ޖޯންސަންސް ބޭބީ ޕައުޑަރ
ޖޯންސަންސް ބޭބީ ޕައުޑަރ
މަޤުބޫލު ޖޯންސަންސް އެންޑް ޖޯންސަންސްއާ ދެކޮޅަށް ގިނަމައްސަލަތަކެއް ފެންމަތިވެ އެކުންފުންޏާ ދެކޮޅަށްދައުވާކުރަންފަށައިފިއެވެ.

ތުއްތު ކުދިންނަށް ޚާއްސަކޮށްގެން މާކެޓު ކުރާތާ ޒަމާންތަކެއްވެފައިވާ ޖޯންސަންސް އެންޑް ޖޯންސަންސްގެ ފުށުގައި ކެންސަރަށް މަގުފަހި ކުރުވާ މާއްދާތައް ހިމެނޭތީ އެންމެ ފުރަތަމަ އެކުންފުންޏަށް ދަޢުވާކޮށްފައިވަނީ 2006 ވަނަ އަހަރުގައެވެ. އެއީ ފިޒިޝަންއެއްގެ އެސިސްޓެންޓް މަޤާމުގައި މަސައްކަތް ކުރަމުން އައި އުމުރުން 49 އަހަރުގެ އަންހެނަކަށް މިފުށުގެ ސަބަބުން އޮވޭރިންއަން ކެންސަރ ޖެހުމުން، އޭނާ ހުށަހެޅި ދައުވާގެ މައްސަލައެކެވެ. އޭރު ޖޯންސަންސް އިން، ޑިއޭން ބާގް ނަމަކަށް ކިޔާ މިއަންހެން މީހާއަށް ފައިސާދީފައި ކޭސް ބަންދުކުރަން އެއިރު ވަނީ މަސައްކަތްވެސްކޮށްފައެވެ.

ރުއިޓާރސްއިން ރިޕޯޓުކޮށްފައިވާގޮތުގައި ޖޯންސަންސް އެން ޖޯންސަންގެ ޓެލްކަމް ޕައުޑަރ އުފެއްދުމަށް މައިންކުރެވޭ ބައެއް ތަންތަނުގައި ކެންސަރަށް މަގުފަހިކުރުވާ އެސްބެސްޓޯސް ނަމަކަށް ކިޔާ ވިހަ މާއްދާއެއް އެކުލެވެއެވެ. އަދި މިއީ ޓެލްކަމްއިން ފަސޭހައިން ވަކިކޮށްނުލެވޭ މާއްދާއެއްކަމުން މިކުންފުނިން އުފައްދާ ޓެލްކަމް ޕައުޑަރގައި ގިނަ އަދަދަކަށް މިމާއްދާ އެކުލެވޭ ކަމުގައެވެ.

އެސްބެސްޓޯސްގެ މައުލޫމާތުތައް މިފަހަކަށްއައިސް ފެންމަތިވެ އެކުންފުނީގެ މައްޗަށް ގިނަ ދައުވާތަކެއް ދަނީ އުފުލަމުންނެވެ. ނަމަވެސް މިކޭސްތަކުން ގެއްލުންވި މީހުންނަށް ބަދަލު ނުދިނުމަށް ޖޯންސަންސް އެންޑް ޖޯންސަންސްއިން މިއަހަރުގެ ޖެނުވަރީ މަހުގައި ވަނީ ބޭންކްރަޕްސީ ޕަލޭންކޮށް، އެޕީލްކޮށްފައެވެ.

ޔޫއެސް ކޯޓް އޮފް އެޕީލްއިން އޭޕްރިލް މަހުގައި ބަޔާން ނެރެފައިވާ ގޮތުން ޖޯންސަންސް އެންޑް ޖޯންސަންސް އިން ބޭންކްރަޕްސީ އިއުލާންކުރުމުގެ ހާލަތެއް މާލީގޮތުން ކުރިމަތި ނުވާތީ މިގޮތަށް އެކުންފުނިން ނިންމުމުގެ އިޚްތިޔާރު މިހާލަތުގައި ލިބިގެންނުވާކަމުގައިއެވެ. ހަމައެއާއެކު ޖޯންސަންސް އެންޑް ޖޯންސަންސް ގެ އެޕީލް ބަލައިނުގަނެ އެކުންފުންޏާ ދެކޮޅަށް 40000 ދައުވާގެ މައްސަލަތައް އެމެރިކާގެ ސިވިލްކޯޓުގައި ވަނީ ބަލަންފަށާފައެވެ.

ތުއްތުކުދީންގެ ޒަމާންވީ ބައިވެރިޔާ ޖޯންސަންސް އެންޑް ޖޯންސަންސްއިން ވަނީ 2019 ވަނަ އަހަރުގައި 33،000 ބޭބީ ޕައުޑަރފ ފުޅި ރިކޯލްކޮށްފައެވެ. އަދި 2020 ގައި ކޯންސްޓަރޗް އިން ތައްޔާރުކުރެވޭ ފުށަކަށް ބަދަލު ކޮށްފައެވެ. އެހެންނަމަވެސް، އަދިވެސް އެކުންފުނިން ބުނަމުންދަނީ ކެންސަރަށް މަގުފަހި ކުރުވާ އެސްބެސްޓޯސް ހިމެނޭ އެއްވެސް ޕްރޮޑަކްޓެއް އެކުންފުނިން ވިއްކާފައި ނުވާނެ ކަމަށެވެ. އަދި ދައުވާތަކުގައި އެކުންފުނީގެ މައްޗަށް ކުރިމަތި ކުރުވަމުންގެންދަނީ އެއްވެސް ހަޤީޤަތެއްނެތް ދޮގު ތުހުމަތުތަކެއް ކަމުގައެވެ.

ޖޯންސަންސް އެންޑް ޖޯންސަންސް ކުންފުނީގެ މައްޗަށް ކުރަމުންދާ ތުހުމަތުތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ މެސޮތެލިއޯމާ ކިޔާ ހަށިގަނޑުގެ ގުނަވަންތަކުގެ ބޭރުފަށަލަ ހަލާކުކޮށްލާ ކެންސަރައާއި އޮވޭރިއަން ކެންސަރު ބަލީގެ މައްސަލަތަކެވެ. މެސޮތެލިއޯމާއަކީ އެސްބަސްޓޯސްއަށް މީހާ ހުށަހެޅުމުން ޖެހޭ ކެންސަރުގެ ވައްތަރެއްކަން މިހާރު ވަނީ ދެނެގަނެވިފައެވެ.



މީގެ ތެރޭގައި ހިމެނޭ އެއްކޭސްއަކީ އެމެރިކާގެ ކެލިފޯނިއާއަށް ނިސްބައްވާ ފިރިހެނަކަށް އާއްމުކޮށް ނުފެންނަ ވައްތަރެއްގެ ކެންސަރު ޖެހުނު މައްސަލައެކެވެ. މިމައްސަލައިގައިވެސް ދައުވާކުރަނީ ޖޯންސަންސް އެންޑް ޖޯންސަންސް ކުންފުނީގެ ޓެލްކަމް ޕައުޑަރުން ހަށިގަނޑަށް އެސްބަސްޓޯސް ވާސިލްވެ ކެންސަރު ޖެހެން މެދުވެރިވިކަމަށެވެ. 6 ހަފްތާވަންދެން ދިގު ދެމިގެންދިއަ މި މައްސަލައިގައި ކޯޓުން ނިންމާފައިވަނީ އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލުގައި 3.8 ބިލައަން އެމެރިކާ ޑޮލަރު ދިނުމަށެވެ. އެއީ ބޭސްފަރުވާއަށް ދިޔަ ޚަރަދުގެ އިތުރުން މީހާގެ ދިރިއުޅުމަށް ލިބުނު ގެއްލުމާއި އޭނާއަށް މިކަމުން ލިބުނު އަނިޔާގެ ބަދަލުގެ ގޮތުންނެވެ.

މިކޭސްގައި ދައުވާކުރާ 24 އަހަރުގެ ހާނާޑެޒް އޭނާގެ އެދައުވާގައި ބުނެފައިވާ ގޮތުން، ކެންސަރަށއ ހުށަހެޅުނީ ތުއްތުއިރު ޓެލްކަމް ޕައުޑަރ ބޭނުންކުރުމުން ކަމަށާއި އެއިރުއްސުރެ ހަށިގަނޑުގެ ގުނަވަންތަކުގެ ބޭރުފަށަލަ ހަލާކުވެ، ހިތުގެ ވަށައިގެންވާ ބޭރުފަށަލައިގައި މެސޮތެލިއޯމާ ބަލި އުފެދެން ފެށިއެވެ.



ޖޯންސަންއެންޑް ޖޯންސަން ކުންފުނިން އަނެއްކާވެސް ބޭންކްރަޕްސީއަށް ހުށަހަޅާފައިވާ މިދަނޑިވަޅުގައި ހާނާޑެޒްގެ ކޭސް ބަލައިގަތުމަށް ހުއްދަދީފައިވަނީ އޭނާގެ ފުރާނާއަށް ނުރައްކާވެފައިވާތީ ކަމަށާއި އަދި ދުނިޔޭގައި ހުރުމަށް މިހާރު އޭނާއަށް ލިބިފައިވާ ވަގުތު ކުޑަކަމަށް ޑޮކްޓަރުން ލަފާދޭތީކަމަށް ކެލިފޯނިއާގެ ޔޫއެސްގެ ޗީޕް ބޭންކްރަޕްސީ ޖަޖް މައިކަލް ކެޕްލިން ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން