ރިބާއާގުޅޭގޮތުން، އަބޫ ހުރައިރާ ރިވާކުރެއްވި ރަސޫލާ صلى الله عليه وسلم ޙަދީޘެއްގައިވެއެވެ.”މީސްތަކުންގެ މައްޗަށް ޒަމާނެއް އަންނާނެތެވެ. އެޒަމާނުގައި ރިބާ ކައިއުޅޭ މީހަކު މެނުވީ ބާކީ ނުހުންނާނެއެވެ! ރިބާ ނުކައި މީހެއްވިއްޔާ، ރިބާގެ ހިރަފުހުގައި ޖެހޭނެތެވެ"

"ރިބާގެ ހިރަފުސް" އެހެންރިވާޔަތެއްގައި އައިސްފައިވަނީ ރިބާގެ އާވިކަމުގައެވެ. ސުނަނު އަބީ ދާވޫދުއާއި އައްނަސާއީ އިބްނު މާޖާ ގެ އަރިހުން ރިވާވެގެންވަނީ "ރިބާގެ އާވި އެމީހެއްގެ ގައިގައި ޖެހޭނެތެވެ." މިފަދައިންނެވެ.ނޭނގޭ ގޮތަށް އަހަރުމެން އެންމެންނަށް ރިބާގެ ހިރަފުސް ޖެހި، ރިބާގެ ޢަޤުދުތައްވަނީ އިންތިހާއަށް ގިނަވެފައެވެ. އެހެންކަމުން، އަހަރެމެން އެންމެންވެސް މިވަނީ ރިބާގެ ހިރަފުހުގެ ތެރޭގައެވެ.

ރިބާގެ ބެންކުކަމަށް އެންމެން ދަންނަ ރިބަވީ އިންޓަރަސްޓު ނަގާ ބެންކުތަކުގެ އިތުރުން، އަހަރުމެން އެންމެންކަހަލަ ގޮތަކަށް ރިބަވީ އެހެން އެގްރީމަންޓުތަކަށް ނޭނގިގެން ނޫނީ ނުރުހި ގަދަކަމުން ނަމަވެސް އެއްބަސްވެވިގެންވާކަން އެނގޭހެއްޔެވެ؟

ކަރަންޓު ބިލާއި، ފޯނު ބިލާއި، ފެން ބިލާއި، އަދި އެނޫނަސް އިންސްޓޯލްމަންޓަށް ލާރި ދައްކާގޮތަށް ނަގާ ތަކެތީގައި މަހަކަށް ދައްކަންވާ ފައިސާގައި ހިމަނާފައިހުންނަ އަދަދާއި އަދި އެފައިސާ ދައްކަން ކޮންމެ މަހެއްގެވެސް ކަނޑައަޅާފައި އޮންނަ މުއްދަތުގައި އެފައިސާ ނުދެއްކިއްޖެނަމަ ދެން ދައްކަން ޝަރުޠުކުރާ ޖޫރިމަނާ އަދަދު މިއީ ހައްތަހާވެސް ރިބާއެވެ.

ފައިންއެކޭ ޕެނެލްޓީއެކޭ ކިޔަސް އެފައިސާއަކީ ރިބާ ކަމުގައި ޢިލްމުވެރިން އިއްތިފާޤުވެއެވެ. ޖުރުމާނާގެ ގޮތުގައި އެނަގާ ފައިސާ އަކީ މީހާގެ ބޮލުގައި އޮތް ދަރަންޏެއްގެ ބަދަލުގައި ލަސްވިކަމަށްޓަކައި ނެގޭ އިތުރު ފައިސާއެވެ. މިއީ ސީދާ ޙަރާމްވެގެންވާ ޖާހިލިއްޔަތުގެ ރިބާއެވެ. އެހެނީ ޖާހިލިއްޔަތު ޒަމާނުގައިވެސް ރިބާ އާއްމުވެގެންދިޔަގޮތަކީ މީހަކަށް ވަކި މުއްދަތެއްގެ ތެރޭގައި އަނބުރާއަދާކުރަން އެއްޗެއް ދިނުމަށްފަހު، އެ މުއްދަތުގައި އެއަދާނުކުރެވުމުން ދެން ފަހުން އަދާކުރާއިރު އެއަށް އިތުރުކުރަމުންދިއުމެވެ.

އެ ޒަމާނުގައި މީހަކު މީހަކަށް ދައްކަން ޖެހޭ އެއްޗެއް އޮވެ، ދައްކަން ޖެހޭ މުއްދަތު އައުމުން އޭނާ އައިސް ބުނާނެއެވެ. "ދަރަނި ދައްކާނީހޭ ނޫނީ މިއަދު ނުދެއްކިއްޖެނަމަ ތިއަށް އިތުރުކުރާނީއެވެ." މިއީ އެއާމެދު ކީރިތި ޤުރްއާން ގައި މާތް ﷲ ހަރާމް ކުރައްވާފައިވާ ބޮޑުވެގެންވާ ފާފައެކެވެ.

ކަރަންޓު ބިލްފަދަ އަސާސީ ޚިދުމަތްތަކުގައިވެސް މިކަންވަނީ ހިމަނާފައެވެ. ވަކި ދުވަހެއްގެ ކުރިން ނުދައްކައިފިއްޔާ ޖޫރިމަނާ މިވެނި ވަރެއް ދައްކާ ގޮތަށެވެ.

ހަމައެގޮތަށް ކުއްޔަށް ނަގާ އެޕާރޓްމަންޓު، ނުވަތަ އިންސްޓޯލްމަންޓަށް ބަހާލައިގެން އަގު ހަމަކުރާ ފުލެޓުގައިވެސް މަހުގެ ވަކި ދުވަހެއް ކުރިން ނުދައްކައިފިއްޔާ ޖޫރިމަނާ މިވެނި ޕަރސެންޓެއް ދައްކަންޖެހޭ ގޮތަށް ޝަރުޠުކުރާކުރުން މިއީ ކަނޑައެޅިގެން ރިބާއެވެ.

ޢިލްމުވެރިން އެއްބަސްވެލައްވާ ގޮތުގައި ބޮލުގައި އެޅޭ ފައިސާގެ ދަރަންޏެއްކަމުގައި ވެގެންދާ ޢަޤުދުތަކުގައި ޖަޒާއީ ޝަރުޠެއްކަމުގައި ޕެނަލްޓީއެއް ކަނޑައެޅުން ހުއްދަވެގެން ނުވެއެވެ. އަދި އެގޮތަށް އިތުރަށް އެއްވެސް އަދަދެއްދޭން އެގޮތަށް ޝަރުޠުކުރުމަކީ ރިބާކަމަށެވެ. އެހެންނަމަވެސް އެއާ ޚިލާފަށް ހަވާލު ކުރެވިފައިވާ މަސައްކަތެއް، އެމަސައްކަތް ކުރުމުގައި ފަރުވާކުޑަވެ ނުވަތަ ލަސްވުމުގެ ސަބަބުން މަސައްކަތް ހަވާލުކުރި ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލުގައި އެއްޗެއް ނެގުން ކަހަލަ ކޮންސްޓުރަކްޝަން، ޞިނާޢަތްތެރިކަންފަދަ ކަމެއްގައި މަސައްކަތް ހަވާލު ކުރެވޭ މުއްދަތަށް ނުނިންމުމުން އިތުރުވާ މުއްދަތަށް ގެއްލުމުގެ ބަދަލުގައި އެއްޗެއް ނެގުމަށް ކަނޑައެޅުން ހުއްދަވެގެންވެއެވެ.

މިފަދަ ރިބަވީ ދަރަނީގެ ޖޫރިމަނާ ޝަރުޠުކޮށްފައިވާ އެގްރީމަންޓުތަކަށް ކަމާކަންފަށާ ތަނަވަސްކަން އޮއްވާ ވަނުން، އަދި މުއްދަތުގެ ތެރޭގައި ދެއްކޭނެކަމަށް ގެރެންޓީ އޮތަސް އެރިބަވީ ޝަރުޠު ހިމަނާފައިވާތީވެ، ވަނުން ހުއްދަވެގެން ނުވާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

ޙާޖަތް ޖެހި، ޟަރޫރީ އަސާސީ ޚިދުމަތްތަކުގައި، ނުވަތަ އަހަރުމެންގެ މައްޗަށް ގަދަކަމުން މަޖުބޫރުކުރުވާފައިވާ ކަރަންޓު، ފެން ފަދަ ކަންކަމުގައި މެނުވީއެވެ. އެފަދަ ކަންކަމުގައި ފާފައޮތީ އެޝަރުޠު ކުރާ، އަދި އެކަމަށް އެނގިހުރެ އެހީތެރިވާ ފަރާތްތަކަށެވެ.

ނަމަވެސް އެއީ ޙަރާމްވެގެންވާ މުންކަރާތެއްކަމަށް ޤަބޫލުކޮށް، އެކަމަށް ކުޑަމިނުން ހިތުން ނުރުހުމާއި އިންކާރުކުރުމަކީ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭނެ ކަމެކެވެ. އެއާއެކު އެފަދަ ޢަޤުދުތަކުގައި ފިތިގެންވާ މީހުން، ތަނަވަސްކަން ހުރެ ފަރުވާކުޑަކޮށް، ބިލްތައް ދައްކަން ހަނދާންނަތާލައި ނޫންނަމަ ޤަޞްދުގައި މުއްދަތު ފަހަނައަޅައިގޮސް ރިބަވީ ޝަރުޠަށް ވެއްޓޭގޮތަކަށް ކަންކޮށްގެން ނުވާނެއެވެ. އެހެނީ އަހަރެމެން އެންމެންވެސް މިވަނީ ރިބާގެ ހިރަފުހުގެ ތެރޭގައެވެ. އަހުރެމެންނަ އޮތީ އެ ހިރަފުހުގައި ނުޖެހި ސަލާމަތުން ތިބުމަށް މަސައްކަތް ކުރުމެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން