ދުންފަތުގެ ސަބަބުން ޒުވާނުންގެ ޖިންސީއެދުންވެރިކަން ދަށްވެ، ކުދިން ނުލިބުމަށް މެދުވެރިވޭ
ދުންފަތުގެ ސަބަބުން ޒުވާނުންގެ ޖިންސީއެދުންވެރިކަން ދަށްވެ، ކުދިން ނުލިބުމަށް މެދުވެރިވޭ
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ގެއްލުންހުރި ކަމެއް ކަމުގައި އެންމެނަށްވެސް އެނގެއެވެ. މިއީ ފުއްޕާމޭގެ ކެންސަރަށް މަގުފަހި ކުރުވާ ހަށިގަނޑުގެ އެކިއެކި ގުނަވަނުގެ ބާރު ކަނޑުވާލާ މާއްދާތައް އެކުލެވޭވެސް އެއްޗެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖިންސީގޮތުން ބަލިކަށިވާކަމަކީ ގިނަ ބަޔަކު ހައިރާން ކުރުވާ އަދި ޤަބޫލު ކުރަން ބޭނުންނުވާ ހަޤީގަތެކެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުން ހަށިގަނޑަށް އެތެރެވާ ނިކޮޓިންގެ ވިހަ މާއްދާތަކުން ލޭހޮޅިތަކުގައި ޕްލޭކް އުފެދި ލޭހޮޅިތައް ހަނިވެ ކްލޮޓްވާން މެދުވެރިވެއެވެ. މިހެންވުމުގެ ސަބަބުން ހަށިގަނޑުގެ އެކި ސަރަހައްދުތަކަށް އެކަށީގެންވާ މިންވަރަށް ލޭދައުރުކޮށް ނުދެވެއެވެ. ޖިންސީ ގުނަވަން މަސައްކަތް ކުރުމަށްޓަކައި އެގުނަވަނަށް ލޭ ފޯރުވައިދޭންޖެހެވެ.

ކަންމިހެންއޮތުމާއެކު ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ދެމަފިރިކަމުގެ ގުޅުން އެބޭނުންވާ ވަގުތު ހިންގުމަށް ނުކުޅެދުމަކީ ނުވަތަ އެރެކްޓައިލް ޑިސްފަންގްޝަންގެ މައްސަލަ މެދުވެރިވުމަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މިހާރުގެ ގިނަ ޒުވާނުންނަށް ކުރިމަތިވާ އެންމެ ބޮޑު މައްސަލައެކެވެ.

އަންހެނުންގެ ޚާއްސަ ޑޮކްޓަރ، ޑޮކްޓަރ ނުޕުރު ގުޕްތާ ވިދާޅުވާގޮތުންނަމަ މިއީ އަންހެނުންނާއި އަދި ފިރިހެނުންނަށްވެސް ޖިންސީގޮތުން ގެއްލުން ލިބޭ ކަމެކެވެ. ލޭދައުރު ނުވުމުގެ ސަބަބުން ފިރިހެނުންނަށް އިރެކްޓައިލް ޑިސްފަންގްޝަން ދިމާވާއިރު ދުންފަތުގެ އިސްތިއުމާލު ކުރާ އަންހެނުންގެ ކުރިމަތިފަރާތުގައި ހުންނަންޖެހޭ ތެތްކަން ކުޑަވުމުގެ ސަބަބުން ދެމަފިރިކަމުގެ ގުޅުމުގައި ދެމީހުންނަށްވެސް ތަދުވާގޮތްވެ އުނދަގޫތަކާ ކުރިމަތިލާންޖެހެއެވެ.

މީގެއިތުރުން ދުންފަތުގެ އިސްތިއުމާލުކުރާ ދެޖިންސުގެ މީހުންގެވެސް ލިބީޑޯ ނުވަތަ އެދުންވެރިކަންވެސް ކުޑަވާކަމަށް ޑޮކްޓަރ ގުޕްތާ ވިދާޅުވެއެވެ. އަދި މިއީ ދެޖިންސުގެ މީހުންގެ މެދުގައިވެސް ދަރިމައިނުވުމުގެ މައްސަލަތައް ކުރިމަތިވާ ކަމެއްކަމުގައިވެސް ބުނެދެއްވާފައިވެއެވެ.

ނިއުސް 9 ލައިވްގައި ރިޕޯޓްކޮށްފައިވާ، ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭ ގެއްލުން ދެނެގަތުމަށް ކުރެވުނު ދިރާސާއެއްގައިވާގޮތުން ދުވާލެއްގެ މައްޗަށް 20 ސިނގިރޭޓު ބޯމީހުން، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނާއި އަޅައިބަލާއިރު ޖިންސީގޮތުން ބަލިކަށިވެފައި ދެމަފިރިން ގުޅުންހިނގާއިރު އެކަށީގެންވާވަރާ ގާތަށްވެސް ހިތްހަމަޖެހުން ލިއްބައިނުދެއެވެ. އަދި އިރެކްޓައިލް ޑިސްފަންގްޝަން ނުވަތަ ޖިންސީ ބާރު ކެނޑުމުގެ މައްސަލަ އުމުރު މަތިވާވަރަކަށް އިތުރުވާކަމުގައިވެސް މިދިރާސާއިން ދައްކައެވެ.

ޖިންސީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތައް

- ޖިމާޢުވުމަށް ޝައުޤުވެރިކަންނެތުން؛

ޑޮކްޓަރ ގުޕްތާ ބުނާގޮތުން، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަށިގަނޑުން ޓެސްޓަސްޓްރޯން މިންވަރު ދަށްކޮށްލާ ކަމެކެވެ. ޓެސްޓަސްޓްރޯން ހޯމޯންއަކީ ފިރިހެނުންގެ ސެކްޝުއަލް ފަންގްޝަން ރެގިއުލޭޓްކޮށްދޭ އަދި ޖިންސީ އެދުންވެރިކަން ގެނުވުމަށް ބޭނުންވާ ހޯމޯންއެކެވެ. ދުންފަތުގެ އިސްތިއުމާލުކޮށް ހަށިގަނޑަށް ކާބަން މޮނޮކްސައިޑުގެ މާއްދާ ފޮނުވާލުމުން ޓެސްޓަސްޓްރޯން ދަށްވެއެވެ. އަދި ޖިންސީ އެދުންވެރިކަން ކުޑަވެއެވެ.

- އެރެކްޓައިލް ޑިސްފަންގްޝަން؛

ފިރިހެނާއަށް ޖިންސީއެދުންވެރިކަން ގެނުވައި ގުޅުން ހިންގުމަށް ހަށިގަނޑުގެ ތައްޔާރުކޮށްދެނީ ލޭ ސަޕްލައި ކޮށް ޖިންސީ ގުނަވަން އެކަމަށް ތައްޔާރުވުމުންނެވެ. އެހެންނަމަވެސް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ލޭހޮޅިތަކަށް އެކަށިގެންވާ ވަރަށް ލޭފޮނުވައިނުދެވުމުން އެރެކްޓައިލް ޑިސްފަންގްޝަން މެދުވެރިވެއެވެ. އުރުމުން 20 ގެ އަހަރުތަކުގެ ޒުވާން ފިރިހެނުންނަށްވެސް ދުނަފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން މިގޮތް ދިމާވާކަމަށް ޑޮކްޓަރުން މައުލޫމާތު ދެއެވެ. މީގެއިތުރުން ދުންފަތުގެ އިސްތިއުމާކުރާ ދެޖިންސުގެ މީހުންނަށްވެސް ދަރިން ހޯދުމަށް އުނދަގޫވެ އިންފާޓިލިޓީ މެދުވެރިވާކަމަށްވެސް ޑޮކްޓަރުން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން