ލީގުގައި އެޓީމު ކުޅެން ބާކީ ހަތަރު މެޗު އޮއްވާ ބާސެލޯނާއިން ސްޕެނިޝް ލީގުގެ ތަށި އުފުލާލައިފިއެވެ.

ބާސެލޯނާއިން މުބާރާތް ކާމިޔާބުކުރީ އެސްޕާންޔޯލްއާއި ވާދަކުރި މެޗު ކާމިޔާބުކޮށްގެންނެވެ. ބާސާ މޮޅުވީ 4-2ންނެވެ. ފުރަތަމަ ހާފުގައި ތިން ލަނޑުގެ ލީޑެއް ނެގިއެވެ. އެސްޕާންޔޯލްގެ ދެލަޑުވެސް ޖެހީ ބާސެލޯނާއިން އެޓީމުގެ ހަތަރު ލަނޑުވެސް ޖެހި ފަހުންނެވެ, މި މެޗުގައި ބާސެލޯނާގެ ފޯޑް ރޮބަޓް ލެވަންޑޯސްކީ ވަނީ އެޓީމަށް އޭނާގެ 20 ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ބާސެލޯނާއިން ބާކީ ހަތަރު މެޗު ކުޅެން އޮއްވާ ލީގު ކާމިޔާބުކުރީ 85 ޕޮއިންޓާއެކު ދެވަނާގައި އޮތް ވާދަވެރި ރެއާލް އާއި ދެމެދު 14 ޕޮއިންޓުގެ ލީޑެއް ހޯދައިގެންނެވެ. އެހެންކަމުން ކުރިއަށް އޮތް ހަތަރު މެޗު ކުޅެގެންވެސް ރެއާލްއަށް ބާސެލޯނާއާއި އަރާ ހަމަ ނުކުރެވޭނެއެވެ.

މިއީ ބާސެލޯނާއިން އެޓީމުގެ ތަރި ލިއޮނެލް މެސީ ދިޔަ ފަހުން އެޓީމަށް ލީގު ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ. އަދި 2021 ވަނަ އަހަރު ޒަވީ ޓީމާއި ހަވާލުވި ފަހުން ލިބުނު ފުރަތަމަ ލީގު ތަށިވެސްމެއެވެ. ބާސެލޯނާއަށް އެންމެ ފަހުން ލީގު ތަށި އުފުލާލެވުނީ 2018-19 ވަނަ ސީޒަންގައެވެ.

އަނެއްކޮޅުން ބާސެލޯނާ އަތުން ބަލިވި އެސްޕާންޔޯލް އޮތީ ހަތަރު ސީޒަނުގެ ތެރޭގައި ދެވަނަ ފަހަރަށް ރެލިގޭޓް ވެދާނެ ކަމުގެ ބިރުގައެވެ. އެޓީމު ވަނީ އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން ނުވަ މެޗުން ބަލިވެފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން