ކުރީ ސަރުކާރުން އެކި ފަރާތްތަކާއެކު ޤާއިމްކޮށްފައިވާ އެއްބަސްވުންތައް އުވާލައިގެން ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލުދޭން އެކުލަވާލި ކޮމިޓީން މިހާތަނަށް އެއްވެސް ފަރާތަކަށް ބަދަލުދޭން ނިންމާފައިނުވާކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީޙުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ބަދަލު ދިނުމުގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އެކުލަވާލި ކޮމިޓީއަށް މައްސަލަ ހުށަހެޅުމަށް އޮތް މުއްދަތު ހަމަވެފައިވާކަމަށެވެ. އަދި މުއްދަތު ހަމަވިއިރު ބަދަލު ދޭން އެދި ހުށަހަޅާފައިވަނީ 34 މައްސަލައެއްކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ބަދަލު ދޭން އެދި ހުށަހަޅާފައިވާ މައްސަލަތަކާއިމެދު އަންނަ އޮގަސްޓްމަހުގެ ކުރިން ގޮތެއް ނިންމަވާނެކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކަށް ބަދަލު ދޭން ނިންމާފައިވެސް، އަދި އެއްވެސް ފައިސާއެއް ދޭންވެސް ނިންމާފައި ނުވާކަމަށް މިއުވާން ވިދާޅުވިއެވެ.

"މި އުސޫލުގެ ދަށުން އެއްވެސް ބަދަލެއް ނުވަތަ ފައިސާއެއް ދީފައެއް ނުވާނެ. އުސޫލުގެ މަޤްޞަދަކީ ފައިސާ ދިނުމެއް ނޫން. ފައިސާ ދިނުމުގެ ބަދަލުގައި ޤާނޫނު ހުއްދަކުރާ މިންވަރަކަށް ދެެެވެން ހުރި އެހެން އިނާޔަތްތަކާއި ލުއިތައް ދެއްވުމަށް އިސްކަން ދެއްވުމަކީ މަޤްޞަދުކަމަށް އުސޫލުގައިވެސްވޭ." މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް އަންނަ އޮގަސްޓްމަހުގެ ނިޔަލަށް ނިންމާނެކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން ތަފްސީލީ ރިޕޯޓެއްވެސް މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާނެކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

ދައުލަތާއި ދެކޮޅަށް ކޯޓަށް ނުވަތަ އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން މާލީ ގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުސަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް 2019 ވަނަ އަހަރުގެ ޖަނަވަރީ 27 ވަނަ ދުވަހު ސަރުކާރުން ވަނީ ކޮމިޓީއެއް އުފައްދާފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން