މި ސަރުކާރުގެ އަމާޒަކީ އިސްލާމީ ޔުނިވަރސިޓީއަކީ އިސްލާމް ދީނުގެ ޞައްޙަ އަޤީދާއާ އެއްގޮތަށް ދީނީ ޢިލްމު ފަތުރާ މި ސަރަޙައްދުގައި ހުރި އެންމެ ބޮޑު މަރުކަޒަށް ހެދުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި މިރޭ އެ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޙަފުލާ 2023ގެ ދެވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވަނީ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ޒުވާނުން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޔުނިވަރސިޓީން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. އަދި ހަރުކަށި ފިކުރާ ދެކޮޅަށް، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާ އެކުވެސް އިސްލާމީ ޔުނިވަރސިޓީން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ."އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ރަމްޒުކޮށްދޭ އެންމެ އުސް އެއް މަލަ. އަދި ރާއްޖޭގައި އިސްލާމީ ތަޢުލީމާއި ތަރުބިއްޔަތު ފެތުރުމުގައި، މި ޔުނިވަރސިޓީން އަދާކޮށްފައިވަނީ، އަދި އަދާކުރަމުން އަންނަނީ ވަރަށް މަތީ ދައުރެއް. މިއަދުގެ ސަރުކާރުގެ އަމާޒަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މި ޔުނިވަރސިޓީއަކީ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާ އެއްގޮތަށް ދީނީ ޢިލްމު ފަތުރައި، މި ސަރަޙައްދުގައި ހުރި އެންމެބޮޑު މަރުކަޒަށް ހެދުން." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ޒަމާނީ ޢިލްމު ފުޅާކޮށް، ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދީ މުޅި ރާއްޖެ ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލާފައެވެ. އެގޮތުން ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓުގެ 10.9 އިންސައްތަ ނުވަތަ 4.6 ބިލިއަން ރުފިޔާ ޚާއްޞަކޮށްފައި ވަނީ ތަޢުލީމީ ދާއިރާ އަށް ކަމަށެވެ.

މީގެ އިތުރުން ވެސް ހިލޭޑިގްރީ ޕްރޮގްރާމާއި ސްޓޫޑެންޓް ލޯނު ޕްރޮގްރާމާއި އަދި ޤައުމަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކޮށް އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ރައީސް ވަނީ ފާހަގަކުރަށްވާފައެވެެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން