މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ
މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ
މެންޗެސްޓާ ސިޓީ ދެ އަހަރު ދުވަހަށް ޔުއެފާގެ މުބާރާތްތަކުން ސަސްޕެންޑްކޮށްފައިވާ މައްސަލައިގައި ޔުއެފާއާއި ދެކޮޅަށް ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސްގައި ކޮށްފައިވާ ދައުވާގެ ހުކުމް، އަންނަ ހޯމަ ދުވަހު އިއްވުމަށް ހަމަޖެހިއްޖެއެވެ. ސްވިޓްޒަލަންޑްގެ ލޯސޯންގައި ގާއިމްކޮށްފައިވާ ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސްއަކީ ކުޅިވަރުގައި ދިމާވާ މައްސަލަތައް ހުށަހަޅާ ބައިނަލްއަގްވާމީ ކޯޓެވެ.

2012 އިން 2016 ވަނަ އަހަރުގެ ނިޔަލަށް ފައިނޭންޝަލް ފެއާޕްލޭގެ އުސޫލުތަކާ ހިލާފުވެފައި ވާތީ އާއި ކްލަބް ލައިސަންސިންގައި މަކަރު ހަދާފައި ވާތީ ދެ އަހަރު ދުވަހަށް ޔުއެފާގެ އެއްވެސް މުބާރާތެއްގައި ވާދަނުކުރެވޭ ގޮތަށް މެންޗެސްޓާ ސިޓީ ސަސްޕެންޑްކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ 14 ވަނަ ދުވަހުއެވެ. ޔުއެފާގެ މިނިވަން ތަހުގީގަކަށް ފަހު، މެންޗެސްޓާ ސިޓީ ދެ އަހަރަށް ސަސްޕެންޑްކުރުމުގެ އިތުރުން ތިރީސް މިލިއަން ޔޫރޯއިންވަނީ ޖޫރިމަނާކޮށްފަ އެވެ.

މެންޗެސްޓަރ ސިޓީގެ ސަސްޕެންޝަންގެ އަދަބު ފަށާނީ އަންނަ ސީޒަނުން ފެށިގެންނެވެ. މުސާރަ އާއި ކުޅުންތެރިން ގަންނަން ހަރަދުކުރުމުގައި މަކަރުހެދިކަން ސާބިތުވުމުން 2014 ވަނަ އަހަރު ވެސް ޔޫއެފާއިން ވަނީ ސިޓީ އަށް އަދަބުދީފަ އެވެ. އެފަހަރު އެޓީމަށް ދިން އަދަބަކީ 67.3 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމާއި ޗެމްޕިއަންސް ލީގުގައި ކުޅުންތެރިން ރަޖިސްޓްރީ ކުރެވޭ އަދަދު މަދުކުރުމެވެ.

މި މައްސަލައިގެ އަޑު އެހުންތައް ނިންމާލާފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. މައްސަލަ ކުރިއަށް ގެންދިޔައީ ތިން އަޑު އެހުމަކަށް ބަހާލައިގެންނެވެ. މި މައްސަލައިގެ އަޑު އެހުންތައް ނިމި ހުކުމާއި ހަމައަށް ގޮސްފައިވާއިރު، ޔުއެފާގެ ނިންމުން ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސްއިން ދަމަހައްޓައިފިނަމަ މެންޗެސްޓާ ސިޓީއަކަށް އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ނުކުޅެވޭނެ އެވެ.

މި މައްސަލަ ސިޓިއާ ދެކޮޅަށް ނިމިއްޖެނަމަ އެޓީމުގެ ބަދަލުގައި އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނީ އިނގިރޭސި ޕްރިމިއާ ލީގުގެ ފަސް ވަނަ ހޯދާ ޓީމަކަށެވެ. މިވަގުތު ލީގުގެ ފަސް ވަނައިގައި އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން