އަހުމަދު ޔާމިން   16 ޖުލައި 2023 - 21:47
ފޮޓޯ: ސޯޝަލްމީޑިއާ
ފޮޓޯ: ސޯޝަލްމީޑިއާ
ވެރިންނަކީ ކޮބައިތޯ އަހާލުމުން ފުރިހަމަ މުސްލިމެއްގެ ވިސްނުމަށް އެންމެ ފުރަތަމަވެސް އަންނާނީ، މާތްﷲ އިރާދަކުރެއްވި އިންސާނަކަށް ޙަވާލުކުރައްވާ، އަދި މަޙުޝަރު ދުވަހުން އެ ޒިންމާ އުފުލި ގޮތާމެދު އެމީހަކަށް ސުވާލު ކުރެވޭނެ އަމާނާތެއް ކަމަށެވެ. އެއީ ވެރިންނަކީ އެބައެއްގެ ބަލަދުވެރިޔާ ކަމުގައި ވާތީއެވެ.

މި އިބާރާތްކޮޅުން ތަޞައްވުރު ކުރެވެނީ ހަމައެކަނި ޤައުމުތަކުގެ ވެރިންނެއް ނޫނެވެ. ތިން މީހަކު ކުރާ ދަތުރެއްގައިވެސް ވެރިޔަކު އިސްކުރުމަށް އިސްލާމްދީން ބާރު އަޅައެވެ. އެހެންކަމުން، އިސްލާމްދީނުގެ ނަޒަރުން ވެރިންގެ ސިފަތައް މި ލިޔުންކޮޅު މެދުވެރިކޮށް ކިޔުންތެރިންނާ ހިއްސާކޮށްލާނަމެވެ.

ވެރިންނަކީ ޢަމަލާއި ބަހުން ފުރިހަމަ މުސްލިމެއްގެ ގޮތުގައި ޘާބިތުވާ، އީމާންތެރި ބަޔަކަށް ވާންވާނެއެވެ. މުސްލިމުންގެ މައްޗަށް އެންމެ އެދެވިގެންވަނީ ކޮންމެ ކަމެއް ކުރުމުގައިވެސް އިސްލާމްދީނުގެ ހަމަތަކާއި އެއްގޮތަށް ޢަމަލުކުރާ، އެބައިމީހުންގެ ތެރޭގައި ހިމެނޭ، ތަޞައްރަފު ފުދިގެންވާ މީހަކު އެބައިމީހުންގެ ވެރިއަކަށް އިޚްތިޔާރުކުރުމެވެ.

މީގެ އިތުރުން، ވެރިއަކަށް އިސްކުރެވޭ ފަރާތަކީ ޢިލްމާއި ޙިލްމު ލިބިގެންވާ، ޞާލިޙް ޢަމަލުކުރުމުގައާއި ﷲ މަތިން ހަނދުމަކުރުމުގައި ދެމިހުންނަ މީހަކަށް ވާންވާނެއެވެ. އެހެނީ، އެފަދަ އިންސާނަކު މެނުވީ ﷲއަށް ބިރުވެތިވެ، އަނެކާގެ ޙައްޤުތައް ޙިމާޔަތްކޮށް، ޢަދުލުވެރިވުމުގައި ދެމިނުހުންނާނެއެވެ.

އެހެނެއްކަމަކު ވެރިއަކަށް އިސްކުރެވޭ ފަރާތަކީ އެބައެއްގެ ހުރިހާ ލަނޑުދަނޑިތަކެއް ޙާޞިލްކުރުމަށް ބޭނުންވާ ޢިލްމާއި ތަޖުރިބާ ލިބިފައިވާ މީހަކަށް ނުވެދާނެއެވެ. ނަމަވެސް، އެފަދަ ޙާލަތެއްގައި ކަމުގެ ތަޖުރިބާކާރުންނާއި މަޝްވަރާކުރަން ފަސްނުޖެހޭ، ޒިންމާދާރުކަމާއިއެކު މަސްއޫލިއްޔަތު އަދާކުރެވޭނެ ޤާބިލު ބަޔަކަށް ވެރިންގެ ގޮތުގައި އިސްކުރެވޭ ފަރާތްތައް ވާންވާނެއެވެ.

މުސްލިމުންގެ މައްޗަށް އިސްކުރެވޭ ވެރިންނަކީ ހަމައެކަނި ދުނިޔަވީ ދިރިއުޅުން ބާއްޖަވެރިކުރުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ ބައެއް ނޫނެވެ. އޭނާގެ ބެލުމުގެ ދަށުގައިވާ އެންމެހާ މީސްތަކުންނަށް ދުނިޔެއަކީ ވަގުތީ ތަނެއްކަން ހަނދުމަކޮށްދީ، އާޚިރަތުގެ ދާއިމީ ގޯތި ބާއްޖަވެރިކުރުމަށް ވެރިން ބާރުއަޅަންޖެހޭނެއެވެ. އެހެން ނޫންނަމަ އެ ޖަމާޢަތެއްގެ އަފުރާދުން ގެއްލުމާއި ހަލާކަށް ހުށައެޅިގެން ދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ސުވާލަކީ ވެރިން އިޚްތިޔާރު ކުރާއިރު އަޅުގަނޑުމެން މިކަންކަމަށް ވިސްނަންތޯއެވެ؟ ކަނބަލުން ކައިވެންޏަކަށް ކުރިމަތިލާއިރު ޙަލާލް، ރިވެތި ދިރިއުޅުމެއް ހޯދައިދެވޭނެފަދަ ވެރިއަކު އިޚްތިޔާރުކުރަންތޯއެވެ؟ އަދި ފިރިހެނުން ﷲ ދެއްވާ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރެވޭފަދަ ވެރިއަކު އިޚްތިޔާރު ކުރަންތޯއެވެ؟

މިކަންކަމަކީ ޤައުމެއްގައި ވެރިކަން ކުރުންފަދަ މަސްއޫލިއްޔަތު ބޮޑު ކަމަކަށް ނުވެދާނެއެވެ. ނަމަވެސް ޙަޔާތުގެ ބައިވެރިއަކީވެސް ހަމަ ވެރިއެއް ނޫންތޯއެވެ؟ ޤައުމެއް ވިޔަސް އަދި ޢާއިލާއެއް ވިޔަސް، މިފަދަ ކަންކަމަށް ވިސްނައިގެން ގޮތް ނިންމުމުން ދެދުނިޔޭގެ ބާއްޖަވެރިކަމަށްވެސް ދޮރު ހުޅުވިގެންދާނެއެވެ.

މަރުޖިޢު: ރިސަރޗްގޭޓް.ނެޓް (ތަރުޖަމާ: ޝަބާ)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން