މ. މަޑުއްވަރީގެ މިސްކިތެއް
މ. މަޑުއްވަރީގެ މިސްކިތެއް
އަންހެނުންގެ ޙައްޤުތައް އެންމެބޮޑަށް ރައްކާތެރިކޮށްދެއްވާފައި ވަނީ އިސްލާމްދީނުގައި ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

އަންހެނުންގެ ހައްގުތަކުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ހުކުރު ހުތުބާގައި ބުނެފައި ވަނީ ޖާހިލިއްޔަ ޒަމާނުގައި އަންހެން ކުއްޖަކު ލިބިއްޖެ ނަމަ ހިތާމަ އާއި ހިތްދަތިކަމާ ކުރިމަތިލާން ޖެހުނީ ކަމަށް ގަބޫލުކޮށް، އެ މައުސޫމު ކުދިން ދިރިތިއްބާ ވަޅުލަމުން ގެންދިޔަ ކަމަށެވެ. އިސްލާމް ދީނުގައި ތައުލީމާއި ތަރުބިއްޔަރު ދިނުމާއި އޯގާތެރިވުމުގައި އަންހެނެއް ފިރިހެނެއް ތަފާތެއް ނުކުރާ ކަމަށާއި، ފިރިހެން ދަރިންނަށް އޯގާތެރިވާ ފަދައިން އަންހެން ދަރިންނަށް ވެސް އޯގާތެރިވެ، ތައުލީމާ ތަރުބިއްޔަތު ދީ އަޅައިލަން ޖެހޭ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އިސްލާމް ދީނުގައި އަންހެން ކުދިންނަށް ދުނިޔޭގައި އުޅުމުގެ ހައްގު ދެއްވީ ފިރިހެން ކުދިންނާ ތަފާތު ކުރުމެއް ނެތި ކަމަށާއި، ޖާހިލިއްޔަ ޒަމާނުގައި ފިރިމީހާ މަރުވުމުން، އަންހެނުން ވެގެންދަނީ ފިރިމީހާގެ ޢާއިލާއަށް ވާރުތަވާ މުދަލެއްގެ ގޮތުގައި ކަމަށް މިއަދުގެ ހުކުރު ޚުތުބާގައިވެއެވެ. ފިރިހެނުން ފަދައިން އަންހެނުންގެ ހައްގުތަކުގެ ތެރެއިން މުދާ މިލްކު ކުރުން ވީ ނަމަވެސް ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަށް ވާރުތަ މުދަލުން އެއްވެސް އެއްޗެއް ނުލިބޭ ކަމަށާއި ނަމަވެސް އިސްލާމް ދީން އައުމަށް ފަހު މި ހައްގު ރައްކާތެރިކުރެއްވި ކަމަށް ހުތުބާގައި ވެއެވެ.

އޭގެ އިތުރުން ކައިވެންޏަކީ އަންހެން ކުއްޖާގެ ހަޔާތުގައި އެންމެ މުހިންމު އެއް ނިންމުން ކަމަށާއި އެ ކަމުގައި އިސްލާމް ދީނުގައި އަންހެން ކުއްޖާއަށް ވަރަށް ބޮޑަށް އިހްތިޔާރު ދެއްވާފައިވާ ކަމަށާއި، އެ ކުދިން ރުހޭ މީހަކާ ކައިވެނި ކުރުމުގެ ހައްގު ދީ ހަމައެކަނި އެ ކުއްޖާގެ މައިންބަފައިން ރުހޭ މީހަކާ މަޖުބޫރުން ކައިވެނި ކުރުވުން އިސްލާމް ދީނުގައި ހުއްދަ ނޫން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އަނބިންނަށް ޚަރަދު ކުރުމަކީ ފިރިންގެ ވާޖިބެއްކަން ބަޔާންކޮށްދެމުން ޚުތުބާ ގައި ބުނެފައިވަނީ، އަނބިމީހާ އަށް ލިބޭ މުދާ އާއިލާ އާއި ދަރިންގެ މައްޗަށް ހަރަދުކުރުން އޭނާގެ މައްޗަށް މަޖުބޫރު ނޫންކަމަށާއި، ނަމަވެސް ފިރިމީހާ އޭނާގެ މުދަލުން އޭނާގެ އަނބިދަރިންގެ މައްޗަށް ހަރަދު ކުރުމަކީ ވާޖިބު ކުރައްވާފައިވާ ކަމެއް ކަމަށެވެ. އަދި ކިތަންމެ ގިނަ ފައިސާއެއް އަނބިމީހާ އަށް ލިބުނު ކަމުގައި ވިޔަސް އާއިލާ އަށް ހަރަދު ކުރުމާއި ނުކުރުމުގެ އިހްތިޔާރު އޭނާ އަށް ލިބިގެން ވާކަމަށާއި އޭނާގެ ހުއްދައާ ނުލައި އެ ފައިސާ ބޭނުން ކުރުން ފިރިމީހާ އަށް ވެސް ހުއްދަ ވެގެން ނުވާކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައި ވަނީ އިސްލާމީ ޝަރީއަތުގައި ވާ ގޮތަށް އަމަލުތައް ބަހައްޓައިފި ނަމަ އަންހެނުންގެ ހައްގުތައް ގެއްލިގެނެއް ނުދާނެ ކަމަށެވެ. އަދި މުޖްތަމައުގެ ދުޅަހެޔޮކަމާއި އަމާންކަން ދެމެހެއްޓުމަށް އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ މިންތަކާއި އިންތަކުގައި ހިފަހައްޓަން ޖެހޭ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި މުޖްތަމަޢުގެ ދުޅަހެޔޮ ކަމާއި އަމާންކަން ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ އިންތަކާއި މިންތަކުގައި ހިފެހެއްޓުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން