުން ބެހެއްޓޭނެގޮތަށް ބައިބަޔަށް ބަހާލައި ޑިވައިޑަރތައް ބޭނުންކޮށްލާށެވެ. އޭރުން މުޅި ބަދިގޭގެ ކޮންމެ އައިޓަމަކަށް ވަކިތަނެއް ޚާއްސަވެގެންދާނެއެވެ.

2. ޚާއްސަ ކަންކަމަށް ބޭނުންވާ އައިޓަމްތައް އެހެން މީހުންއަތުން ހޯދުން

ބައެއް ޚާއްސަ ދުވަސްތަކުގައި ބޭނުންކުރުމަށް ގޭގައި އާއްމުކޮށް ބޭނުންނުކުރާ އައިޓަމްތައް ހޯދަންޖެހެއެވެ. މިހާލަތުގައި އެތަކެތި ގަތުމުން ބަދިގޭގެ ކަބަޑުތަކުގައި ތަކެތި ގިނަވެގެންދާނެއެވެ. އަދި ބައެއްކަހަލަ ތަކެއްޗަކީ އެކަކަށް މުހިންމު އެއްޗަކަށް ވީނަމަވެސް އަނެއް މީހާއަށް އެހައި މުހިންމު އެއްޗަކަށް ނުވެދާނެއެވެ. މިސާލަކަށް އެއަރ ފްރަޔަގެ ބޭނުން އެކަކަށް މުހިންމު ވީނަމަވެސް އަނެއް މީހާ އޭތި ގަނެފައި ކަބަޑުގައި ބަހައްޓަން ޖެހިދާނެއެވެ. އެހެންކަމުން ބަދިގެއަށް ކޮންމެހެން ބޭނުންނުވާ ތަކެތި ގަތުމުގެ ކުރިން، އެއްފަހަރު ކޮށްލާ ބޭނުމަކަށް މީހެއްގެ އަތުން ލިބޭތޯ ބަލާށެވެ.

3. ޕޭންޓްރީގައި ގެންގުޅޭ ފުޅިތައް ހުސްވުމުން 'ރީފިލް' ކުރުން

ތަކެތި ރައްކާކުރުމަށް ބޭނުންކުރާ ފުޅިއަކީ ކެބިނެޓް ރީތިކޮށް ތަރުތީބުކަމަށް ދައްކާނެ އެއްޗެކެވެ. ނަމަވެސް ބައެއްފަހަރު އެއްބާވަތެއް ހުސްވުމުން އެފުޅި ދޫކޮށްލައި އެހެން ބާވަތެއް ގަނެގެން އެހެން ފުޅިއެއް ބޭނުންކުރެވޭތަން އާދެއެވެ. މިހެންވުމުން ހުސްކޮށް ހަޑިކޮށް ހުންނަ ފުޅިތަކެއް ކަބަޑުތަކަށް ގިނަވެއެވެ. ތަކެތި ރައްކާކުރުމަށް ފުޅި ގަންނަނަމަ، އެފުޅިތައް ރީފިލް ކުރެވޭނެކަން ޔަގީންކުރާށެވެ.

4. އެއްފަހަރު ބޭނުންކުރެވޭ ގެޖެޓުތައް ނުގަތުން

ގޭގައި ބޭނުންކުރެވޭ އެއްޗެއް ހުރެފައި އިތުރަށް ކޮންމެވެސް ފެންސީ އެއްޗެއް ގަތުމުގެ ބޭނުމުގައި ތަކެތި ގަތުމުން ބޭކާރުގޮތުގައި ބަދިގެއަށް ތަކެތި ގިނަވެއެވެ. އަދި އެންމެ ފަހުގެ ގެޖެޓުތައް ބަދިގެއަށް ބޭނުންވާނޭ ހިތައި ގަތުމުން، އޭގެ މާބޮޑު ބޭނުމެއް ނުހިފި އަތުން ދަނީ އިތުރު ޚަރަދުތަކެކެވެ. ވީމާ، އެއްޗެއް ގަތުމުގެ ކުރިން އެއީ ތިމަންނަގެ ބަދިގެއަށް މުހިންމު ބޭނުންތެރި އަބަދުވެސް ގެންގުޅެވޭ އެއްޗެއްތޮ ކަށަވަރުކުރާށެވެ. އަދި މިގޮތަށް ގަނެވިފައި ހުންނަ ބޭނުން ނުކުރާ ތަކެތި ކަބަޑުތަކުންނަގައި ބޭނުންވާ އެހެންބަޔަކަށް ޑޮނޭޓުކޮށްލާށެވެ.

5. ތިމާ ބަދިގެ ބޭނުންކުރާގޮތް ދެނެގަތުން

ބަދިގޭގައި އާއްމުކޮށް ކައްކާތަކެއްޗާއި އެތަކެއްޗަށް ބޭނުންވާ އިންގްރީޑިއަންޓްތައް ދެނެގަނެ މަސައްކަތްކުރުމަށް އެންމެ ފަސޭހަގޮތަކަށް ތަކެތި އަތުރާލުމަކީ ވަރަށް މުހިންމު ކަމެކެވެ. ބަދިގެއަށް މުހިންމު ތަކެތި ގަތުމުގައިވެސް އަމިއްލަ ސްޓައިލްއާއި އެތަކެތީގެ ބޭނުންތެރިކަމަށް ވިސްނައި ތަން ރާވާއިލައި ތަރުތީބުކޮށްލުމަކީ ތިމާއަށްވެސް އެގޮތަށް އެތަން އަބަދުވެސް ބެހެއްޓުމަށް ފަސޭހަވެގެންދާނެކަމެކެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން