މިހާރު ރާއްޖޭގައި ހިނގަމުންދަނީ ވަކި ތިން ސަރުކާރެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ އެފަދަ ވަރަށް ގިނަ ސަބަބުތައް ރައްޔިތުންގެ ލޯމަތީން ފެންނަމުން ދާތީއެވެ. މިދެންނެވި ތިން ސަރުކާރުގެ ތެރެއިން ދެސަރުކާރެއްގެ ބާރު ވަރަށް ގަދައެވެ. މިއިން ކޮންމެ ސަރުކާރެއްވެސް އޭގެ ޒާތުގައި މަސައްކަތް ކުރަނީ ބާރާއި އެކުގައެވެ. ނަމަވެސް މިއީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ދަންނަ ކަމެއް ނޫނެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ބުނަނީ މި ޤައުމުގެ އެންމެ މަތީ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއަކު ހޮވާނީ ރައްޔިތުން ވޯޓުލައިގެން ކަމަށެވެ. ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ ނިޒާމަކީ މަލްޓިޕާޓީ ޑިމޮކްރެސީ ނިޒާމު ކަމުގައި ވީނަމަވެސް ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބަށް ނުކުތަސް ރައްޔިތުން ވޯޓުދޭން ޖެހެނީ ވޯޓު ކަރުދާސްކޮޅުގައި އޮންނަ މީހެއްގެ ނަމަށެވެ. ނުވަތަ ރިޔާސީ ކެންޑިޑޭޓާއި އޭނާގެ ރަނިންގމޭޓަށެވެ. ޤާނޫނު އަސާސީ ދަންނަ ގޮތުން ސަރުކާރުގެ އެންމެ މަތީ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބަކީ ރައީސުލްޖުމްހޫރިއްޔާ އަންގަވާ ކަންކަން ކުރެއްވުމަށް ހުންނަ ބޭފުޅެކެވެ. ނޫނީ ޤާނޫނު އަސާސީ ދަންނަ ގޮތުންނަމަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކު ހުންނަނީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީގައި ބުނާ ނުކުޅެދުންތެރިކަމަކުން އެވާޖިބު އަދާ ނުކުރެވޭ ޙާލަތެއްގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރެވިއްޖެއްޔާ ނޫނީ އިސްތިޢުފާ ދެއްވައިފިއްޔާ ނޫންނަމަ ނިޔާވެއްޖެއްޔާ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތައް އަދާކުރެއްވުމަށެވެ.

މިދެންނެވި ޑިމޮކްރެސީ ދަސްކޮށްދޭ ޤާނޫނު އަސާސީ ދަންނަ ގޮތުން ދައުލަތުގެ ބާރުތައް ބެހެނީ ރައީސުލްޖުމްހޫރިއްޔާވެސް ހިމަނައިގެންނެވެ. ޤާނޫނު އަސާސީ ބުނެދޭ އަނެއް ދެބާރަކީ ސަރުކާރު ހިންގުމަށް ބޭނުންވާ ވަކި މަސައްކަތްތަކެއް މަތިކޮށްފައިވާ ބާރުތަކެކެވެ. މިދެންނެވި ދެބާރަކީ ޤާނޫނު ހެދުމުގެ ބާރު ނުވަތަ ރައްޔިތުންގެ މަޖިލީހާއި އަދުލުއިންސާފުގެ ބާރު ނުވަތަ ޖުޑިޝަރީއެވެ. ޤާނޫނު އަސާސީން ބުނެދެނީ މުޅި ދައުލަތް ހިންގުމުގެ ބާރަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

ޖުޑިޝަރީ ފިޔަވައި ދެން އޮތް ޤާނޫނު ހަދާ މަޖިލީހަށް މެންބަރުން ހޮވަނީވެސް ރައްޔިތުން ވޯޓު ލައިގެންނެވެ. މިދެންނެވި ޤާނޫނުހަދާ މަޖިލިސް ނުވަތަ ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ވޯޓުލައިގެން މެންބަރުން ހޮވަނީ ރައްޔިތުންގެ އަޑު އިއްވައި ރައްޔިތުންގެ ބަސްބުނެ ރައްޔިތުން ތަމްސީލު ކުރުމަށެވެ.

މިހެން މިކަން އޮއްވާ މިދެންނެވި ޤާނޫނު އަސާސީ ވެސް އަދި މި ޤާނޫނު އަސާސީން ބާރު ލިބިގެން ހެދިފައިވާ އެއްވެސް ޤާނޫނެއްވެސް ނުދަންނަ ކަމެއް މިތާގައި އެބަ ހިނގައެވެ. މިކަން ހިނގާކަން ރައްޔިތުންނަށް އެބަ ފާހަގަ ކުރެވެއެވެ. ސިއްރަކުން ނޫނެވެ. ޤާނޫނު ނުދަތަސްވެސް ހަމަ ފާޅުގައެވެ.

ރައްޔިތުން ވޯޓުލައިގެން ޤާނޫނު އަސާސީ ބުނާ ގޮތަށް، ޤާނޫނުތަކުގައި ވާގޮތަށް މިހާރު ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވާފައި ހުރީ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މިދެންނެވި އިބްރާހީމް މުޙައްމަދު ޞާލިޙަކީ އެމްޑީޕީގެ މެންބަރެކެވެ. އެމަނިކުފާނުގެ އަރިހުގައި ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެގެން އެމަނިކުފާނު ގޮވައިގެން ރައްޔިތުންގެ ކުރިމައްޗަށް ދިޔައީ އޭރު އިދިކޮޅުގައި އެއްގަލަކަށް އަރައިގެން އެކެއްޗެއް ކިޔައިގެން އެއް މަޤްޞަދެއް ހާސިލު ކުރުމަށް އަޒުމް ކަނޑައަޅައިގެން ތިބި ބައެކެވެ. އެހެންވީމާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ރައްޔިތުންގެ ގާތުގައި ވިދާޅުވީ ތިމަން މަނިކުފާނަކީ މިދެންނެވި ފަރާތްތައް ތަމްސީލު ކުރައްވާ ބޭފުޅާ ކަމުގައެވެ. އަދި އެމަނިކުފާނާއެކު ނުކުމެވަޑައިގެންނެވި މިދެންނެވި ބޭފުޅުންވެސް ވިދާޅުވީ އިބްރާހީމް މުޙައްމަދު ޞާލިޙަކީ އެބޭފުޅުންގެ ފަރާތުން ރައްޔިތުންގެ ގާތަށް ވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އެހެންވީމާ މިދެންނެވި ޞާލިޙަށް ރައްޔިތުން ދިން ވޯޓެއް ވިއްޔާ ދިނީ މިދެންނެވި ވާހަކަތައް އަޑު އަހައިގެންނެވެ. ދެން މިދެންނެވި ހުރިހާ ބޭފުޅުން އެއްބަސްވެގެން މި ގުޅުމަށް ދިން ނަމަކީ ކޯލިޝަނެވެ. އެކަމަކު މިއީ މިރާއްޖޭގައި ޢަމަލު ކުރަމުން އަންނަ ޤާނޫނު އަސާސީއާއި ޤާނޫނުތައް ދަންނަ އެއްޗެއް ނޫނެވެ.

އެހެންވީމާ ރައީސުލްޖުމްހޫރިއްޔާއަކީ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާއި ވާޖިބުތައް ކަމުގައި ޤާނޫނު ދަންނަ ހުރިހާ ޒިންމާތަކަކާއި ވާޖިބުތައްވެސް އެޅެނީ މިދެންނެވި ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައެވެ. މިދެންނެވި “ކަނޑީގެ” އުރައަކަށް އެހެން ކަނޑިއެއް ނުވެސް ލެވޭނެއެވެ. ލާކަށް ޖާގައެއްވެސް ނޯންނާނެއެވެ. މި އުރައިގައި ދެކަނޑިއަކަށްވެސް އަދި ތިން ކަނޑިއަކަށްވެސް ނޯވެވޭނެއެވެ.

އެކަމަކު މިހާރު ސުވާލު އުފެދެނީ މިހާ ހިސާބުންނެވެ. ސަރުކާރުގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ހަނިކުރީ ބާވައެވެ؟ ނޫނީ ސަރުކާރަށް ކަންކަން ނުކުރެވޭތީ އެކަންކަން އެހެން ބާރުތަކާއި ހަވާލުކުރެއްވީ ބާވައެވެ؟

އެހެންމިދެންނެވީ މިހާރު ޤާނޫނު ފާސްކޮށްފައި ނުވަތަ އިސްލާހުކޮށްފައި ޤާނޫނުގައިވާ ގޮތަށް ކަންކަން ކުރާން އަންގަނީވެސް ބުނެދެނީވެސް ރައްޔިތުންގެ މަޖިލީހުންނެވެ. މަޖިލީހުގެ ރައީސެވެ. ވަޒީރުން މަޖިލީހަށް ހާޒިރުކޮށްގެން އެވަޒީރު ކަންކަން ކުރަންވީ ގޮތްވެސް ވިދާޅުވެދެއްވައި ކަންކުރާން އަމުރު ކުރައްވަނީވެސް މަޖިލީހުގެ ރައީސެވެ. މެންބަރުން ސުވާލު ކުރެއްވީމާ ވަޒީރު ޖަވާލު ދެއްވާނެ ގޮތްވެސް ވިދާޅުވެދެއްވަނީ މަޖިލީހުގެ ރައީސެވެ. މިހެންގޮސް މަސްވެރިން ބާނާ މަހުގެ ހަމަ އަގު ކަނޑައަޅުއްވަނީވެސް ސީ ޕްލޭން ޓާރމިނަލް ކުއްޔަށް ދެއްވަނީވެސް އަދި ދީނީ ނަސޭހަތް ދެއްވާނެ ބޭފުޅުންނާއި ދީނީ ވާހަކަ ދައްކާން ކަމުދާ ބޭފުޅުން އިހުތިޔާރުކުރައްވައި އެހުއްދަ ދެއްވަނީވެސް މަޖިލިސް ރައީސެވެ. އެހެންވީމާ މިހާރު ޤާނޫނު ހަދާ މަޖިލިސް ނުވަތަ ރައްޔިތުންގެ މަޖިލީހަކީ ވެސް ހަމަ ސަރުކާރެކެވެ.

މީގެއިތުރުން މިހާރު ދިވެހި ޚާރިޖީ ވަޒީރުވެސް ގިނަ ބަޔަލު ސިފަކުރަނީ ހަމަ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ކުޑަ ސަރުކާރެއްގެ ގޮތުގައެވެ. ހަމަގައިމުވެސް ޚާރިޖީ ވަޒީރުގެ ހަރަކާތްތަކާއި އެކުރައްވާ ދަތުރުފުޅުތަކާއި ބޭރުގެ ބޮޑެތި ޢިއްޒަތްތެރި ބޭބޭފުޅުން އެމަނިކުފާނުގެ އަރިހަށް އެކުރައްވާ ޒިޔާރަތްތަކާއި ބޮޑެތި ސިޔާސަތުތައް ހާމަކުރެއްވުމުގައި ބަހުރުވަ އެ ގެންގުޅުއްވާ ގޮތުން ރައީސުލްޖުމްހޫރިއްޔާއަކީ އެމަނިކުފާނުކަން ވަރަށް ބޮޑަށް ޔަގީންވެއެވެ. ދުނިޔޭގެ ބޮޑެތި ގިނަ ޤައުމުތަކަށް ސަރުކާރު ނުވަތަ ދިވެހި ދައުލަތް ތަމްސީލު ކުރައްވާން ކަނޑައަޅުއްވާފައި ތިއްބާވާ ބޭފުޅުން ތިއްބެވިޔަސް އެދައުރުވެސް އަދާ ކުރައްވަނީ ޚާރިޖީވަޒީރެވެ. ހަމަ ގައިމުވެސް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކިތަންމެ ކަމެއް އެމަނިކުފާނު އެބަ ކުރައްވައެވެ. އެ ޝަރަފާއި އެޤަދަރު އެބަ ހޯއްދަވައެވެ.

ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިނަންގަވަނީ ރައީސް ޞާލިޙްގެ މަޑުމައިތިރި ކަމުގެ ފައިދާއެވެ. އަނެއްބަޔަކު ބުނަނީ ރައީސް ޞާލިޙް މާބޮޑަށް “ފިތިފައި” ހުންނެވީއެވެ. “ލޮނު” މަޑީއެވެ. އަމުދުން ބާރެއް ނެތީއެވެ. އޮތް ބާރުގެވެސް ބޭނުން ކުރައްވަން ކެރިވަޑައި ނުގަންނަވަނީއެވެ.

ރައީސް ނަޝީދާއި ރައީސް ޞާލިޙަކީ ކުޑައިރުގެ ދެ އެކުވެރީންނެވެ. ފަންސަވީހަކަށް އަހަރު ރައްޔިތުންގެ މަޖިލީހުގައި ގޮނޑިއެއް ފުރުއްވި ނަމަވެސް މާހަލުއިކޮށެއް ނުވަތަ މާ ހަލަނިކޮށެއް ސިޔާސީ މައިދާނަކު ހެލިފެލިވެއެއް ނޫޅުއްވައެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުކަން ހަވާލުކޮށްފައި އޮތް ނަމަވެސް އެޕާޓީގައި މާ ބާރަށް ބަސްކިޔާ އުޅުއްވާ ތަނެއްވެސް ނުފެނެއެވެ.

އެމަނިކުފާނު އަބަދުވެސް ފެނިގެން ގޮސްފައިވަނީ ވަރަށް މަޑުމަތިރިކޮށް ވަރަށް ދޫދީގެން އުޅުއްވި މަންޒަރެވެ. ސިޔާސީ ފަރާތްތަކަށް ރައްދު ދެއްވައި ބާރުބާރަށް ބަސް ވިދާޅުވެ އުޅުއްވާތަނެއް ފެނިފައެއް ނުވެއެވެ. ސުލްހައިގެ މޭޒު ދޮށުގައި އެމްޑީޕީން އިށީންނާނަމަ އަބަދުވެސް އިސްވެ ހުންނަވަނީ ރައީސް ޞާލިޙެވެ.

އެމަނިކުފާނުގެ މިދެންނެވި މަޑުމައިތިރި ކަމުގެ ސަބަބުން މަޖިލީހުގެ ރައީސާއި ޚާރިޖީ ވަޒީރާއި ދެމެދުގައި ދެމޭ ރަބަރެއްހެން ދެމިދެމިގޮސް ބާރުހުސްވެފައިވާ ކަހަލައެވެ. މިއަދު ސޯޝަލް މީޑިޔާއަކުންވެސް މީޑިޔާތަކުގެ ފަލަ ސުރުޚީ ތަކުންވެސް އެމަނިކުފާނު މުޅިން ގެއްލިއްޖެއެވެ. ބޮޑަށް ސިފަވަނީ ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާ ކޮޅަށް އަރާވަޑައިގެން ހުންނެވީހެންނެވެ. ފެންނަ ފެނުމަށް މިދެންނެވި ތިން ރައީސުންގެ ތެރެއިން އެންމެ ބާރު ކުޑައީ އެމަނިކުފާނުގެއެވެ.

އަދި ވާން މިއުޅޭ ގޮތެއް ނޭނގެއެވެ. ހަމަގައިމުވެސް 2023 ގައި ރިޔާސީ އިންތިޚާބު ބާއްވާނަމަ އެމްޑީޕީން ނުކުމެވަޑައިގަންނަވާނީ ރައީސް ނަޝީދެވެ. އަޑުއިވޭ ގޮތުގައި ޝާހިދަކީވެސް 2018 ގައި އެންޑީޕީގެ ރިޔާސީ ޓިކެޓަށް އަތް ދިއްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެކަމަކު ރައީސް ނަޝީދު ހުންވަނިކޮށް އެޕާޓީގެ ޓިކެޓެއް އެހެން ބޭފުޅަކަށް ލިބިވަޑައެއް ނުގަންނަވާނެއެވެ. އެހެންވީމާ ރައީސް ޞާލިޙުގެ ވެސް އަދި ޝާހިދުގެ ވެސް އެ އުއްމީދެއް މިހާރަކު އޮންނާނެ ހެނެއް ހިއެއްނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން