މިހާރު ގައުމުގައި ދެކެވޭ އެންމެ ބޮޑު ވާހަކައަކީ ފޯޅަވަހީގެ ވާހަކައެވެ. ދިވެހިރާއްޖޭގެ ދެކުނުން 245 ނޯޓިކަލް މޭލު ދުރުގައި އޮތް ޗާގޯސްގެ ވާހަކައެވެ. އެއްބަޔަކު ދައްކަނީ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ވާހަކައެވެ. އަނެއް ބަޔަކު ދައްކަނީ ފޯޅަވަހި ގެއްލޭ ވާހަކައެވެ. އެކަމަކު މިއަދުގެ މި ހާލަތަށް މި މައްސަލަ އައި ސަބަބުގެ ވާހަކަ އެއްވެސް ބަޔަކު ނުދައްކައެވެ. ދިވެހިރާއްޖެ މިނިވަންވީ 26 ޖުލައި 1965 ގައެވެ. އޭރުއްސުރެ މިއަދާ ހަމައަށް ރާއްޖޭގެ އެއްވެސް ސަރުކާރަކުން ފޯޅަވަހީގެ މައްޗަށް ދައުވާކޮށްފައެއްނުވެއެވެ. އެހެންނަމަވެސް އެއިރުން ފެށިގެން ދިވެހިރާއްޖެ އދ ގައި ވެސް ބައިވެރިވެ ބައިނަލްއަގުވާމީ މައިދާނުގައި ހަރަކާތްތެރިވަމުން އެބަދެއެވެ. ދުނިޔޭގައި ހިނގާ ކަންކަމުގެ ހަބަރުތައް ބަރާބަރަށް ހޯދައި ބަލަމުން ދެއެވެ.

ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވި ދިވެހިރާއްޖޭގެ ބޮޑުވަޒީރު އަދި ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ 21 އަހަރުގެ ދިގު ވެރިކަމުގައިވެސް ފޯޅަވަހި އެއީ ރާއްޖޭގެ ތަނެއް ކަމަށް ވިދާޅުވެ އެތަން ހޯއްދަވާކަށް ނޫޅުއްވައެވެ. ރާއްޖެއިން އިނގިރޭސީން ފައްސާލައި، އައްޑުއަތޮޅު ގަމާއި، މާމެންދޫގައި ތިބި އިނގިރޭސީން ރާއްޖެއިން ބާލައި، އެމީހުންގެ އެންމެ ފަހަށް ތިބި މީހުން ފޭބި 29 މާޗު 1976 އަކީ ދިވެހިރާއްޖޭގެ ފުރިހަމަ މިނިވަން ދުވަސްކަމަށް ނާސިރު ކަނޑައެޅުއްވި އިރު ވެސް ފޯޅަވަހި އޮތީ އިނގިރޭސީންގެ ދަށުގައެވެ. އެތަނުގައި އޭރުވެސް އިނގިރޭސީން ކުއްޔަށް ދީގެން ހިންގާ އެމެރިކާގެ އަސްކަރީ މަރުކަޒެއް ހުއްޓެވެ.

ރައީސް ނާސިރަށް ފަހުން ދެން ވެރިކަމަށް ވަޑައިގެންނެވީ މައުމޫން އަބްދުލްގައްޔޫމެވެ. އެމަނިކުފާނު ނާސިރަށްވުރެ 9 އަހަރު އިތުރަށް ވެރިކަން ކުރެއްވިއެވެ. އާދެ، ބަރާބަރު 30 އަހަރު ދުވަހު ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވިއެވެ. އޭރުވެސް ފޯޅަވަހި އޮތީ އިނގިރޭސީންގެ ދަށުގައެވެ. އެތަން ހޯއްދަވާކަށް ނޫޅުއްވައެވެ. އެކަމަކު 1992 ގައި ފޯޅަވައްސާ ރާއްޖެއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދާ މެދު އިނގިރޭސިވިލާތާ އެކު މަޝްވަރާތަކެއް ކުރެއްވިއެވެ. އެ މަޝްވަރާތަކުން ނުކުތް ނަތީޖާއަކީ އެ ކަނޑު ދެފަރާތަށް ހަމަހަމަވާ ގޮތަށް ބަހާލުމެވެ. އެ އެއްބަސްވުމުގެ ދަށުން ޑްރާފްޓް އެގްރީމެންޓެއްވެސް އެކުލަވާލެވުނެވެ. އެހެންނަމަވެސް އޭގައި ސޮއިކުރެވިފައި ނުވާތީ އެކަން އެގޮތަކަށް ނުހިނގައެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި އޭގެ ފަހުން ރާއްޖެއިން ބައިވެރިވެ ސޮއިކޮށްފައިވާ އދ ގެ ކަނޑުގެ ސަރަހައްދުތަކާބެހޭ މުއާހަދާގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނެއް އެކުލަވާލެވުނެވެ. އެއީ 27 ޖޫން 1996 ގައެވެ. އެ ގާނޫނުގެ ދަށުން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދަކީ އެ ގާނޫނުގައި ކަނޑައަޅާފައިވާ އާކިޕެލާޖިކް ބޭސްލައިންތަކުން ފެށިގެން 200 ނޯޓިކަލް މޭލުގެ ފުޅާ ސަރަހައްދެކެވެ. އެކަމަކު ހަމަ އެ ގާނޫނުގައި ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ކަނޑައެޅުމުގައި އެހެން ގައުމެއްގެ ހާއްސަ އިގްތިސޯދީ ސަރަހައްދާ ފުށުއަރާނަމަ، އެ ފުށުއަރާ ދިމާލަކާ ބެހޭގޮތުން އެގައުމަކާ ރާއްޖޭގެ ސަރުކާރާ ދެމެދު އެއްބަސްވެ ސޮއިކުރެވޭ އެގްރިމެންޓެއްގެ ދަށުން އެ ފުށުއަރާ ހިސާބެއް ކަނޑައެޅިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް މައުމޫނުގެ ވެރިކަން ނިމުނުއިރު ވެސް ރާއްޖޭގެ ދެކުނުން އިނގިރޭސީންގެ ދަށުގައި އޮތް ފޯޅަވައްސާ ދެމެދު ފުށުއަރާ ތަނާ މެދު އެއްވެސް ކަހަލަ އެއްބަސްވުމަކަށް އާދެވި އެގްރިމެންޓެއްގައި ސޮއިކުރެވިފައި ނުވެއެވެ.

އޭގެފަހުން އައީ ރާއްޖޭގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ފުރަތަމަ ފަހަރަށް އިންތިހާބުކޮށްގެން ހޮވުނު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ވެރިކަމެވެ. 2008 އާއި 2012 އާ ދެމެދު އެމަނިކުފާނު ކުރެއްވި 3 އަހަރުގެ ކުރު، އެހެންނަމަވެސް ގިނަ ކަންތައްތަކެއް ހިނގި ވެރިކަމުގައިވެސް ފޯޅަވަހި ހޯއްދަވާކަށް ނޫޅުއްވައެވެ. އޭގެބަދަލުގައި އެމަނިކުފާނު ގަބޫލުކުރެއްވީ އެއީ އިނގިރޭސީންގެ ދަށުގައި އޮތް މީހުން އާބާދުވެ ދިރިނޫޅޭ ތަނެއް ކަމަށް ބައްލަވައިގެން އެދިމާލުން އޮންނަ ކަނޑުން 200 ނޯޓިކަލް މޭލު ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދަށް ލިބިގެންވާނެ ކަމަށެވެ. އެގޮތުން އދ ގެ ކަނޑުތަކާބެހޭ މުއާހަދާގެ ދަށުން 2010 ގައި އދ އަށް ހުށައެޅި ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ޗާޓުގައި ފޯޅަވައްސާ ވީކޮޅުން ރާއްޖެއަށް ފުރިހަމަ 200 ނޯޓިކަލް މޭލު ލިބިގެންވާނެ ގޮތަށް ފާހަގަކޮށްފައި އޮތެވެ.

އޭގެ ފަހުން ދުވަސްކޮޅަކު ވެރިކަމާ ހަވާލުވެ ހުންނެވި ޑރ.ވަހީދުވެސް އަދި އޭގެ ފަހުން އިންތިހާބުވެގެން 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އެމަނިކުފާނުވެސް ފޯޅަވަހި ހޯއްދަވަން އެއްވެސް މަސައްކަތެއް ނުކުރައްވައެވެ. ކަނޑު މައްސަލަވެސް އޮތް ތަނެއްގައި އޮތީއެވެ.

މި ހުރިހާ ވެރިކަމެއްގައި އެއިން އެއްވެސް ވެރިޔަކު ފޯޅަވަހީގެ މައްޗަށް ދައުވާނުކުރައްވައި އެކަމުގައި ހަނުތިއްބަވާފައި، އަދި އެދުވަސްވަރު ސަރުކާރަށް ގާނޫނީ ލަފާއަރުވާން ތިއްބެވި އެއްވެސް ބަންޑާރަނާއިބަކު ވެސް އެކަމާ އެއްޗެއް ވިދާޅުނުވެ ތިއްބަވާފައި މިއަދު މި މައްސަލަ މިހިސާބަށް އައީމާ ރާއްޖޭގެ ކަނޑުން ބައެއް ގެއްލުވާލަނީއޭ، ވިއްކާލަނީއޭ ނުވަތަ ފޯޅަވަހީ ދޫކޮށްލަނީއޭ އެބަ ވިދާޅުވެއެވެ. ދެން އެއް ބަންޑާރަނާއިބަކު ބޮޑެތި ނޫސް ކޮންފަރެންސްތައް ބާއްވަވާ، އަނެއް ބަންޑާރަނާއިބަކު ގާނޫނުތަކުން ބޭނުންވާ ބައިތައް ނަންގަވައިގެން ލިޔުއްވައި އާއްމު ރައްޔިތުންނަށް މައްސަލަ އޮޅޭ ގޮތަށް އަމިއްލަ ސިޔާސީ މަންފާއަށް ވާހަކަތައް ވިދާޅުވެ ލިޔުއްވަމުން ގެންދަވަނީއެވެ.

މިއިން އެއްވެސް ބަންޑާރަނާއިބަކަށް، ބައިނަލްއަގުވާމީ މައިދާނުގައި 1960 ގެ އަހަރުތަކުން ފެށިގެން، މޮރިޝަސްއޭ ކިޔާ ގައުމަކުން ފޯޅަވަހީގެ މައްސަލަ ނަގައިގެން، ކަމާއިބެހޭ ބައިނަލްއަގުވާމީ އިދާރާތަކަށް ލައިގެން އުޅޭކަން ހަމަ ހިލާ އެނގޭ ކަމަކަށްނުވެއެވެ. އަދި މޮރިޝަސްވެސް، ސީޝެލްސްވެސް، އަދި ކެރީބިއަންގެ ވަރަށް ގިނަ ގައުމުތައް ވެސް އިސްތިއުމާރީ ޒަމާނުގައި އަޅުންނާއި، މަސައްކަތު މީހުން ގެންގޮސް އާބާދުކުރި ފަދައިން 1700 ގެ ފަހުކޮޅުން ފެށިގެން ފޯޅަވަހިވެސް އާބާދުކުރިކަން އެނގިފައިވެސް ނެތީއެވެ. އަދި ޑިއެގޯގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމުކުރުމަށްޓަކައި ތިންހަތަރު ޖީލު އެތަނުގައި އުފަންވެ ދިރިއުޅުނު މީހުން އެތަނުން ގަދަކަމުން ބޭލިކަންވެސް އެނގިފައިނެތެވެ. އަދި އެމީހުން އެކި ކޯޓުތަކަށް އެމައްސަލަ ލައިގެން އިނގިރޭސިވިލާތުގެ ހައިކޯޓުން އެމީހުންނަށް އެމީހުންގެ ވަޒަނަށް އެނބުރިދިޔުމުގެ ހުކުމެއް ކޮށްފައި އޮތް ކަމެއްވެސް އެނގޭ ކަމަކަށް ނުވެއެވެ. އިނގިރޭސި ސަރުކާރުން ފޯޅަވައްސާމެދު ގެންގުޅޭ ސިޔާސަތުވެސް އެއީ ބަދަލުވެދާނެ އެއްޗެއް ކަމަކަށް ނެދެކެއެވެ. ފޯޅަވައްސަކީ ފަޅުތަނެކޭ، ރާއްޖެއާ އެތަނާ ދެމެދު އޮތް ކަނޑުން ރާއްޖެއަށް 200 ނޯޓިކަލް މޭލު ފުރިހަމަ ލިބެންޖެހޭނެ ކަމަށް މި ކިޔަމުންދަނީ އެހެންވެގެންތާއެވެ. އެތަނާ މެދު ބައިނަލްއަގުވާމީ އިދާރާތަކުން މިއަދާ ހަމައަށް އަންނަ އިރު ދައުވާކޮށްގެން އުޅޭ ކަންކަމަށް ގޮތްތަކެއް ނިމިގެންދާނެކަމަކަށް މިބަންޑާރަނާއިބުންނާއި އެކަމާ ހަޅޭއްފުޅުލައްވާ ބޭބޭފުޅުންނަކަށް އެނގިވަޑައިގެން ވާކަމަކަށް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-17

މުހައްމަދު އަލި މަނިކު

19-May-2023

ވަރަށް ރަގަޅު ވާހަކައެއް. ކޮންމެ ބަޔަކު ވެސް އުޅެނީ ސިޔާސީ ކޮށްލައިގެން މައްސަލަ އޮޅުވާލައިގެން. ތިމަންމެން ވަރުގެ ގައުމިއްޔަތަށް ލޯބިކުރާ ބައެއް ނެތް ކަމަށް ދައްކައިގެން.



ޓްރެންޑިން