ހުޅުމާލޭގައި ވޯޓަރ ސްޕޯޓްސް ހިންގުމަށް ދޫކޮށްފައިވާ ސަރަހައްދުތަކުގެ ޖާގަ އިތުރުކޮށްފިއެވެ.

އަރބަންކޯއިން ވަނީ ހުޅުމާލޭގައި ޖުމްލަ 12 ސަރަހައްދެއްގައި ވޯޓަރ ސްޕޯޓްސް ހިންގުމަށް ހުއްދަ ދީފައެވެ. އެގޮތުން ވޯޓަރ ސްޕޯޓްސް ޚިދުމަތަށް ދޫކޮށްފައިވާ ކޮންމެ ސަރަހައްދަކުން 20 ފޫޓު އިތުރުކޮށްދީފައި ވާނެކަމަށް އެކުންފުނިން ބުނެއެވެ. މި ޖާގަ އިތުރުކޮށްދީފައިވާނީ އެ ސަރަހައްދުތަކުން އާންމުންނަށްދޭ ޚިދުމަތްތައް އިތުރުކޮށްދިނުމުގެ މަގްސަދުގައި ކަމަށްވެސް އަރބަންކޯއިން ބުނެއެވެ.

އަރބަންކޯއިން ބުނީ މި ތަންތަނުގައި ބީޗަށްދާ ހުރިހާ އާންމު ފަރާތްތަކަށް ވެސް ބޭނުން ކުރެވޭނެ ޕަބްލިކް ޓޮއިލެޓަކާއި، އައުޓްޑޯރ ޝަވަރެއް ގާއިމްކުރަން ޖެހޭނެކަމަށެވެ. އަދި އެ ފަރާތްތަކަށް ދޫކޮށްފައިވާ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، ސާފުކުރުމާއި، މެއިންޓަނަންސް މަސައްކަތްތަކަކީ އެ ސަރަހައްދު ދޫކޮށްފައިވާ ފަރާތްތަކުގެ ޒިންމާއެއްކަމަށެވެ.

އަރބަންކޯއިން މަސައްކަތްކުރަމުން އަންނަނީ ހުޅުމާލޭގެ ބީޗު ސަރަހައްދުން އާންމުންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، އާންމުން އެންމެ ބޭނުންވާނެ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށެވެ. މި މަގްސަދުގައި މީގެ ކުރިން އަރބަންކޯއިން ވަނީ ވޯޓަރސްޕޯޓްސް ހިންގާ ފަރާތްތަކަށް ޓޭކްއަވޭ ޚިދުމަތްދިނުމުގެ ހުއްދަވެސް ދީފައެވެ. އޭގެ ސަބަބުން ބީޗަށް ދާ ފަރާތްތަކަށް ބޭނުންވާ ސްނެކްސް ފަދަ ކާބޯތަކެއްޗާއި ފެން އަދި މި ނޫން ވެސް ބައެއް ތަކެތި އެ ސަރަހައްދުން ލިބޭނެ މަގު ފަހިވެފައިވެގެންދާނެއެވެ.

މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންތަކެއް، ހަފްތާ ބަންދާއި އެކި ޗުއްޓީތަކުގައި ހުޅުމާލެއަށް ގޮސް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އުޅެމުން އަންނައިރު، ހުޅުމާލޭގެ ހުރިހާ ސަރަހައްދަކީވެސް މުޖުތަމައުގެ ގުޅުން ބަދަހިކޮށް، އާއިލާތަކާއި ރަހްމަތްތެރިންނަށް ވެސް ބޭނުންކުރެވޭނެ ފަދަ މާހައުލަކަށް ހެދުމަށް އަރބަންކޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން