ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި މި ދީބު ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ދިވެހި ކޮންމެ ފަރުދެއްގެ ޒިންމާއެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މާތްﷲ އަޅުގަނޑުމެނަށް ދެއްވި ގިނަގުނަ ނިއުމަތްތަކުގެ ތެރެއިން އެންމެ ބޮޑު ނިއުމަތަކީ އިސްލާމް ކަމުގެ ނިއުމަތް ކަމަށާއި، މިކަމަށްޓަކައި އަޅުގަނޑުމެންގެ ކާބަފައިން ވަނީ އެމީހުންގެ ނަފްސުތަކުން ގުރްބާންތަކެއް ވެ މި ދީން ރައްކާތެރިކަމާއެކު އަޅުގަނޑުމެނާ ހަމައަށް ވާސިލް ކޮށްދީފައި ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އަދި މީގެ ނުވަސަތޭކަ އަހަރު ކުރިން މާތްﷲ ވަނީ އަޅުގަނޑުމެނަށް އިސްލާމް ދީނުގެ ހިދާޔަތު ދައްކަވައި އެކަލާނގެ އަށް އީމާންވާ މުސްލިމުން ކަމުގައި ލައްވާފައިވާ ކަމަށާއި، އެ ދުވަހުން ފެށިގެން މި ލޮބުވެތި ފަސްގަނޑ މިވަނީ ސައްތައިން ސައްތަ ތާހިރު އިސްލާމީ ފަސްގަނޑަކަށް ވެފައި ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު މީގެ ދުވަސްކޮޅެއް ކުރިން އަޅުގަނޑުމެން ތަހައްމަލު ކުރަމުން ދިޔައީ ދަތި އުނދަގޫ ދުވަސްތަކެއް ކަމަށާއި، ފުރަބަންދުވެ، ވަރަށް ގިނަ ހިދުމަތްތަކަކުން މަހްރޫމްވެ، އާންމު ހާލަތަށް ބޮޑެތި ބަދަލުތަކެއް އައުމުގެ ސަބަބުން ހިތްދަތިކަމާއި ނުތަނަވަސްކަން ވެރިވި ދުވަސްތަކެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ބައެއް ސަރަހައްދުތަކުގެ މިސްކިތްތަކުގައި ގާއިމްކުރެވޭ ފަރުޟު ފަސް ނަމާދާއި ހުކުރު ނަމާދުގެ ޖަމާއަތް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުމުގެ ސަބަބުން އެތައް ބަޔަކަށް ވަނީ ފުން އަސަރުތަކެއް ކޮށްފައިކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ﷲގެ ތަނަވަސް ރަހްމަތުން މިއަދު މިވަނީ މިސްކިތްތައް ހުޅުވި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފަރުޟު ފަސް ނަމާދާއި، ހުކުރު ނަމާދުގެ ޖަމާއަތް ގާއިމްކުރުމުގެ ފުރުސަތު ފަހިވެ، އާންމު ދިރިއުޅުމަށް ވެސް ލުއިތަކެއް ލިބިފައެވެ. އަދި މިކަމުގައި ކަމާބެހޭ ފަރާތްތަކުން ދެއްވި އިރުޝާދުތަކަށް ރައްޔިތުން ދިން އެއްބާރުލުން ފާހަގަކުރަން ޖެހޭ ކަމަށާއި ކުރިޔަށް އޮތް ތަނުގައި އާންމު ސިއްހަތު ހެޔޮ ގޮތުގައި ދެމެހެއްޓުމަށްޓަކައި ތޮއްޖެހިގެން ނޫޅުމަށް ގައިދުރުމަކާއި، މާސްކު އެޅުން ފަދަ ކަންކަމަށް ސަމާލުވުން އިންތިހާ ދަރަޖައަށް މުހިންމު ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"މުސްލިމް އަހުންނޭވެ! އިންސާނުން ކުރަމުން އައި ނޭދެވޭ އެތައް ކަމަކުން ދުރުހެލިވެ، ދިރުއުޅުމުގެ ވައްޓަފާޅިއާ އާދަކަތަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ސާފުތާހިރުކަމުގެ މިންގަނޑުތަކަށް އިހްތިރާމްކުރަން މަޖްބޫރުކުރުވަނީ ކޮން ކަމެއް ހެއްޔެވެ؟ ލޮލަށް ނުފެންނަ ކުޑަ ކުޑަ މަހްލޫގެއްގެ ސަބަބުން، ބިރުވެރިކަމާއި ނާމާންކަން ވެރިވެ އާންމު ހިދުމަތްތައް ހުއްޓި އިގްތިސާދީ ގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިވުމުން އިންސާނުންނަށް ލިބިގެން ދިޔައީ ކޮންފަދަ ބޮޑު އިބްރަތްތެރި ފިލާވަޅެއް ހެއްޔެވެ؟" ހުތުބާގައި ބުނެފައިވެއެވެ.

ކޯވިޑް-19 ގެ ސަބަބުން އެނގިގެން ދިޔައީ އިންސާނާގެ ނިކަމެތި ކަމާއި އާރެއް ބާރެއް ނެތްކަން ކަމަށް ފާހަގަކޮށް ހުކުރު ހުތުބާގައި ބުނެފައިވަނީ ލޮލަށް ނުފެންނަ ކުޑަ މަޚްލޫގެއްގެ ސަބަބުން ބިރުވެރިކަމާއި ނާމާންކަން ވެރިވެ، އާއްމު ހިދުމަތްތައް ހުއްޓި އިގްތިސާދީ ގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިވެފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން