ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބިލެއްދޫ ދާއިރާގެ ބޮޑު މެޖޯރިޓީއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ލިބިވަޑައިގަންނަވާކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު ދޮންބިލެއް އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަވެފައިވާ ދޮންބިލެއް އަހުމަދު ހަލީމް މިހެން ވިދާޅުވީ އޭނާގެ ދާއިރާގައި ހިމެނޭ މަގޫދޫގެ ތަރައްޤީގެ މަސައްކަތްތަކެއްގެ ނިންމުން ފާހަގަކުރުމަށް އެ ރަށުގައި މިއަދު ބޭއްވި ޖަލްސާގައެވެ.

ހަލީމް ވިދާޅުވީ މީގެކުރީ ސަރުކާރުތަކުން ދާއިރާއަށް މާބޮޑަށް އަޅާލާފައިވާ ނުވާކަމަށާއިި ނަމަވެސް މި ސަރުކާރުން ފ.އަތޮޅުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާކަމަށެވެ. އެގޮތުން މި ސަރުކާރުން އެންމެ ގިނައިން ތަރައްޤީގެ މަސައްކަތްތައް ހިންގި ދާއިރާތަކުގެ ތެރޭގައި ބިލެއްދޫ ދާއިރާ ހިމެނޭކަމަށް ހަލީމް ވިދާޅުވިއެވެ.

"ބިލެއްދޫ ދާއިރާގެ ބޮޑު މެޖޯރިޓީއެއް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ލިބޭނެ. އެއީ މަނިކުފާނު މި ދާއިރާއަށް ކޮށްދެއްވި މަސައްކަތް.. އެ މަސައްކަތް ދާއިރާގެ ރައްޔިތުން ބަލައިގަނޭ." ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ސަރުކާރަށް ދޭންޖެހޭ އެއްބާރުލުން މަޖިލީހުގެ ތެރެއިން އޭނާ ސަރުކާރަށް ދެއްވާނެކަމަށެވެ.

ހަލީމް ވިދާޅުވީ އޭނާއަކީ ދާއިރާގެ ރައްޔިތުންގެ ވިންދާއި ރޫހާއި އެއްގޮތަށް ކުރިއަށްދާ މީހެއްކަމަށާއި، ބިލެއްދޫ ދާއިރާގެ ވިންދާއި ރޫހުވެސް ހުރީ ސަރުކާރާއެކު ކުރިއަށްދާންކަމަށެެވެ. އެހެންކަމުން އޭނާވެސް ހުންނަވާނީ އެގޮތުގައިކަމަށް ހަލީމް ވިދާޅުވިއެވެ. އަދި އޭނާއަކީ ވަކި މީހަކު ބުނާގޮތަކަށް ނުވަތަ ވަކި ފަރާތެއްގެ ނުފޫޒަށް ލެބިގެން ހުރި މީހެއް ނޫންކަމަށްވެސް ހަލީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން