މުޙައްމަދު ޔާސިރު މޫސާ   30 އޭޕްރީލު 2023 - 2:45
މިނީ ބަސް، ފޮޓޯ: އެމްޓީސީސީ
މިނީ ބަސް، ފޮޓޯ: އެމްޓީސީސީ
މާލޭގައި މިނީ ބަހުގެ ޚިދުމަތްދޭން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ގިނަ ބަޔަކު މިކަމާއި ދެކޮޅު ހެދި ނަމަވެސް ސަރުކާރުން މި ޚިދުމަތްދޭން ފެށީ މިއީ ކޮންމެހެން ސިޓީއެއްގައި ދޭންޖެހޭނެ ޚިދުމަތަކަށް ވާތީއެވެ. ރައްޔިތުންނަށް ފައިދާހުރި، ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަށެވެ.

މި ޚިދުމަތް ފަށަން އުޅުނު އިރު ގިނަ ބަޔަކު މިކަމާއި ދެކޮޅު ހެދިއެވެ. ބަޔަކު ރައްޔިތުންނަށް ވިސްނައިދިން ގޮތަށް، މި ޚިދުމަތާއެކު ކާރުބާރު ބޮޑު މާލޭގެ މަގުތައް އިތުރަށް ތޮއްޖެހޭނެ ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔައެވެ. މިނީ ބަހުގެ ޚިދުމަތް ތައާރަފް ކުރި ނަމަވެސް އެ ޚިދުމަތް ހޯދާނެ މާގިނަ ބަޔަކު ނުވާނޭ ކަމަށްވެސް އެއްބަޔަކު ބުނަމުން ދިޔައެވެ. މީގެ އިތުރުން މިނީ ބަސް ތައާރަފް ކުރުމާއި ދެކޮޅަށް އެންމެ ބޮޑަށް ވަކާލާތުކުރި އެއް ބަޔަކީ ޓެކްސީ ޑްރައިވަރުންނެވެ. އެމީހުންނަށް ލިބޭ ދަތުރުތައް މަދުވާނެތީއެވެ. މަގުތައް ބާރުބޮޑުވާނެ ކަމަށް ބުނެއެވެ. އާމްދަނީ މަދުވެ، އަނބިދަރިންނަށް ކާންދޭނެ ގޮތެއް ނުހޯދޭނެ ކަމަށް ބުނެއެވެ.

ނަމަވެސް މިނީ ބަހުގެ ޚިދުމަތް ފެށިތާ ގާތްގަނޑަކަށް އަށް މަސް ވީއިރު ގިނަ ބައެއްގެ ރާގު މިވަނީ ބަދަލުވެފައެވެ. ޚާއްސަކޮށް މިނީ ބަހާއި ދެކޮޅަށް އަޑުގަދަކުރި މީހުންގެއެވެ. ގިނަ ޓެކްސީ ޑްރައިވަރުންވެސް މިހާރު ބުނަމުން އަންނަނީ މިނީ ބަހާއެކު މަގުތަކަށް ލުއިވެއްޖެ ކަމަށެވެ. ޚާއްސަކޮށް މަޖީދީ މަގުގައި ދުއްވާލަން ފަސޭހަވެއްޖެ ކަމަށެވެ.

"ދޮގު ނަހަދާ ބުނަންޏާ މިހާރު މަޖީދީ މަގުގަ ދުއްވާލަން ފަސޭހަ. މީގެ ކުރިން މަޖީދީ މަގުގަ ޕާކުކުރާ ގޮތަށް އޮތަސް އެކަން ހުއްޓުވާލީމަ މިހާރު އަސްލު ވަރަށް ފަސޭހަ." ޓެކްސީ ޑްރައިވަރަކު ބުންޏެވެ.

މީގެ އިތުރުންވެސް ވާހަކަދެއްކި އެހެން ޓެކްސީ ޑްރައިވަރަކު ބުނީ "މިނީ ބަހުގެ ސަބަބުން އަހަރެމެންނަށް ލިބޭ އާމްދަނީ މަދުނުވާ" ކަމަށެވެ. ޓެކްސީ ޑްރައިވަރުން ބުނާ ގޮތުގައި ހެނދުނު ފަށައިގެން ހަވީރު ވާއިރު ޚަރަދަށް ކަނޑާފައި ހާހެއް އަތަށް ނަގަން ލިބެއެވެ. ރޭގަނޑާއެކު ދުއްވައިފިނަމަ ދެހާސް ރުފިޔާވެސް ލިބެއެވެ.

މިހާރު ފެންނަ ފެނުމަށް ބަލާނަމަ މިނީ ބަސް މަޑުކޮށްގެން ގިނައިރުތަކެއް ވަނީ ރާޅުގަނޑު ސަރަހައްދު ކައިރީގައި އެކަންޏެވެ. އެވެސް ރޭގަނޑު ގަޑީގައެވެ. ބަޔަކު މީހުން މަގުމައްޗަށް ނުކުމެ އަޑުގަދަކޮށް، މަގުމަތިންދާ އުޅަނދުފަހަރަށް ޖެއްސުން ކުރާތީއެވެ.

ހަގީގަތަކީ މިއީއެވެ. މިނީ ބަހުގެ ސަބަބުން ރައްޔިތުންނަށް ލިބުނު ގެއްލުމެއް ނެތެވެ. ހައްތަހާވެސް ލިބެނީ ފައިދާއެވެ. ބަހުގެ ޚިދުމަތް ހޯދާ މީހުންގެ އަދަދުވެސް ވަކި މަދެއް ނޫނެވެ. މި ޚިދުމަތުގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް ލިބޭ ގެއްލުމެއްވެސް ނެތެވެ. އޭރުވެސް ރައްޔިތުން ކަންބޮޑުވުން ފާޅުކުރީ ބަޔަކު މީހުން ރައްޔިތުން "ގުނބޯ ހައްދަން" އުޅުނީމައެވެ. އޮޅުވާލަން މަސައްކަތް ކުރީމެވެ. ބަޔަކަށް ކަމުނުދިޔައީ އެއްވެސް ސަރުކާރަކަށް ނުކުރެވުނު ރައްޔިތުންނަށް ފައިދާހުރި ކަމެއް މި ސަރުކާރުން ކުރަން އުޅުނީމައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން