ޞާދިރު ޢަލީދީދީ   20 ޖުލައި 2023 - 15:49
ﷲ ތަޢާލާގެ އިސްލާމްދީނުގައި ދެވަނަ ވަނަ މަސްދަރަކަށް ލައްވާފައިވަނީ އެއިލާހުގެ ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްއެވެ. ޙަދީޘް ޢިލްމުގެ އަހްލުވެރީންނޭ ބުނެވެނީ މާތް ﷲ ގެ އަޅުތަކުންގެ ތެރެއިން، ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްތައް އުނގެނި ދަސްކޮށްފައިވާ މީހުންނެވެ.

ޢިލްމުވެރިން ބަޔާންކުރައްވާގޮތުގައި ޙަދީޘް ޢިލްމުވެރިންނަކީ ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް އެންމެ ގިނައިން ޞަލަވާތް ކިޔެވޭނެ މީހުންނެވެ. އެބަހީ ޙަދީޘް ކިޔާއިރުގައިއާއި އަދި ޙަދީޘް ޢިލްމު އުނގެނޭ ހިނދުގައި އެބައި މީހުންނަށްކަން ނަބީއްޔާގެ މައްޗަށް ޞަލަވާތް ކިޔުން ތަކުރާރު ކުރެވެމުންދާތީއެވެ. ޤިޔާމަތް ދުވަހުގައި ނަބިއްޔާ صلى الله عليه وسلم އާ އެންމެ އަރިސް މީހުންކަމުގެ ގޮތުގައި ޙަދީޡް ޢިލްމުވެރީންވާ ކަމުގެ އުފާވެރި ޚަބަރު ދެއްވާފައިވަނީވެސް މިސަބަބައްޓަކައެވެ.

އެފަދައިން ކަންތައް ކުރާއި މީހުން މިވަނީ ނަބިއްޔާ صلى الله عليه وسلم އާއި ޤިޔާމަތް ދުވަހު އެންމެ އަރިސް އަދި އެންމެ މާތްވެގެންވާ މީހުން ކަމުގައެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިމަންކަލޭގެފާނާއި އެންމެ އައުލާއި ވެގެންވާއި މީސްތަކުންނަކީ ޤިޔާމަތްދުވަހުން ތިމަންކަލޭގެފާނުގެ މައްޗައް އެންމެ ގިނައިން ޞަލަވާތް ކިޔަވާ މީހުންނެވެ." ( ترمذی ހަސަން )

ޤިޔާމަތް ދުވަހުގައި ނަބިއްޔާ صلى الله عليه وسلم އާއި އެންމެ ކައިރީގައިވާއި މީސްތަކުންނަކީ ( އެންމެ ގާތްވެގެންވާއި މީސްތަކުންނަކީ ) ނަބިއްޔާ صلى الله عليه وسلم މައްޗަށް ގިނައިން ޞަލަވާތް ކިޔާއި މީހުންކަމުގައި ވުމަކީ، މީއީ ޙަދީޘް ކިޔަވާ، ޙަދީޘް އުނގެނޭ އަދި އެ ޢިލްމު އުނގަންނައިދޭ މީހުންނަށް ލިބިގެންވާއި މާތްކަމެކެވެ.

ނަބިއްޔާ صلى الله عليه وسلمވަނީ

ޙަދީޘް ޢިލްމު އުނގެނި އަދި އެފަތުރާއި މީހުންނަށް އެބައިމީހުންގެ މޫނު ރިވެތި ކުރައްވާތޯ ދުޢާފުޅު ކުރައްވާފައިވާ ކަމަށް އެކަލޭގެފާނުގެ ޙަދީޘުންވަނީ އެނގިބަޔާންވެގެންނެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެމާނައިގައި ވެއެވެ. "ﷲ سُبْحَانَهُ وَتَعَالَى ތިމަންކަލޭގެފާނު ކިބައިން ޙަދީޘްއެއް އަޑުއަހާއި އެ ރައްކާތެރިކޮށް ފޯރުކޮށްދީފި މީހާއަށް އެމީހެއްގެ މޫނު ރިވެތިކޮށް ދެއްވާށިއެވެ." މިފަދައިންނެވެ.

އާދެ، މިއީ ޙަދީޘްގެ އަހުލުވެރިންނަށް ﷲ ތަޢާލާ ދެއްވާފައިވާ މާތްކަމާއި މަތިވެރިކަމެކެވެ. އެހެން ކަމުން އެޔާއި ގުޅުން ހުރި ޢިލްމުތައް އުނގެނުމުން އަޅުގަނޑުމެންނަށް މި މަތިވެރިކަން ޙާސިލު ވެގެން ދާނެއެވެ.

އިމާމް ޝާފިޢީ ( ރަޙިމަހު ﷲ ) ވިދާޅުވަނީ " ޙަދީޘްގެ އަހުލުވެރިންނަކީ އެބައިމީހުންގެ ޒަމާނުގައި ސަހާބީން ފަދަބައެކޭ "  ކޮންމެ ޒަމާނެއްގައިވެސް ޙަދީޘް ކިޔަވާއި މީހުންނަކީ އެޒަމާނެއްގައި ސަހާބީން ފަދައިން ވާއި ބައެކެވެ.

އިމާމް ޝާފިޢީ ވިދާޅުވެފައިވަނީ "ތިމަންކަލޭގެފާނަށް ހަދީޘްގެ އަހުލުވެރިއެއް ފެންނަހިނދު، ހީވަނީ ތިމަންކަލޭގެފާނަށް ނަބިއްޔާ صلى الله عليه وسلم ގެ ސަހާބީންގެ ތެރެއިން ބޭކަލެއް ފެނުން ކަމުގައިއެވެ" މިފަދައިންނެވެ.

އެހެނީ ޙަދީޘް ޢިލްމުގެ އަހުލުވެރިޔާގެ މޫނުމަތިންނާއި އަދި އޭނާގެ ޢަމަލުންނާއި އަދި އޭނާގެ ހުރިހާއި ކަމަކުން ނަބިއްޔާ صلى الله عليه وسلم ގެ ހިދާޔަތަށް ތަބާވުމުގެ އަސަރު އެމީހެއްގެ ކިބައިން ފެންނާތީއެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ބަސްފުޅެއްގެ މާނައުގައިވެއެވެ.

 "ތިމަންކަލޭގެފާނުގެ އުއްމަތުގައި ވެޔޭ ނަސްރު ލިބިގެންވާއި ބައެއް. އަދި އެބައި މީހުން ނިކަމެތިކުރާ މީހުންގެ ސަބަބުން އެބައިމީހުންނަށް އެއްވެސް ގެއްލުމެއް ނުފޯރާނެއެވެ. އެއީ ޤިޔާމަތް ޤާއިމް ވެއްޖެއުމަށް ދާންދެން." މިފަދައިންނެވެ.

އަލީ ބިން މަދީނީ ( ރަޙިމަހު ﷲ ) ވިދާޅުވާގޮތުގައި ނަބިއްޔާ صلى الله عليه وسلم ޙަދީޘް ބަސްފުޅުގައި އެ އިޝާރާތްކުރައްވަނީ ޙަދީޘް ޢިލްމުގެ އަހުލުވެރިންގެ ވާހަކަފުޅެވެ.

އިމާމް އަޙުމަދު ( ރަޙިމަހު ﷲ ) ވިދާޅުވަނީ ނަސްރު ލިބިގެންވާއި ބައިގަނޑަކީ ނުވަތަ ޖަމާޢަތަކީ އެއީ ހަދީޘްގެ އަހުލުވެރިން ކަމުގައި ނުވާނަމަ އެއީ ދެން ކޮންބައެއްކަމެއް ތިމަންކަލޭގެ ފާނަށް އިނގިވަޑައެއް ނުގަނެއެވެ.

އިސްވެދެންނެވުނު ޙަދީޘްތަކުން އެނގި ކަށަވަރުވެގެންދަނީ ޤިޔާމަތާއި ޖެހެންދެން ހައްޤުގެ މަތީގައި ސާބިތު ވެގެން ތިބޭ މީހުންގެ ތެރޭގައި މި ހިމެނެނީ ޙަދީޘް އުނގެނި އެޔަށް ޢަމަލުކުރާއި މީހުންނެވެ.

*******

މިއީ ހެޔޮބަސް ޗެނަލްއިން ހަދީޘް ކުލާހުން ނެގިފައިވާ، މިއީ ޙަދީޘްގެ މާތްކަމާއި ބެހޭގޮތުން މަދު މިންވަރެކެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން