ޔުނިވަރސިޓީގެ ލެކޗަރަރއިންގެ މުސާރައާ ބެހޭގޮތުން ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަން ފާހަގަކުރެވިގެން، ފިނޭންސް މިނިސްޓްރީއާއި ޕޭ ކޮމިޝަނާ އެކީގައި ކުރި މަސައްކަތްތައް ނިމުމަކާއި ހިސާބަށް ގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2023 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޤައުމުގެ ތަރައްޤީއަށްޓަކައި ކުރެވޭނެ އެންމެ ބޮޑު އިންވެސްޓަކީ، ޤައުމުގެ ދަރިންނަށް ފެންވަރު ރަނގަޅު ތަޢުލީމު ދިނުންކަމަަށެވެ. އަދި މި އަހަރުގެ ބަޖެޓުންވެސް ވަރަށް ބޮޑު ޕަރސެންޓެއް ތަޢުލީމީ ދާއިރާއަށް ކަނޑައަޅާފައި އޮންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

"އެއީ މުޅި ބަޖެޓުގެ ޖުމްލައިގެ 10.9 އިންސައްތަ، ނުވަތަ 4.6 ބިލިއަން ރުފިޔާ. އޭގެ ތެރެއިންވެސް 857 މިލިއަން ރުފިޔާ ޚާއްޞަކޮށްފައި ވާނީ، ޓަރޝަރީ އެޑިޔުކޭޝަން ނުވަތަ މަތީ ތަޢުލީމާއި ތަމްރީނު ދިނުމަށް. މިއީ ތަޢުލީމީ ދާއިރާއަށް ހޭދަކުރާ ފައިސާއަށް ވިޔަސް، ޙަޤީޤަތުގައި މިއީ ތަރައްޤީގެ ހުރިހާ ދާއިރާއަކަށް ކުރެވޭ ބޮޑު އިންވެސްޓެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފެންވަރު ރަނގަޅު ޑޮކްޓަރުން، ނަރުހުން، ޓީޗަރުން، އިންޖިނޭރުން، ލޯޔަރުން، ޕައިލެޓުން، އަދި މި ނޫނަސް ޤައުމަށް ބޭނުންވާ ކޮންމެ ދާއިރާއަކުންވެސް މީހުން ބިނާކުރެވޭނީ ތަޢުލީމަށް ހޭދަކޮށްގެންކަމަށެވެ. އަދި ހިލޭ ޑިގްރީ ޕްރޮގްރާމަށާއި، ސްޓޫޑެންޓް ލޯން ޕްރޮގްރާމަށް ލިބޭ ބޮޑު ތަރުޙީބަކީ ރައްޔިތުން އެކަންކަން ބަލައިގަންނަކަމުގެ ހެއްކެއްކަމަށް ރައީސް ވިދާޅުވިއެވެ.

"މި ދެންނެވި މަޤްޞަދު ޙާޞިލުކުރުމުގައި، މި ޔުނިވަރސިޓީއަކީ ވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއެއް. ޚާއްޞަ ގޮތެއްގައި އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، ދިވެހި ޒުވާނުން ތަރުބިއްޔަތު ކުރުމުގައި، މި ޔުނިވަރސިޓީން އަންނަނީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުން. އަދި އަޅުގަނޑުމެންގެ ތެރޭގައި ފެތުރިފައިވާ ހަރުކަށި ފިކުރާ ދެކޮޅަށް، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާ އެކު، މި ޔުނިވަރސިޓީން ވަރަށް އެދެވޭ މަސައްކަތްތަކެއް ކުރަމުން އަންނަކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޔުނިވަރސިޓީގެ ލެކޗަރަރއިންގެ މުސާރައާ ބެހޭގޮތުން ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަން ފާހަގަކުރެވިގެން، ފިނޭންސް މިނިސްޓްރީއާއި ޕޭ ކޮމިޝަނާ އެކީގައި މިހާރު މަސައްކަތްތަކެއްކޮށް، ނިމުމަކާއި ހިސާބަށް ގޮސްފައިވާކަމަށެވެ.

ރައީސް ވިދާޅުވީ ޑިގްރީ ޙާޞިލުކުރި އިމާމުން ކުރައްވަމުން ގެންދަވަނީ ވަރަށްބުރަ މަސައްކަތެއްކަމަށާއި އެހެން އޮފީސްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާ ޚިލާފަށް، އެއީ ހަފްތާގެ 7 ދުވަހު، ޗުއްޓީއެއް ނެތި، އޯވަރޓައިމެއް ނެތި މަސައްކަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންތަކެއްކަމަށް ރަީސް ވިދާޅުވިއެވެ. އެހެންކަމުން އެ ބޭފުޅުންގެ އެ މަސައްކަތާ ގުޅޭގޮތުން މުސާރައަށާއި، ލިބެންވާ ޗުއްޓީއާ ބެހޭގޮތުން ބަދަލުތަކެއް ލަސްތަކެއްނުވެ ގެންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިރޭގެ މި ޙަފްލާގައި އިސްލާމީ ޔުނިވަރސިޓީން އެކި ދަރަޖައިގައި ދަސްވެނިވާ 709 ދަރިވަރުންނާ އަދި ބެސްޓް ސްޓޫޑެންޓް އެވޯޑް 9 ދަރިވަރަކު ޙާޞިލުކޮށް އިނާމާ ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ. މީގެ ތެރޭގައި ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށް ސަރުކާރުން ވީ ވަޢުދުގެ ދަށުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން 2020 ވަނަ އަހަރު ފެށި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިރޭގެ ޙަފުލާގައި ދަސްވެނިވި 78 އިމާމުން ވެސް ހިމެނެއެވެ. މި އިމާމުންނާއި ބެސްޓް ސްޓޫޑެންޓް އެވޯޑް 9 ދަރިވަރުންނަށް އިނާމާއި އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ހަފުލާގައި، ކުއްލިއްޔާ އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް ޓީޗިންގ އެންޑް ލާރނިންގ އިން ދަސްވެނިވި ދަރިވަރުންނަށް ދަރަޖަ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން