ރާއްޖޭގެ ޒުވާން ހުނަރުވެރިން އެއްތަންކުރުވާ "ފަންނުގެދަރިން" ޖަމިއްޔާއާއި، އަރބަންކޯ ގުޅިގެން ހުޅުމާލެ، އަދި ކުޑަގިރީގައި ހުނަރުވެރިންގެ ފަންނު ދައްކައިލުމަށް ބާއްވާ ސެޝަންތަކުގެ ތެރެއިން 27 ވަނަ ސެޝަން މިއަދު ބޭއްވުމަށް ތައްޔާރުވަމުންދާކަމަށް އަރބަންކޯއިން ހާމަކޮށްފިއެވެ.

ކޮންމެ މަހަކު އެއްފަހަރު ބާއްވާ މި ސެޝަންތަކުގެ ތެރެއިން މި މަހުގެ ސެޝަން ބާއްވަން ތާވަލްކޮށްފައި ވަނީ މިއަދު ހަވީރު 16:00 އިން ރޭގަނޑު 22:00 އަށެވެ. މި ސެޝަން ކުރިއަށްގެންދިއުމަށް ހަމަޖައްސާފައި ވަނީ ހުޅުމާލޭގެ ދިރާގު ބީޗް ސަރަހައްދުގައެވެ.

އަރބަންކޯއިން ފަންނުގެދަރިން ޖަމިއްޔާއާއި ގުޅިގެން ބާއްވަމުންދާ މި ސެޝަންތަކަކީ ރާއްޖޭގައި ތިބި ހުނަރުވެރިންގެ ފަންނުވެރިކަމާއި ސަޤާފަތް ދައްކުވައިދޭގޮތަށް ކޮންމެ މަހަކު ބާއްވާ ސެޝަންތަކެކެވެ. އެގޮތުން މި ސެޝަންތައް ކުރިއަށްގެންދަނީ އެކި ފަންނުވެރިންގެ ހުނަރުވެރިކަން ފެނިގެންދާނެ ސްޓޯލްތަކާއި، ދިވެހި މިއުޒިކް ބޭންޑުތަކުގެ ލައިވް މިއުޒިކާއި އެކުގައެވެ.

2019 ވަނަ އަހަރުވެސް ފަންނުގެދަރިން ޖަމިއްޔާގެ ފަރާތުން މި ސެޝަންތައް ކުރިއަށްގެންގޮސްފައިވާއިރު، މި ސެޝަންތައް މެދުކަނޑަލާފައި ވަނީ ކޮވިޑް-19 ގެ ސަބަބުންނެވެ. ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އަނެއްކާ ވެސް މި ސެޝަންތައް ފަށައި، އެޗްޑީސީއާއެކު އެއްބަސްވުމަކަށް އައިސްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ. އެޗްޑީސީއާއި ގުޅިގެން ބޭއްވި ފުރަތަމަ ސެޝަން ބާއްވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހު ސެންޓްރަލް ޕާކުގައެވެ.

އަރބަންކޯއަކީ އަބަދުވެސް އަމިއްލަ އުފެއްދުންތަކާއި، ހުނަރުވެރި ފަންނުވެރިންގެ މަސައްކަތަށް އެއްބާރުލުންދީ އެ ހުނަރުތައް އާންމުންނާ ހަމައަށް ގެނެސްދިނުމަށް އެއްބާރުލުންދެމުން އަންނަ ކުންފުންޏެކެވެ. އެގޮތުން ފަންނުގެ ދަރިން ސެޝަންއަކީ ވެސް އެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެެއްކަމަށް އެކުންފުނިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން