ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މައުރޫފް އަހްމަދު (މާއްޓޭ) (ވ). އެފްއޭއެމްގެ ރައީސް ބައްސާމް (ކ).
ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މައުރޫފް އަހްމަދު (މާއްޓޭ) (ވ). އެފްއޭއެމްގެ ރައީސް ބައްސާމް (ކ).
ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް ނިންމާފައިވާކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގައި ވާހަކަ ދައްކަވަމުން ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަހްލޫފް ވިދާޅުވީ، ސްޕޯޓްސް ކޯޕަރޭޝަނަކީ ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ހިންގާ ކުންފުންޏެއް ކަމަށާއި، އެ ކުންފުނިން އެކަށީގެންވާ ފައިދާއެއް ނުލިބޭ ކަމަށެވެ. އަދި ކުންފުނި އުވާލަން މިހާރު ސަރުކާރުގެ ކެބިނެޓުން ވެސް ނިންމާފައިވާ ކަމަށާއި، ކުންފުންޏަށް މިހާތަނަށް ލިބުނު ހަމައެކަނި ފައިދާއާއި، ލިބުނު ޕްރޮޖެކްޓަކީ މިނިސްޓްރީން އެކުންފުންޏަށް ދިން ޕްރޮޖެކްޓްތައް އެކަނި ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ މިއީ އުވާލަން ޖެހޭ ކުންފުންޏެއްކަން. މި ހަފުތާ ތެރޭ ބޭއްވުނު ކެބިނެޓް ވޯކިންގް ގްރޫޕްގައި ވެސް ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން މިއީ އުވާލަން ޖެހޭ ކުންފުންޏެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީގެ ބޭފުޅުން ވެސް އަދި އަޅުގަނޑުމެން ވެސް އެ ވޯކިންގް ގްރޫޕުގައި ހެދުނު ސަބް ކޮމިޓީތަކުގައި ވެސް ވަނީ މިކަމަށް މަޝްވަރާ ކުރެވިފައި." މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ، ސްޕޯޓްސް ކޯޕަރޭޝަނަށް މިހާތަނަށް ލިބުނު ހަމައެކަނި ޕްރޮޖެކްޓަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯ ޖިމްގެ ސާމާނު ސަޕްލައިކޮށްދިނުމަށް ޔޫތް މިނިސްޓްރީއާއެކު ވެވުނު އެއްބަސްވުން ކަމަށް ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ކުރީގެ މަޝްހޫރު ގޯލް ކީޕަރު މައުރޫފް އަހްމަދު (މާއްޓޭ) ވިދާޅުވެފައިވާ ކަމަށެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ އޮފީހަކީ ވެސް މިނިސްޓްރީން ހިލޭ ހަމަޖައްސާދީފައިވާ ތަނެއް ކަމަށާއި، މިނިސްޓަރު ކަމަށް މަހްލޫފް ވަޑައިގެން ފަހުން ދެފަހަރަށް އެތަނުގެ މުއްދަތު އިތުރު ކޮށްދީފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ކުޅިވަރު ދާއިރާ ތަރައްޤީކޮށް، އެދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަން ވުޖޫދަށް އައިސްފައިވަނީ 2015 ވަނަ އަހަރުގެ މާރޗް މަހުގެ 15 ވަނަ ދުވަހުއެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ކުޅިވަރުގެ އޮނިގަނޑު ކުރިއެރުވުމާއި، ކޯޕަރޭޝަނަށް ނަގުލުކުރެވޭ މުދަލާއި އެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކުޅިވަރު ޗެނަލް ތަރައްގީކުރުމެވެ. މީގެ އިތުރުން ކުޅިވަރުގެ ދާއިރާއަށް ނިކުންނަށް އެދޭ ޒުވާނުންނަށް އެކަން ފަހިކޮށްދީ ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލްކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރައި ތަމްރީން ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން