ސްޓެލްކޯގެ އަމާޒަކީ އިލްމީ އަދި ފަންނީ ގޮތުން ގާބިލް މުވައްޒަފުންތަކެއް އުފެއްދުންކަމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ މޯލްޑިވްސް އިންސްޓިޓިއުޓު އޮފް ޓެކްނޮލޮޖީ އާއި ސްޓެލްކޯ ގުޅިގެން ހިންގި ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓަރ ސަޕްލައި ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސް އަދި ނޭޝަނަލް ސެޓްފިކެޓް 3 އިން ސްވަރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސް ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ހަފްލާގައެވެ.

މި ދެ ކޯހުގައި ޖުމްލަ 89 މުވައްޒަފަކު ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފަެި ވެއެވެ. މީގެ ތެރެއިން ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓަރ ސަޕްލައި ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސްގައި ބައިވެރިވެފައިވަނީ 66 މުވައްޒަފުންނެވެ. އަދި ނޭޝަނަލް ސެޓްފިކެޓް 3 އިން ސްވަރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސްގައި ބައިވެރިވެފައިވަނީ 23 މުވައްޒަފުންނެވެ.

މި ޕްރޮގްރާމްތަށް ހިންގުމުގެ މައިގަނޑު މަގުސަދަކީ ސްޓެލްކޯގެ މުވައްޒަފުންނަކީ ދާއިރާތަކުން އެމްކިއުއޭއިން ކަނޑައަޅާފައިވާ މިނިމަމް ކޮލިފިކޭޝަން ހާސިލްކޮށް، އިލްމީ އަދި ފަންނީ ގޮތުން ގާބިލް އަދި ހުނަރުވެރި މުވައްޒަފުންތަކެއް ސްޓެލްކޯގައި ބިނާކުރުމެވެ.

ސެޓްފިކެޓް ދިނުމަށް މިއަދު ސްޓެލްކޯ އޮޑިޓޯރިއަމްގައި ބޭއްވި ހަފްލާގައި މެނޭޖިންގ ޑިރެކްޓަރ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސްޓެލްކޯއަކީ ޔުޓިލިޓީ ހިދުމަތުގެ ދާއިރާގެ އެންމެ މުހިއްމު އަދި ޓެކްނިކަލީ އެއާއި އެއްވަރުގެ އެހެން ކުންފުންޏެއް ނެތް ކުންފުންޏެއްކަމަށެވެ. އަދި މުވައްޒަފުންނަށް ޒަމާނީ އިލްމާއި، ތަޖުރިބާ ހޯދައިދިނުމަކީވެސް ކުންފުނީގެ އަމާޒެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވަރަށް މުހިއްމު އަމާޒެއް އަޅުގަނޑުމެން ކުރާ މަސައްކަތުގައި އަޅުގަނޑުމެންގެ ސްޓާފުންނަށް އެންމެ ޒަމާނީ އިލްމާއި، ތަޖުރިބާ ހޯދައިދިނުން. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެވެސް ވަރަށް ބޮޑު އަމާޒެއް، އަދި ޓާގެޓެއް ރާއްޖޭގައި ހުނަރުވެރި ގާބިލް މަސައްކަތްތެރިން އުފެއްދުން. އެކަމުގައި އަޅުގަނޑުމެން ސްޓެލްކޯގެ ދައުރު އަދާ ކުރުމަށްޓަކައި ކުރާ މަސައްކަތެއް މި މަސައްކަތަކީ، އެހެންވީމަ އަޅުގަނޑުމެންގެ މަސައްކަތްތެރިންނަކީ ހުނަރުވެރި، ގާބިލް އަދި އެންމެ ޒަމާނީ މައުލޫމާތާއި، ތަޖުރިބާ ލިބިފައިތިބި މަސައްކަތްތެރި ހުނަރުވެރިން އުފެއްދުމުގެ އަމާޒުގައި ހިންގާ ޕްރޮގްރާމެއް މި ޕްރޮގްރާމަކީ. މި ފުރުސަތުގައި، މޯލްޑިވްސް އިންސްޓިޓިއުޓު އޮފް ޓެކްނޮލޮޖީގެ އިސް ބޭފުޅުންނަށް ޝުކުރު ދަންނަވަން." ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ ކަރަންޓު ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދިނުމުގައި ސްޓެލްކޯއާ އެއްހަމަޔަކަށް އާދެވޭނެ ބަޔަކު ރާއްޖޭގައި ނެތްކަމަށާއި އެ ކުންފުންޏާއި އެއްވަރަށް މެކޭނިކަލް އަދި އިލެކްޓްރިކަލް މަސައްކަތް ކުރެވޭނެ މަސައްކަތްތެރިންނެއް ރާއްޖެއަކު ނުތިބޭނެކަމަށެވެ. އެހެން ނަމަވެސް ފެނާއި ނަރުދަމާއަކީ އަޅުގަނޑުމެންނަށް އާ ދެ ހިދުމަތްކަމަށާއި، އޭގެ މައުލޫމާތާއި، ތަޖުރިބާ އިތުރަށް ބޭނުންވާ ދެ ހިދުމަތްކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އަދި ކުރިމަގުގައި، ތަމްރީންގެ އިތުރު ފުރުސަތުތައް ކުންފުނިން ތަނަވަސްކޮށްދޭނެކަމަށެވެ.

"މިކުންފުނީގެ އަސާސް ނުވަތަ ޕްރައިމް މެންޑޭޓަކީ އާންމުރައްޔިތުންނަށް ހިދުމަތް ދިނުން. އެއީ ކަރަންޓުގެ ހިދުމަތް ކަމުގައިވިޔަސް އަދި ފެނާއި ނަރުދަމާގެ ހިދުމަތް ކަމުގައިވިޔަސް. މި ތިން ހިދުމަތް ފޯރުކޮށްދިނުމުގައި، ނުވަތަ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އަޅުގަނޑުމެންގެ އެއްވެސް މިންވަރެއްގެ، ބާވަތެއްގެ އިހުމާލެއް އެއްވެސް މިންވަރެއްގެ ފަރުވާ ކުޑަ ކުރުމެއް، މުވައްޒަފެއްގެ ހިތުގަވެސް އަދި އަމަލުގައިވެސް އޮވެގެން ނުވާނެ" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކުންފުނީގެ ހިދުމަތުގެ ފެންވަރު ވަޒަން ކުރާނީ، ކުންފުނީގެ މުވައްޒަފުން ނޫން ކަމަށާއި، އެކަން ކުރާނީ ހިދުމަތް ލިބި ގަންނަ މީހުން ކަމަށެވެ. އަދި އެއީ ފެންވަރު ރަނގަޅު، ރައްޔިތުން ގަބޫލު ކުރާ މިންވަރުގެތޯ ނުވަތަ ނޫންތޯވެސް ނިންމާނީ ހިދުމަތް ހޯދާ ފަރާތްތަކުން ކަމަށާއި، މުވައްޒަފުންގެ ދައުރަކަށް ވާންވާނީ ހިދުމަތް ހޯދަން އަންނަ ފަރާތްތައް ހިތްހަމަޖެހޭ ފަދަ ހިދުމަތެއް ދިނުންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން