ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ފުޓްބޯޅަ ކްލަބު ކަމުގައިވާ ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބުގެ އެކަޑަމީއެއް މާމިގިލީގައި ހުޅުވައިފިއެވެ.

މާމިގިލީގެ ކުދިންނަށް ފުޓްބޯޅަ ކުޅެން ދަސްކޮށްދިނުމާއި, ހުނަރު ތަރައްޤީ ކުރުމަށް ހުޅުވި މި އެކަޑަމީ ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ ހޯމަ ދުވަހުގެ ހަވީރު މާމިގިލީ ޓާފް ދަނޑުގައެވެ. މި އެކަޑަމީ ކުރިއަށް ގެންދަނީ ނިއުރޭޑިއެންޓާއި, މާމިގިލީ ކުޑަވެލު ޖަމިއްޔާ ގުޅިގެންނެވެ.

އިއްޔެ ހުޅުވި މި އެކަޑަމީގައި 75 ކުދިން މިހާރު ވަނީ ރަޖިސްޓްރީ ވެފައެވެ. އެކަޑަމީގައި ތަމްރީނު ހާސިލް ކުރާނީ ހަތް އަހަރާއި 15 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނެވެ.

އެފްއޭއެމްއާއި ފީފާގެ ސަސްޕެންޝަނުން ސަލާމަތްވެ, ނިއުރޭޑިއެންޓުން މިހާރު ވާދަކުރަނީ ދެވަނަ ޑިވިޝަނުގައެވެ. އެކްލަބުގެ އަމާޒަކީ މިއަހަރުގެ ދެވަނަ ޑިވިޝަން މުބާރާތް ކާމިޔާބުކޮށް, މިއަންނަ ސީޒަންގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރުމެވެ.

ކްލަބު ސަސްޕެންޝަނުން ސަލާމަތްވެ, އަޑިގަނޑުން އަރައިގަތުމަށްޓަކާ ސަރުކާރުގެ އިތުރުން ގިނަ ފަރާތްތަކުގެ އެހީތެރިކަން ނިއުރޭޑިއެންޓަށް ލިބިފައިވެއެވެ. އޭގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމްގެ ފަރާތުން ލިބޭ އެހީތެރިކަން އެކްލަބުން ފާހަގަކުރިއެވެ. މާމިގިލީގައި އެކްލަބުގެ އެކަޑަމީ ހުޅުވުމަށްވެސް ޤާސިމްގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް އެކްލަބުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން