ފ. މަގޫދޫގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ އެއަރޕޯޓް ވެގެންދާނީ ރާއްޖޭގައި އޮތް އެންމެ ފުރިހަމަ އެއަރޕޯޓަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ފ. މަގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެވުމަށާއި ފ. މަގޫދޫގައި އަލަށް ޢިމާރާތްކުރި ފެނަކަ އޮފީސް ޢިމާރާތް ހުޅުވުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. މިޖަލްސާ އޮތީ މިރޭ، މަގޫދޫ ބަނދަރު ސަރަޙައްދުގައެވެ.

މަގޫދޫގައި ހަދަމުންދާ އެއަރޕޯޓާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަގޫދޫ އެއަރޕޯޓު ވެގެންދާނީ ސަރަޙައްދީ އެއަރޕޯޓްތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު އެއަރޕޯޓަށް ކަމަށެވެ. އަދި މި އެއަރޕޯޓްގެ ޓަރމިނަލާއިއެކު ވީއައިޕީ ލައުންޖެއްވެސް ހެދިގެންދާނެ ކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މަގޫދޫ އެއަރޕޯޓަކީ ޕްރައިވެޓް ޖެޓްތައް ޖެއްސޭނެ އެއަރޕޯޓެއް ކަމަށާއި، އެއަރޕޯޓްގެ ރަންވޭ 1800 މީޓަރަށް ދިގުކުރުމަށް މިހާރު ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ޕްރައިވެޓް ޖެޓްތައް ޕާކުކުރާނެ ޖާގަ ހަދައި، ފްލައިޓްތަކަށް ޚިދުމަތް ދިނުމަށް ފިއުލް ފަރމެއްވެސް ހެދިގެން ދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން އެއަރލައިންތަކުގެ ކްރޫއިންނަށް ތިބެވޭނެ ގޮތަށް ހޮޓަލެއްވެސް ހަދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަގޫދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގާނެ މަޝްރޫޢުތަކުގެ ތެރޭގައި މަގޫދޫގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުން ހިމެނޭ ކަމަށެވެ. އަދި މަގޫދޫ ފަޅުގައި ރަށެއް ހިއްކައިގެން ރިޒޯޓު ހެދުމާއި ގުޅޭ ގޮތުން ބަޔަކާއި ވާހަކަދެކެވެމުން އަންނަކަމުގައިވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަގޫދޫ ތަރައްޤީވުމުގެ އެންމެ މުހިންމު ސަބަބަކީ މަގޫދޫ ރައްޔިތުންގެ އެއްބައިވަންތަކަން ކަމަށެވެ. އަދި މަގޫދޫ ތަރައްޤީކުރުމުގައި ރައްޔިތުން ތިބެނީ އެއްބައެއްގެ ގޮތުގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި، މަގޫދޫ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހަނދާނީ ފިލައެއް ވެދުމަށް އަރުވާފައެވެ. މި ހަނދާނީ ފިލާ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުވީ، މަގޫދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ވަޙީދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން