މި ސަރުކާރުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން މިހާތަނަށް ބިލިއަނެއްހާ ރުފިޔާގެ ފެނާއި ނަރުދަމާގެ މަޝްރޫޢު ހިންގާފައިވާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ޝާހު މިހެން ވިދާޅުވީ އެމްޑަބްލިޔުއެސްސީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ހެންވޭރު ދަނޑުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެެވެ.

ޝާހު ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ފެނާއި ނަރުދަމާ ޤާއީމްކުުރުމުގައި އިންޤިލާބީ މަސައްކަތްތަކެއް ވަނީ ކުރެވި، ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ.

ޝާހު ވިދާޅުވީ މި ސަރުކާރުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން 31 ރަަށެއްގައި ފެނާއި ނަރުދަމާގެ 68 މަޝްރޫޢެއް ދަނީ ހިންގަމުންކަމަށެވެ. އަދި އޭގެތެރެއިން 28 މަޝްރޫޢެއް ނިމި، އޭގެ މަންފާ ރައްޔިތުންނަށް ކުރަމުންދާކަމަށްވެސް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ 40 މަޝްރޫޢެއްގެ މަސައްކަތް ކުރަމުންދާއިރު، އެ މަޝްރޫޢުތަކުގެ ބޮޑުބައެއް ނިމިފައިވާކަމަށެވެ. އެއާއެކު ޖުމްލަ 1 ބިލިއަން ރުފިޔާގެ މަޝްރޫޢު މި ދައުރުގެ ތެރޭގައި ހިންގާފައިވާކަމަށްވެސް ޝާހު ވިދާޅުވިއެވެ. އަދި މިއީ މީގެ ކުރީގެ ސަރުކާރުތަކުން ހަރަދުކުރި މިންވަރާއި އަޅާބަލާއިރު، ނުބައްދަލު އަދަދެއްކަމަށްވެސް ޝާހު ވިދާޅުވިއެވެ.

"މިއީ ފެނާއި ނަރުދަމާ ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ރައީސް ސާލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދު ފުއްދުމަށް ސަރުކާރުން ކުރައްވާަފައިވާ މަސައްކަތްތަކެއް. ރައީސް ސާލިހު ތަކުރާރުކޮށް ވިދާޅުވާގޮތަށް މި ހުރިހާ ރަަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް، މި ދައުރު ނިމުމުގެ ކުރިން ނިންމާލެވޭނެކަމުގެ ޔަގީންކަން އަރުވަން." ޝާހު ވިދާޅުވިއެވެ.

އެމްޑަބްލިޔުއެސްސީގެ ކުރިއެރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ޝާހު ފާހަގަކުރެއްވިއެވެ. އެގޮތުން އެމްޑަބްލިޔުއެސްސީގެ އަންހެން މުވައްޒަފުންގެ އަދަދު އިތުރުކޮށް، ހިންގުމުގެ މަތީ ވަޒީފާތަކަށްވެސް ކަނބަލުން އައްޔަންކުރެވެމުންދާކަންވެސް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. މީގެއިތުރުން ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ތެރެއިންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ޝާހު ވިދާޅުވިއެވެ. އެގޮތުން ސީއެސްއާރުގެ ދަށުން 47 މިލިއަން ރުފިޔާ ހަރަދުކުރެވިފައިވާކަންވެސް ޝާހުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެމްޑަބްލިޔުއެސްސީގެ އަހަރީ ޖަލްސާގައި ނާއިބު ރައީސް ފައިސަލް ނަސީމާއި، ކުންފުނީގެ އިސްވެރިންނާއި ގިނަ އަދަދެެއްގެ މުވައްޒަފުން ބައިވެރިވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން