މުޙައްމަދު ޔާސިރު މޫސާ   12 މޭ 2023 - 4:32
ޗެސް ބޭސްގައި ރާއްޖެއަށް ޚާއްސަ އެކްސެސްއެއް މިހާރު ލިބިފައިވާ ކަމަށާއި, އޭގެ ސަބަބުން ރާއްޖޭގެ ޗެސްއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ރައީސް ހުސައިން ޝިޔާން ވިދާޅުވެއްޖެއެވެ.

ޗެސް ބޭސްއަކީ މި ކުޅިވަރުގައި ކުރިއަރާ ދިއުމަށް ކޫލުންތެރިންނަށް އެންމެ މުހިންމު ޕްލެޓްފޯމްއެވެ. މި ސޮފްޓްވެއަރ ބޭނުންކޮށްގެން ގޭމް ޕްލޭން ހެދުމުގެ އިތުރުން މޮޅެތި ކުޅުންތެރިން ކުޅެފައިވާ މެޗުތައް ބަލާ އެދިރާސާ ކުރެވޭނެއެވެ. އަދި ވަކި ކުޅުންތެރިއަކާއި ބައްދަލުކުރާ މެޗެއްގެ ކުރިން އެކުޅުންތެރިއެއްގެ ކުޅުން ދިރާސާކޮށް އެމެޗަށް ތައްޔާރުވުމަށްވެސް މި އެޕްލިކޭޝަން ބޭނުންކުރެވޭނެއެވެ. ޗެސްބޭސްއަކީ ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ފަންތީގައި ފާހަގަކޮށްލެވޭ ކުޅުންތެރިން ބޭނުންކުރާ ވަރަށް މަގްބޫލް ސޮފްޓްވެއަރއެކެވެ.

މީގެ ކުރިން ރާއްޖެއަށް ލިބިފައިވަނީ ޗެސްބޭސްގެ އިންޓަނޭޝަނަލް އެކްސެސްއެވެ. މިހާރު ރާއްޖެއަށް ވަނީ ޗެސްބޭސް އިންޑިއާގެ އެކްސެސް ލިބިފައެވެ. މިއާއެކު ޗެސްބޭސް އިންޓަނޭޝަނަލް ބޭނުންކުރުމަށްވުރެ ތިންގުނަ އަގުހެޔޮކޮށް ރާއްޖޭގެ ކުޅުންތެރިންނަށް މިހާރު ޗެސްބޭސް ބޭނުންކުރެވޭނެއެވެ.

މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ރައީސް ޝިޔާން ވިދާޅުވީ މިއެކްސެސްއެއް ލިބުމާއެކު ޗެސްބޭސްގެ އެހީ ހޯދުމަށް ކުޅުންތެރިން ކުރަންޖެހޭ ޚަރަދު ތިންގުނަ ކުޑަވެގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ކުޅުންތެރިން ކުރިއަރާ, ދުނިޔޭގެ ފެންވަރުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށް މަގުފަހިވާނެ ކަމަށެވެ. އަދި މިއީ ޗެސް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ކުރި ވަރަށް ބުރަ މަސައްކަތުގެ ނަތީޖާކަންވެސް ޝިޔާން ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން