ބައިވެރިޔާގެ ފަރާތުން ފެންނަ ރެޑްފްލެގްސް ދެނެގަނެ ސަމާލުވުމަކީ ވަރަށް މުޙިއްމުކަމެއް
ބައިވެރިޔާގެ ފަރާތުން ފެންނަ ރެޑްފްލެގްސް ދެނެގަނެ ސަމާލުވުމަކީ ވަރަށް މުޙިއްމުކަމެއް
ރެޑް ފްލެގްސްއޭ ބުނުމުން އެއީ ކޯޗެއްކަން ގިނަ މީހުންނަށް އެނގޭނެއެވެ. ދިރިއުޅުމާއި އެކިގޮތްގޮތުން ގުޅޭ މީހުންގެ ފަރާތުން ގެއްލުމެއް ލިބިދާނެ ކަންކަން ސިފަކޮށް ރެޑް ފްލެގް ނުވަތަ ރެފްރީއިން ދަނޑުމަތީގައި ފައުލް ކުރުމުން ނަގާ ރަތް ދިދަ ރަމްޒުކޮށްދޭ މިބަސް އާއްމުކޮށް ސައިކޮލޮޖިސްޓުން މިހާރު ބޭނުންކުރަނީ ގެއްލުންދެނިވި އާދަތައް ރަމްޒުކޮށް ދިނުމަށެވެ.

ރެޑް ފްލެގްސްއަކީ ފަހުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް މީހުންގެ އާދަތައް ދެނެގަނެ ސައިކޮލޮޖިސްޓުންނަށް ފާހަގަ ކުރެވިފައިވާ ގެއްލުންދެނިވި އާދަތަކެވެ. އަދި މީ ކުރިއަށް އޮތް ތަނުގައި އެމީހަކާއިއެކު ދިރިއުޅުމެއް ހޭދަކުރާއިރު ކުރިމަތި ކުރުވަފާނެ ގެއްލުންތަކަށް ސަމާލުވާންޖެހޭ ކަމެއް ކަމުގައިވެސް ނަފްސާނީ އިލްމުވެރިން ވިދާޅުވެއެވެ.

ރައްޓެހިވުމުގެ ކުރީކޮޅުގައި ތިމާގެ ބައިވެރިޔާގެ ކިބައިގައި މިފަދަ ރެޑް ފްލެގްސްތައް ހުރިތޯ ދެނެގަތުމަކީ ވަރަށް މުޙިއްމު ކަމެކެވެ. އެއީ ކޮންކަންކަމެއްތޯ ދެނެގަންނަން ޖެހެއެވެ. އަހަރެމެން އިންސާނުންނަކީ ކުށްކުރެވޭނެ ބައެކެވެ. އެހެންނަމަވެސް އެކުށެއް ތަކުރާރުވުމަކީ މައްސަލައެކެވެ. ރެޑް ފްލެގްސްގެ ގޮތުގައި ކަނޑައަޅައި އެމީހަކާއި ދުރަށް ޖެހިލަންވާނީ އިސްލާޙުވުމަށް ފުރުޞަތު ދިނުމުންވެސް އިސްލާހުވުމުގެ ބަދަލުގައި އެ ކުށެއް ތަކުރާރުވާން ފެށުމުންނެވެ. އެއްވެސް ވަރަކަށް އޭނާއަށް ބަދަލެއް ނައިސް ކުށް ކުރާނަމަ ވަރަށް ރަނގަޅަށް ވިސްނުމަށްފަހުގައި ދެންޖެހޭނީ ވަކިވާށެވެ.

ބައިވެރިޔާގެ ކިބައިން ފެނިދާނެ މިފަދަ 5 ރެޑް ފްލެގްސް:

1. މުއާމަލާތު ކުރުން މަދުވުން:

ރަނގަޅަށް ކަންކަމުގައި ފެށުނިއްސުރެ ބައިވެރިޔާ މުއާމަލާތު ނުކުރާނަމަ އެއީ ރެޑް ފްލެގްއެކެވެ. ގިނަ އަހަރުތަކަކަށް އެކުގައި އުޅުމަށް އެންމެ މުހިންމުކަމަކީ ދެމީހުން އެކަކު އަނެކަކާއި ރަނގަޅަށް މުއާމަލާތުކޮށް ކަންކަން ހިއްސާކުރުމެވެ. އެހެންކަމުން ބައިވެރިޔާއަކީ ތިމާއާއި އެއްވެސް ވަރަކަށް 'ޑީޕް ކޮންވަޒޭޝަން' އެއް ނުކުރާ މީހެއް ނަމަ އޭނާއާއި މެދުގައި ސަމާލުވާށެވެ. ސަބަބަކީ ދިރިއުޅުމުގައި މައްސަލަތައް ޖެހޭ ހިސާބުން އެކަކު އަނެކަކާއި މުއާމަލާތުކުރުމުގެ އާދަނެތްނަމަ އެކުގައި އުޅުމަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެދާނެއެވެ.

2. އިޙްތިރާމް ނުކުރުން:

ތިމާގެ 'ބައުންޑަރީ' ތަކަށާއި އިޙުސާސްތަކަށް ބައިވެރިޔާ އިޙްތިރާމް ނުކުރުމަކީވެސް ރެޑް ފްލެގްއެކެވެ. އެކުވެރިންނާއި ގާތް މީހުންގެ ތެރޭގައި ތިމާގެ ކުށްތަކުގެ ވާހަކަ ދެއްކުމާއި ތިމާގެ އިންސެކިއުރިޓީ ނަގައިގެން އެންމެންގެ ތެރޭ ލަދުގަންނަވައި ހެދުމަކީ ތިމާގެ ބައުންޑަރީތަކާއި އިހުސާސްތަކަށް އިޙްތިރާމް ނުކުރުމެވެ. މިކަންކަމަކީ ފަހުން ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށް ދިރިއުޅުންމަތިން މީހާ ފޫހިކުރުވާނެ ކަންކަމެވެ.

3. މާބޮޑަށް ޖެލަސްވުން:

ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކޮންމެ ދެމީހެއްގެ ދެމެދުގައިވެސް ޖެލަސްވުން ހުންނާނެއެވެ. އެއީ ބައިވެރިވެރިޔާ އެހެންމީހަކަށް ގެއްލިގެން ނުދިއުމަށް އިންސާނުންގެ ކިބައިގައި ހުންނަ ޕޮސެސިވް ނުވަތަ އަމިއްލަވުމުގެ އިހުސާސަކުން އުފެދޭ ކަމެކެވެ. އެހެންނަމަވެސް މާބޮޑަށް ޖެލަސްވެ މީހުންގެ ތެރެއަށް ނުފޮނުވައި ކުރަން ބޭނުންވާ ކަންކަން ކުރުމަށް ހުރަސްއަޅައި އުޅޭނަމަ ކުރީކޮޅުގައި މައްސަލައަކަށް ނުވިޔަސް، ފަހުން ދެމީހުންގެ ދިރިއުޅުމަށް ދުވަސްވުމުން އަމިއްލަ ނަފްސަށް ވަގުތު ހޯދުމަށް ބޭނުންވާއިރު އެފުރުޞަތެއް ނުލިބޭނެއެވެ. އަދި ދިރިއުޅުމުގައި ބެދިފައި ހުންނަ އިޙުސާސެއް ކުރެވެން ފަށާފާނެއެވެ.

4. 'އެފަޓެއް' ނުލުން:

ދިރިއުޅުމަކީ ދެފަރާތުގެ ހިއްސާވުން ހިމެނިގެން ކުރިއަށް ދެވޭނެ އެއްޗެކެވެ. ދެމީހުން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެކުގައި މަސައްކަތްކުރުމަކީ ކޮންމެ ގުޅުމެއްގެވެސް އެންމެ މުހިންމު ކަމެވެ. އެހެންނަމަވެސް، ބައިވެރިޔާގެ ފަރާތުން އެއްވެސް ބައިވެރިވުމެއް ނުފެންނަނަމަ ނުވަތަ ހުރިހާ ކަމެއްގައި ހަމައެކަނި ތިމާ އުޅެންޖެހިއްޖެނަމަ މިއީ ފަހުން އައިސްދާނެ ބޮޑު މައްސަލައަކަށް ލިބިދޭ އިންޒާރެކެވެ. ކައިވެންޏެއްކޮށް ދިރިއުޅުމަށް ދަރިންލިބޭ ހިސާބުން އޮންނާނީ ބައިވެރިޔާގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކުރަން ބޭނުންވި އެތައް ކަމެއް ނުކުރެވިއެވެ. އެހާހިސާބަށް ކަންތައްތައް ދާހިސާބުން ތިމާ ދިރިއުޅުން މަތިން ފޫހިވެދާނެއެވެ.

5. ނުރަނގަޅު އާދަތައް:

ބައިވެރިޔާއަކީ ރުޅިއައުމުން އެއްޗެތި އުކައި، ގަދަޔަށް ސިނގިރެޓު ބޮއެ ނުވަތަ ހަށިގަނޑަށް ގެއްލުން ދިނުންފަދަ ނުރަނގަޅު އާދަތަކެއް ހަރުލާފައި ހުރިމީހެއްނަމަ އެކުގައި އުޅެން އުނދަގޫވާނެއެވެ. ތިމާއަށް އޭނާ ރަނގަޅުކުރެވިދާނެ ކަމުގެ ވިސްނުމުގައިނަމަވެސް އެ ގުޅުމެއް ފަށައި ކައިވެންޏެއް ކުރުމުން އެފަދަ މީހުންނަށް ގިނަފަހަރަށް ބަދަލެއް ނާދެއެވެ. އަދި މިކަމުގައި ގިނަ ވަގުތުތަކެއް ތިމާ ހޭދަކުރަން ޖެހިދެއެވެ. ކޮންމެ ތަނެއްގައި ހުއްޓަސް ނުވަތަ މަސައްކަތެއްގައި ހުއްޓަސް ބައިވެރިޔާކޮށްފާނެ ކަމަކަށް އަބަދުހެން ތިމާ ހުންނަންޖެހޭނީ ބިރުހީވެފައެވެ. މިއީ ނަފްސާނީ ގޮތުންވެސް ތިމާމީހާ ބަލިކަށިވެދާނެ ކަމެކެވެ. އަދި ބައިވެރިޔާ ރުޅިއަތުވެދާނެތީ މިގޮތަށް ބިރުގަނެފައި ހުރުމުން އެންޒައިޓީވެސް މެދުވެރިވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން