އިހުޒަމާނުގައި އުޅުނު ކަތީބުންގެ ވާހަކަ އެންމެންވެސް އަހާނެއެވެ. ކަތީބުންގެ އަތުގައި އޮތް އާރާއި ބާރެވެ. އެމީހުން ބޭނުންވާ ގޮތަކަށް ބޭނުން ކަމެއް ކޮށްއުޅުނެވެ. ގޯތި، ގެދޮރު ބަހާލީ ތިމާގެ މީހުންނަށެވެ. ކަތީބުގެ ބަހަކީ އެންމެ އިހުގެ އަދި އެންމެ ފަހުގެ ބަހެވެ. ނަމަވެސް މި ޒަމާނަކު ކަތީބެއް ނެތެވެ. ތިބެނީ މޭޔަރުންނާއި ކައުންސިލަރުންނެވެ. އެކަމަކު މާލެއަށް ނަޒަރު ހިންގާލާ، ފުންކޮށް ވިސްނާލާ ކޮންމެ މީހަކަށްވެސް މިބުނާ ކަތީބު ފެންނާނެއެވެ.

މި މާލޭގައި މިހާރު އޮތް އެންމެ ބޮޑު އެއް ދައްޗަކީ އުޅަނދުތައް ޕާކުކުރާނެ ޖާގަ ނެތުމެވެ. ކުރުކޮށް ފޮނިކޮށް ބުނާނަމަ ބިމުގެ ދަތިކަމެވެ. އެހެންކަމުން މި މައްސަލަ ހައްލު ކުރުމަށްކަމަށް ބުނެ މާލެސިޓީގެ މޭޔަރު މުހައްމަދު މުއިއްޒު އަންނަނީ ފިސާރި ވަރުގަދަ މަސައްކަތެއް ކުރަމުންނެވެ. ގިނަ މީހުން މި މަސައްކަތަށް ކިޔާއުޅެނީ ޖަރީމާއެވެ. ނޫންނަމަ ކޮރަޕްޝަނެވެ. ހަމަ ހަގީގަތުގައިވެސް މިހެން ނުކިޔާ ވަރެއް ނޫނެވެ.

މިފަހުން ސޯޝަލް މީޑިއާގައި ރައްޔިތުން ކަންބޮޑުވުން ފާލުކުރަންފެށި އެއްކަމަކީ މާލެސިޓީ ކައުންސިލުން އަނެއްކާވެސް އެގޮތް މިގޮތަށް ޕާކިން ޒޯނުތަކެއް ހަދަން ފެށުމުންނެވެ. ހިތުހުރި ބަޔަކަށް ޕާކިންޒޯނު ވިއްކާ ވާހަކައެވެ. އެންމެ ފަހުން އެމަސައްކަތް ކުރަންފެށީ ތާޖުއްދީން ސްކޫލް ގޭޓް ކުރިމަތީގައެވެ.

މިކަމާއި ގުޅޭ ގޮތުން ސުވާލުކުރުމުން މުއިއްޒު ދިނީ ވަރަށް ޒިންމާދާރުކަން ކުޑަ ޖަވާބެކެވެ. އޭނާ ވިދާޅުވީ ސްކޫލް ކުރިމަތީގައި ޕާކިން ޒޯނެއް ނުހަދާ ކަމަށެވެ. ހާމައަށް ފެންނަން ހުރި ކަމެއްގައި މިވަރުގެ ބޮޑު ދޮގެއް ހެދުމަކީ ރައްޔިތުންނަކީ ކަނު ބައެއް ކަމުގައި ބުނުންފަދަ ކަމެއް ނޫންތޯއެވެ؟ އެއާއި ވިދިގެން މުއިއްޒު ވިދާޅުވީ އެކަން ފެނިގެން ބަދަލު ކުރަން ބުނެފައި ވާނެ ކަމަށެވެ.

ސުވާލަކީ މާލޭގެ ބިމެއްގައި ޕާކިން ޒޯނެއް ހަދާނަމަ ނުވަތަ މީހަކަށް ޒޯނެއް ވިއްކާނަމަ މޭޔަރަށް ނޭނގި އެކަން ކުރެވޭނެތޯއެވެ؟ މި ހުރިހާ ކަމަކުންވެސް ސާފުވާ އެއްކަމެއް އެބައޮތެވެ. ކަނޑައެޅިގެން ދޮގު ހަދަނީއެވެ. ގޯސް ހަދަނިކޮށް ފަޅާއެރީމާ 'މަތި ޖަހަނީ' އެވެ.

މިއީ އަދަކު އިއްޔެއަކު ވެގެން އުޅޭ ކަމެއް ނޫނެވެ. މީގެ ކުރިން މުއިއްޒުވަނީ މަޖީދިއްޔާ ސްކޫލު ކުރިމަތީގައިވެސް ޕާކިން ޒޯނެއް ހަދާފައެވެ. އެފަހަރުވެސް ރައްޔިތުންނަށް ޖެހުނީ އަޑުގަދަކޮށްގެން އޭނާ 'ހަމަބިމަށް ތިރިކުރާށެވެ'. ރައްޔިތުންގެ ބިންތައް ވަކި ބަޔަކަށް ވިއްކާ ހުސްކޮށްލަނީ އެޔެއް މިއެއް ނުބަލައެވެ. ބައްޕަގެ ހަރުމުދާ ގަނޑެއް ހެންނެވެ. ނުވިތާކަށް ސްކޫލެއް މިސްކިތެއްގެ ދޮރުމައްޗެއް ނުބަލައެވެ. އެންމެ ފަހު ވަގުތު 'އަތަށް ގޮވީމާ' ދެން އުޅެނީ ސަރުކާރު ބަދުނާމު ކުރާށެވެ.

އަދިވެސް މިކަހަލަ އެތައް ބައިވަރު ކަންތައްތަކެކެވެ. ސަލްމާން މިސްކިތާއިން އިންވެގެން ހަދާފައިވާ ކާރު ޕާކިން ޒޯނުވެސް ބަޔަކަށް ވިއްކާލީ ކުޑަ އަގެއްގައެވެ. އުމުރު ދުވަހަށެވެ. އަދި އެތަނުގެ ޒޯނުތައް ވިއްކާލީ މުއިއްޒުގެ 'ލިންކު އޮންނަ' މީހުންނަށް ކަމަށްވެސް މީހުން ކިޔާއުޅެއެވެ. އޭގެ ބަދަލުގައި އެތަން ކުއްޔަށް ދިން ނަމަ ދިގު މުއްދަތަކަށް އެތަނުން ސަރުކާރަށް މަންފާ ވާނެއެވެ. ނަމަވެސް މިޙާރު އޮތް ގޮތުންނަމަ ސަރުކާރުގެ ބޭނުމަކަށް އެތަން ނަގާނަމަ އެބިމުގެ ބަދަލުގައި އަނެއްކާ އެތައް ބަޔަކަށް އެހެން ތަނަކުން ބިން ދޭން ޖެހޭނެ ނޫންތޯއެވެ؟

މިއަށް ކިޔާނި ޖަރީމާ ނޫންތޯއެވެ. މި ހިސާބަށް ކަންތައް ދިޔައީމާ ރައްޔިތުން އަޑުގަދަ ނުކުރާ ވަރެއްވެސް ނޫނެވެ. ކަތީބުންގެ އުޅުމޭވެސް މިހާރު މިއަށް ކިޔާނެތާއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން