އެމެރިކާއާއި ޗައިނާގެ ގުޅުންތައް ފިނިވަމުންދާ ދިޔުމަށް ބަލާ، ވިސްނައިގެން، އެމެރިކާގެ އެޕަލް ކުންފުނީގެ އައިފޯނު އުފެއްދުމުގެ ބަދަލުގައި، ކަރަންޓުން ދުއްވާ ކާރު އުފެއްދުމަށް ޓައިވާނުގެ ފޮކްސްކޮން ކުންފުނިން ތައްޔާރުވާން ފަށައިފިއެވެ.

ފޮކްސްކޮންގެ އައިފޯނު އުފައްދާ ކާރުޚާނާތައް ހުންނަނީ ޗައިނާގައެވެ. ބީބީސީއަށް ދިން ޚާއްޞަ ބަސްދީގަތުމެއްގައި، ފޮކްސްކޮންގެ ވެރިޔާ ޔަންގް ލިއު ވިދާޅުވީ، އޭނާގެ ކުންފުނީގެ ކުރިމަގު އޮތީ ކަރަންޓުން ދުއްވާ އުޅަނދުފަހަރު އުފެއްދުމުގައެވެ.

"އެމެރިކާއާއި ޗައިނާގެ ގުޅުން ހީނަރުވަމުންދާއިރު ، އަޅުގަނޑުމެން އެބަޖެހޭ އެންމެ ނުބައި ޙާލަތަށް ތައްޔާރުވެ ތިބެން. ޞުލްޙަޔާއި ހަމަޖެހުމަށް ދެގައުމުގެ ވެރިން އިސްކަންދޭނެކަމަށް އަޅުގަނޑުމެން އުންމީދު މިކުރަނީ" ، ޓައިވާނުގެ ޓައިޕެއިގައި ހުންނަ އޭނާގެ އޮފީހުގައި ބީބީސީއަށް ދެއްވި ބަސްދީގަތުމުގައި އުމުރުން 67 އަހަރުގެ ލިއު ވިދާޅުވިއެވެ.

ލިއު ވިދާޅުވި ގޮތުގައި އޭނާގެ ވިޔަފާރި ނުހުއްޓި ކުރިޔަށް ގެންދެވޭނެ ހުރިހާ ތަދުބީރެއް އޭނާ ގެންދަވަނީ ކުރަށްވަމުންނެވެ. އެގޮތުން ގައުމީ ސަލާމަތާ ގުޅުންހުންނަ ބާވަތްތައް އުފައްދާ ، ޗައިނާގައިހުރި އޭނާގެ ކުންފުނީގެ ކާރުޚާނާތައް ބަންދުކޮށް ، އެކާރުޚާނާތައް މެކްސިކޯއާއި ވިއެޓްނާމަށް ބަދަލުކުރަށްވަމުން ގެންދަވާކަމަށް ލިއު ވިދާޅުވިއެވެ.

1974 ގައި ފޮކްސްކޮން ކުންފުނިން ވިޔަފާރި ފެށީ "ހޮން ހައި ޓެކްނޮލޮޖީ ގްރޫޕް"ގެ ނަމުގައެވެ. ދުނިޔޭގެ އެންމެ ބާރުގަދަ އެއް ޓެކްނޮލޮޖީ ކުންފުނީގެ ގޮތުގައި ފޮކްސްކޮންގެ ނަން ވަނީ މިހާރު ގުނަން ފެށިފައެވެ. ފޮކްސްކޮންގެ އަހަރީ ވިކުރާ މިހާރުވަނީ 200 ބިލިއަން ޑޮލަރަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން