ގައުމީ އިންސްޓެންޓް ޕޭމެންޓް ނިޒާމުގައި ބައިވެރިވާ ތިން ބޭންކަކާއި އެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ގައުމީ އިންސްޓެންޓް ޕޭމެންޓް ނިޒާމަކީ ރާއްޖޭގައި ކުރާ މުޢާމަލާތްތަކުގައި ވަގުތުން ފައިސާ ޖަމާވެ ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ނިޒާމެކެވެ. މިނިޒާމާއެކު ބޭންކުތަކުން ލިބޭ ހިދުމަތްތައް އެއްނިޒާމެއްގެ ތެރެއިން ގުޅާލެވިގެން ދާނެކަމަށް އެމްއެމްއޭއިން މަޢުލޫމާތުދެއެވެ.

އެމްއެމްއޭއިން ބުނީ މިނިޒާމުގެ ސަބަބުން އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްތައް ކުރާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމުކުރެވޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ މިއަދު އެމްއެމްއޭ އާއެކު އެއްބަސްވުމުގައި ސޮއި ކުރި ތިން ބޭންކަކީ ފުރިހަމަ ކުރަން ޖެހޭ ޓެސްޓުތައް ފުރިހަމަކޮށްފައިވާ ތިން ބޭންކުކަމަށެވެ. އަދި ވަރަށް އަވަހަށް މި ނިޒާމުގެ ޕައިލެޓް ޓެސްޓިން ފަށާނެ ކަމަށާއި އޮގަސްޓް މަހުގެ ފަހު ހަފްތާގެ ތެރޭގައި މުޅި ނިޒާމު އެއްކޮށް ލޯންޗް ކުރުމަކީ އެމްއެމްއޭގެ އަމާޒުކަމަށްވެސް ހާޝިމް ވިދާޅުވި އެވެ.

އެމްއެމްއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއެމްއޭއާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އެވެ.

އެމްއެމްއޭއިން އިސްނަގައިގެން ކުރިއަށް ގެންދާ ގައުމީ އިންސްޓެންޓް ޕޭމެންޓް ނިޒާމުގެ ޕައިލެޓް ފޭސްގައި ތިން ބޭންކުން ބައިވެރިވި ނަމަވެސް ރަސްމީކޮށް މި ނިޒާމް ބޭނުން ކުރަން ފަށާއިރު އިތުރު ބޭންކުތައް ބައިވެރިވާނެ ކަމަށް އުންމީދު ކުރާކަމަށް އެމްއެމްއޭއިން ބުނެ އެވެ.

އިންސްޓެންޓް ޕޭމެންޓް ނިޒާމުގައި ބައިވެރިވި ބޭންކުތަކާއި އެކު އެމްއެމްއޭގެ ފަރާތުން ސޮއި ކުރެއްވީ އެ އޮތޯރިޓީގެ އެސިސްޓަންޓް ގަވަރުނަރު މަރިޔަމް ހުސެއިން ދީދީ އެވެ. ބީއެމްއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑެޕިއުޓީ ސީއީއޯ އައިޝަތު އަލީ ނޫރައްދީން އެވެ. އެމްއައިބީގެ ފަރާތުން އެ ބޭންކުގެ ސީއީއޯ މުފައްދަލް އިދްރީސް ޚުމްރީ އެއްބަސްވުމުގައި ސޮއި ކުރެއްވި އިރު އެސްބީއައިގެ ފަރާތުން ސޮއި ކުރެއްވީ އެ ބޭންކުގެ ކަންޓްރީ މެނޭޖަރ އަދި ސީއީއޯ ޑޮރަބާބޫ ޑޮޕާޓީ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން