ބޭރުގައުމަކުން ކިޔަވަންދިޔުމުން ދުނިޔެއަށް ލޯހުޅުވި ޒިއްމާދާރުމީހަކަށްވުމަށް މަގުފަހިވޭ
ބޭރުގައުމަކުން ކިޔަވަންދިޔުމުން ދުނިޔެއަށް ލޯހުޅުވި ޒިއްމާދާރުމީހަކަށްވުމަށް މަގުފަހިވޭ
ބޭރު ޤައުމެއްގައި ތަޢުލީމު ޙާސިލްކުރުމުގެ ފުރުބަތު ލިބުމަކީ ރަނގަޅު ތަޢުލީމެއް ލިބުމުގެ އިތުރުން ދިރިއުޅުމުގައި އައު ތަޖުރިބާތަކެއް ލިއްބައިދީ އެހެން ސަޤާފަތްތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް މީހާ ލޯ ހުޅުވައިދޭނެ ކަމެކެވެ. މިހާރަކަށް އައިސް ގިނަ ދަރިވަރުން ބޭރަށް ކިޔަވަންދާން ބޭނުންވަނީ މިސަބަބާއި ހުރެއެވެ.

ބޭރު ޤައުމެއްގައި ތަޢުލީމް ހާޞިލްކުރުމަކީ ކަންކަން އަމިއްލައަށް ކުރަންދަސްވެ، އެކަންކަން ޒިއްމާދާރުކަމާއެކު ބަލަހައްޓަން އެނގި އާއްމު ދިރިއުޅުމާއި މަސައްކަތުގެ މާހައުލަށް ދަރިވަރު ތައްޔާރުކޮށް އެކުދިންގެ ދިރިއުޅުމުގައި ތަފާތު ފެނިގެންދާނެ ކަމެކެވެ. މީގެތެރެއިން އެންމެ މުހިންމު ސަބަބުތައް ތިރީގައި ލިސްޓުކޮށްލާނަމެވެ.1. އެހެން ސަޤާފަތްތަކަށް ލޯހުޅުވުން؛

އާއްމު ދިވެހިންގެ ވިސްނުމާއި ޚިލާފަށް، އެހެން ޤައުމުތަކުގެ ސަޤާފަތްތަކަށް ދަރިފުޅު ލޯހުޅުވުމަކީ މިބަވަނަވަމުން އަންނަ ދުނިޔޭގައި ވަރަށް މުހިންމު ކަމެކެވެ. އެހެން ޤައުމެއްގައި ދިރިއުޅުމުން އެކުދިންނަށް އެހެން ޤައުމުތަކުގެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ސަޤާފަތް ހަމަލޮލުން ފެނި ތަޖުރިބާކޮށްލެވޭނެއެވެ. މީގެ މާނައަކީ އެއްވެސް ހާލަތެއްގައި ދަރިވަރުން އެހެން ޤައުމުތަކުގެ ޘަޤާފަތް ކޮފީކުރުމެއް ނޫނެވެ. އެކަން ބިނާވެގެންވަނީ ތަރުބިއްޔަތުގެ ތެރެއިން މައިންބަފައިން ކުއްޖާގެ ކިބައިގައި ދީނަށާއި ދިވެހިންގެ އާދަކާދައިގެ މުހިންމުކަން ކިޔައި ދިން މިންވަރަކަށެވެ. އެކުދިން ބޮޑެތިވެގެން އެކި ތަންތަނުގައި ވަޒީފާ އަދާކުރާއިރު މިފަދަ ކަންކަމަށް ލޯހުޅުވިފައިވާނަމަ މީހުންނާއިއެކު، އަމިއްލަވަންތަކަން ގެއްލުވައިނުލައި ސުލްހަވެރިކޮށް އުޅެން ދަސްވާނެއެވެ.

2. ވަޒީފާގެ ފުރުސަތު އިތުރުވުން؛

ބޭރު ޤައުމެއްގައި ކިޔަވައިގެން އަންނަ ދަރިވަރުންނަކީ އެހެން ދަރިވަރުންނާއި ބަލައި ކަންކަމަށް ލޯހުޅުވި އަދި ކަންކަން ފަސޭހައިން ނަގައިގަނެ ކަންކަމާއި ކުރިމަތިލުމުގެ ޤާބިލުކަން ހުންނަ ބައެއްކަމަށް ފާހަގަކުރެވެއެވެ. މީގެ އިތުރުން ބޭރު ޤައުމެއްގައި ކިޔެވުމުގައި ހޭދަވި ދުވަސްތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ އެކި އެކި ކުންފުނިތަކާއި މުއަސަސާތަކުގެ މީހުންނާއި ބައްދަލުވެ ގުޅުން ބަދަހިވެފައި ހުރުމުގެ ސަބަބުން ވަޒީފާގެ ފުރުޞަތުތައް ހޯދުމަށް ފަސޭހަވެގެން ދެއެވެ.

3. އަމިއްލަ ނަފްސު ތަރައްޤީވުން؛

އާއްމުކޮށް ބޭރަށް ކިޔަވަންދާ ދަރިވަރުން އުޅެނީ އެކަންޏެވެ. ނުވަތަ ކޮންމެވެސް ހޮސްޓެލްއެއްގައި އެކުގައި ކިޔަވާ އެހެން ދަރިވަރުންނާއި އެކުގައެވެ. މިގޮތަށް އަމިއްލަޔަށް ދިރިއުޅުމާއި ކިޔެވުމުގެ ކަންކަން ރާވައި ތަރުތީބުކޮށް އުޅުމުގެ ފުރުޞަތު ލިބިގެން ދިއުމުން އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ އިތުބާރު ބޮޑުވެ އެކަނި އުޅުމަށާއި ކަންކަން ދިމާވުމުން ހައްލު ކުރަން ދަސްވެއެވެ. މީގެ އިތުރުން އައު ކަންކަން ދަސްވުމާއި އެހެން ޤައުމުތަކުން އެކުވެރިންވެސް ލިބިގެންދެއެވެ.

4. އައު ބަހެއް ދަސްވުން؛

އެހެން ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު ލިބުމުން އެޤައުމެއްގައި އުޅެ އެޤައުމުގެ ބަސް ދަސްވެއެވެ. މިއީ ސިކުނޑި ތަރައްޤީވުމުގެ އިތުރުން ކަންކަން ނިންމުމުގައި ތަފާތު ގޮތްތަކަށް ވިސްނުމުގެ ޤާބިލުކަން ގެނުވައި ދިރިއުޅުމުގައި ތަފާތު ފެނިގެންދާ ކަމެއްކަމުގައި ލެންގުއިސްޓިކް މާހިރުން ބުނެއެވެ. އަދި އެހެން ބަހެއް އެނގުމަކީ ވަޒީފާ ހޯދުމަށް ފަސޭހަވެގެންދާ ކަމެއްވެސް މެއެވެ.

5. ތައުލީމީ ގޮތުން ގިންތި މަތިވުން؛

ބައެއް ޤައުމުތަކުގައި ދެވޭ އިމްތިހާނުތަކަކީ ކޮލިފިކޭޝަން މަތި އިމްތިހާނުތަކެކެވެ. ވަކިން ޚާއްސަކޮށް އެންމެ ފަހުގެ ރިސާޗު ފެސިލިޓީ ތަކާއި ގިނަ ދާއިރާތަކުން ކިޔެވުމުގެ ފުރުޞަތުވެސް ބޭރުގެ ގިނަ ޤައުމުތަކުގައި ލިބެން ހުރެއެވެ. އެހެން ކަމުން ރާއްޖޭގައި ކިޔެވެން ނެތް ދާއިރާތަކުން ތައުލީމު ހާސިލްކުރުމަށް އަދި މަތީ ގިންތީގެ ކޮލިފިކޭޝަންއެއް ހާސިލްކުރުމުގެ ފުރުޞަތަކީ ބޭރުން ކިޔެވުމުގެ ފައިދާތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ބޭރަށް ކިޔަވަންދާ ވިސްނުން ހުރިނަމަ އެންމެ ރަނގަޅު ޔުނިވަރސިޓީ ހޯދުމަށް ރިސާޗު ކުރުމަކީ މުހިންމުކެމެކެވެ. އަދި ދާން ބޭނުންވާ ޔުނިވަރސިޓީގެ ކޮލިފިކޭޝަން ރާއްޖޭގެ އެމް،ކިއު،އޭއިން އެޕްރޫވް ކުރޭތޯ ބެލުމަކީވެސް އެހާމެ މުހިންމުކެމެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން