26 މާރިޗު 2020 - 13:58
14 ވަނަ އެޕިސޯޑް

==========

ތާރާގެ ޙަޔާތުގައި ކުރިން ދިމާވި ޙާދިޘާ ނިކަން ރަނގަޅަށް އެމީހުންނަށް އެނގެއެވެ. އެދޭތެރެޔަށް ޝިޔާން މެދުވެރިވީ ދިރިއުޅުން ހަލާކުވެ ނުރައްކަލެއް ކުރިމަތިވުމަކީ އެމީހުނަށް އެދެވޭނެ ކަމެއް ނޫނެވެ.

[ދަރިފުޅާ...ތިކަމުގެ ތެރެއަށް ދަރިފުޅު ނުވަދޭ. ދަރިފުޅަށް ކިތަންމެ ބޮޑު ނުރައްކަލަކާވެސް ކުރިމަތިވެދާނެ. އެއީ ވަރަށް ނުރައްކާތެރި ކަމެއް. މިހާރުވެސް އޭތި ދާނީ ދަރިފުޅުގެ ފަސްބަލަމުން...ފާރަލަމުން. ދަރިފުޅުގެ އުނަގަނޑުގައި ތިއޮތް ތަވީދު ނެތްނަމަ ވަރަށް ނުރައްކާވީސް.] ޝަކީބާ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެއްޖެއެވެ.

ޝިޔާނަށް ދެރަގޮތެއް މެދުވެރިވުމަކީ އޭނާޔަށް ބަލަން ކެތްކުރެވޭނޭ ކަމެއް ނޫނެވެ.

[މަންމާ...އެކަމަކު އަހަރެންގެ ސަބަބުން ތާރާގެ ޢާއިލާ އެނުރައްކަލުން ސަލާމަތްވުމަކީ މާ މުހިންމު ކަމެއް ކަމަށް އަހަރެން ދެކެން. އަދި ޙަޤީޤަތެއް ނުވެސް އެނގޭ. އަހަރެން ބޭނުންވަނީ ފަންޑިތަ ހަދާ މީހަކު ލައްވާ ޙަޤީޤަތް ހޯދުވަން. ޔަޤީންކުރޭ މަންމާ...އަހަރެން މިޢާއިލާއަށް ދެރައެއް ހުތުރެއްވާފަދަ އެއްވެސް ކަމެއް ނުކުރާނަން. އިރާދަކުރެއްވިއްޔާ އަހަރެންގެ ސަބަބުން ބަޔަކަށް ދިރިއުޅުމުގައި ރަނގަޅު މަގު ފެންނާނީ.] ޝިޔާން ހުރީ އޭނާ ކުރަން ނިންމާފައިވާ މަސައްކަތާއިގެން ކުރިޔަށް ދާން ތައްޔާރަށެވެ. ތާރާގެ ޢާއިލާއަށް ޙަޤީޤަތް ހާމަކޮށްދޭން ކިތަންމެހާވެސް އޭނާ ބޭނުމެވެ.

[މައްސަލައެއް ނެތް...މަންމަ ޤަބޫލުކުރަން...މި މަންމަގެ ބަނޑުން އުފަންވެފައިވާ އެއްވެސް ދަރިޔަކު މިޢާއިލާއަށް ހުތުރު ނަމެއް ނުހޯދާނެ. މަންމަ ކުދިން ތަރުބިއްޔަތު ކުރީ ދިރިއުޅުމެއްގައި ކުރިޔަށް ދާނޭ ހުރިހާ ކަމެއްވެސް އުނގަންނައިދީގެން. މަންމަ ޔަޤީންކުރަން ޝިޔާންވެސް ކޮންމެ ކަމެއް ކުރިޔަސް ވިސްނުންތެރިކަމާއެކު ކުރާނެ ކަމަށް.] ޝަކީބާ އޭނާގެ ދަރިފުޅަށް އިތުބާރު ކުރެއެވެ.

އެހެން ނަމަވެސް ޝިޔާން އެކަނި ރަށަށް ދިޔުމަކީ ޝަކީބާވެސް ރުހޭ ކަމެއް ނޫނެވެ.

[އަހަރެން އެކަންޏަކު ނޫނޭ ރަށަށް ދާނީ. އަހަންނާއެކު ވިޝާލްވެސް ދާނެ. އަދި ފަންޑިތަ ހަދާ މީހާވެސް ދާނެ. މިހާރު އަހަރެމެން ފަންޑިތަ ހަދާ މީހަކާވެސް މަޝްވަރާ ކޮށްފިން. އޭނާ ބުނީ ތާރާ ދާއިމީގޮތަކަށް ޖިންނީގެ ކިބައިން ސަލާމަތްވެގެން ނޫނީ އަހަންނަށްވެސް ރައްކާތެރިކަން ކުޑައޭ. އެހެންވެ އަހަރެންވެސް ބޭނުން، އެކަމުން ސަލާމަތްވާން.] ޝިޔާން ބުންޏެވެ. އޭގެފަހުން އޭނާ ނިދީގައި ތާރާގެ ގެޔަށް ދެތިން ރެޔަކު ވެއްދި ވާހަކަވެސް ބައެއް އުނިކުރުމަށްފަހު މަންމަމެނަށް އޭނާ ކިޔައިދިނެވެ.

[ފިސާރި ތެދެއް!؟] ޝަކީބާއާއި ޝިނާއަށް އެއްފަހަރާ ކަހަލަ ގޮތަކަށް އަހާލެވުނެވެ.

[އާނ...މަންމާ...ދޮންތާ މީ ހަމަ ތެދު ޙަޤީޤަތް. އެތިންރޭވެސް އަހަންނަށް ހޭލެވުނީ އެގެއިން ނިކުމެ ދޮރާށި ކައިރިއަށް އާދެވޭފަހުން.] ޝިޔާން އިތުރަށް ޔަޤީންކޮށްދިނެވެ.

[ތިޔަހެން ވެއްޖެއްޔާ ތިކަން ބަލަންޖެހޭނެ. ތިކަމުގެ ޙަޤީޤަތް ހޯދަން މަސައްކަތްވެސް ކުރަންވާނެ. މަންމާ...އެހެންނޫނީ ކޮއްކޮއަށް ކިތަންމެ ބޮޑު ނުރައްކަލަކާވެސް ކުރިމަތިވެދާނެ.] ޝިނާވެސް އެންމެފަހުން އެމަސައްކަތުގައި ކުރިޔަށްދާން އެއްބަސްވިއެވެ. ކޮއްކޮގެ ސަލާމަތަށްޓަކައި ބޮޑު ހޭދަތަކެއް ކޮށްގެން ނަމަވެސް އެކަން ކުރަން އެދުވަހު އޭނާ ނިންމިއެވެ.

[ކޮއްކޮ ކުރިންވެސް ތިވާހަކަ ދޮންތަމެނަށް ކިޔައިދިންނަމަ...ތިކަމުން ކޮއްކޮ ސަލާމަތް ކުރުމަށްޓަކައި މަސައްކަތް ކުރީމުސް.] ޝިނާއަކީ އަބަދުވެސް އޭނާގެ ދެކޮއްކޮއާމެދު ވަރަށް ބޮޑަށް ވިސްނައި، އެދެބެންނަށް ނުހަނު ހެޔޮއެދޭ ދައްތައެކެވެ.

[ތިކަހަލަ ކަމަކަށް ހޯދަންވާނީ ވަރަށްމޮޅު ހުޝިޔާރު ފަންޑިތަ ހަދާ މީހަކު. މަންމަ ދަންނަ ރަނގަޅު މީހަކު ނެތްތަ. އަހަރެންވެސް ދާނަން ކޮއްކޮއާއެކު ރަށަށް. މިފަދަ ކަމެއް މެދުވެރިވެގެންދާއިރު ކޮއްކޮ އެކަނި ފޮނުވާކަށް އަހަރެން ބޭނުމެއް ނޫން.] ޝިނާ ބުންޏެވެ.

އަރުފާން ނިންމައިގެން ހުރީ އޭނާގެ ރޭވުންތެރި މަޅީގައި ޝިޔާންގެ ޢާއިލާޖެހި އެމީހުން ޝިޔާން ހިފަހައްޓާނެ ކަމަށެވެ. ނަމަވެސް ކަންވީ އޭނާ ހީކުރިގޮތަކަށް ނޫނެވެ. އެޢާއިލާއަކީ އެއަށްވުރެން ހޭލުންތެރި ހަރުދަނާ އުޞޫލުތަކެއް ގެންގުޅޭ ޢާއިލާއެކެވެ.

އެހެން ނަމަވެސް އަރުފާން އެހުރީ އޮޅުންގަނޑެއްގެ ތެރޭގައެވެ. މިހާރު ޝިޔާންގެ މުޅި ޢާއިލާ ތައްޔާރުވަމުން ދަނީ އޭނާގެ ކިބައިން އެޢާއިލާ ސަލާމަތް ކުރުމަށެވެ.

އަރުފާން ނިންމާފައިވަނީ ޝިޔާން ދަތުރުކުރާ އުޅަނދަށްވިޔަސް ޙަމަލާދީ އޭނާގެ ޙަޤީޤަތް ހާމަވުމުގެ ފުރްޞަތު ބަންދުކޮށްލާށެވެ. ފްލައިޓް ކަމަށްވިޔަސް ފްލައިޓަށް ޙަމަލަދިނުމަށްވެސް އޭނާވަނީ ވިސްނާފައެވެ.

[މަންމަ ދަންނަ ވަރަށްމޮޅު މީހަކު ހުންނާނެ މާފަންނުކޮޅު ގެއެއްގައި. ޚާއްޞަކޮށް، ތިޔަކަމުގައި އެންމެ ހުޝިޔާރުވާނީވެސް އޭނާ. ދަރިފުޅުމެން ހިނގާބަލަ މަންމަވެސް ގޮވައިގެން އެގެޔަށް ދާން...އެމީހާއާ ވާހަކަ ދައްކައިގެން، އޭނަވެސް ގޮވައިގެން ރަށަށްދާނީ.] ޝަކީބާ ބުންޏެވެ.

[މަންމަ ތިބުނާ މީހާޔަކީ ކޮންނަމެއް ކިޔާ މީހެއްތަ؟] ޝިޔާން އެއްސެވެ.

[ރެކިމަނިކުހެން މަންމައަށް ހީވަނީ ކިޔާ އުޅެނީ.]

[ތިބުނާ ރެކިމަނިކުބެއާ އަހަންނާ ވިޝާލް ވާހަކަ ދައްކައިފިން. އޭނަހުރީ އަހަރެމެންނާއެކު ރަށަށް ދާން ތައްޔާރަށް.] ޝިޔާން ބުންޏެވެ.

[ތިލިބުނީ ވަރަށްބޮޑު ހިތްހަމަޖެހުމެއް. އަވަހަށް ޓިކެޓް ހޯދާ...ދޮންތަ އެބުނީތާ ދޮންތަވެސް ދާނަމޭ. ތިކުދިން ވަރަށް ވިސްނުންތެރިކަމާއެކު މަސައްކަތް ކުރާތި.] ޝަކީބާ ޝިޔާންގެ ބޮލުގައި ފިރުމާލިއެވެ.

ޝިޔާންމެން ދަތުރަށް ތައްޔާރުވަމުންދާކަން އެނގުމާއެކު، އަރުފާންގެ ރުޅިވެރިކަން އިންތިހާއަށް ދިޔައެވެ.

އެމީހުނަށް އައްޑުއަތޮޅަށް އެރުމުގެ ފުރްޞަތު ދޭކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ އެކަމަށް ހުރަސްއެޅެން އޮތް ހުރިހާ ގޮތެއް ބަލައި މަގުތައް ބަންދުކުރާނެއެވެ. އެއީ ކިތަންމެގިނަ ބަޔަކަށް ގެއްލުން ދީގެން ކަމަށްވިޔަސް އޭނާގެ ދިރިއުޅުން ކުރިޔަށް ގެންދަން އޭނާ ބޭނުމެވެ.

އެކަމުގައި އެތައް އިންސާނުންގެ ފުރާނަ ދުއްވާލަން ޖެހުނަސް، އޭނާ ފަހެއްނުޖެހޭނެއެވެ. މިވަގުތު އޭނާ ވިސްނާނީ އޭނާގެ އުފަލަށެވެ.

[އަހަރެންގެ ދިރިއުޅުމަށް އަރައިގަންނަން ޝިޔާނަކީ ކާކު؟ އަހަރެން އެއްވެސް އިންސާނަކަށް އެފުރްޞަތެއް ނުދޭނަން. ތާރާގެ ޙަޔާތަށް އެއްވެސް މީހަކަށް ނޭނގި ޝިޔާން ގެނައީ އަހަރެން. ތާރާގެ ޙަޔާތުންނާއި މިދުނިޔެއިންވެސް އޭނާ ފޮހެލުމުގެ ބާރު އަހަންނަށް ލިބިގެންވޭ. އަހަރެން އޭނާގެ ދުވަސް ދުއްވާލާނަން.] އަރުފާން ހިތާހިތާ ކިޔާލިއެވެ.

[އަރުފާން....ކިހިނެއްވެފައި ތިއިނީ؟ ބުނެބަލަ...މިފަހަކަށްއައިސް އަބަދުވެސް އަރުފާން ވަރަށްބޮޑަށް ފިކުރުބޮޑުވެފައިވާ މަންޒަރު ފެންނަނީ. އަހަންނަށް އެނގޭ...މިހާރު އަރުފާން ކޮންމެވެސް ކަމެއް އަހަންނަށް އެބަ ސިއްރުކުރޭ.] ތާރާ އަރުފާންގެ އިޙްސާސްތައް ޙަރަކާތުން ދެނެގަތެވެ.

[ނޫން...އެއްވެސް ކަމަކާ ނުވިސްނަން.] އަރުފާނަށް ތެޅިގަނެވުނެވެ. އަރުފާންގެ މޫނުމައްޗަށް އެރި ކުލަވަރާއި، މުޅި މީހާ އުޅޭ ގޮތްގޮތުން ތާރާއަށް އިތުރަށް އަރުފާނާމެދު ވިސްނެން ފެށުނެވެ.

[ބުނޭ...އަރުފާން....އަހަންނަށް ކޮންމެވެސްކަމެއް އެބަ ސިއްރުކުރޭ.] ތާރާ އަރުފާންގެ އަތުގައި ހިފެހެއްޓިއެވެ.

[ނޫނޭ...ތާރާ...އަހަރެން އެއްވެސް ކަމެއް ތާރާއަކަށް ސިއްރެއް ނުކުރަން. ތާރާއަށް ތިޔަހެން ހީވަނީ އަހަންނާމެދު މާބޮޑަށް ވިސްނާތީ.] އަރުފާން ހަމަޖެހެން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.

[އެކަމަކުވެސް މިހާރަކަށް އައިސް އަރުފާން އުޅޭގޮތުން އަހަންނަށް ވަރަށް ބޮޑަށް ޝައްކުކުރެވޭ. ދެން އެންމެ ރަނގަޅު...އަރުފާން ބުނީތީ އަހަރެން ޤަބޫލުކޮށްފިން.] ތާރާ ބުންޏެވެ.

ދުވަސްވަރަކީ މަދުރަސާތަކުގެ ބޮޑު ބަންދުގެ ދުވަސްވަރުކަމުން، ޓިކެޓް ހޯދުންވެސް ޝިޔާންމެނަށްވީ ވަރަށް ދަތި ކަމަކަށެވެ. ޓިކެޓް ލިބެން އަންނަނީ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އެއީ ޝިޔާންމެނަށް ލިބުނު ވަރަށްބޮޑު ނުތަނަވަސް ކަމެކެވެ. އެއީ އަރުފާނަށް ލިބުނު ހިތްހަމަޖެހުމެކެވެ.

[އަވަހަކަށް ޓިކެޓް ލިބޭގޮތެއްނުވި. ދެ އެއަރލައިނުންވެސް ވަރަށް ބާރުބޮޑު. ކަނޑުމަގުން ނައްޓާލަންވީކަންނޭނގެ. މިރޭވެސް މާދަމާރޭވެސް ދެބޯޓެއް ފުރާނެ.] ޝިޔާން ވާހަކަ ދެއްކީ އޭނާގެ ދޮންތަ ޝިނާއާއެވެ.

[ކަނޑުމަގަކުން ނުދެވޭނެ...އެންމެ އަވަހަށް ޓިކެޓް ލިބެން އަންނަނީ ކޮންދުވަހަކަށްތަ؟] ޝިނާ އެއްސެވެ.

[އަންނަ ހަފްތާގެ ހޯމަ ދުވަހަށް އޯކޭވަނީ. އެކަމަކު އަހަރެން ވެއިޓިންގ ލިސްޓްގައި ޖައްސައިފިން.] ޝިޔާން ބުންޏެވެ.

އެއީ ޝިޔާނަށް ލިބުނު އިތުރު މާޔޫސް ކަމެކެވެ. ޗުއްޓީ ހަމަކޮށް ބޭރަށް ފުރުމުގެ ކުރިން ހުރިހާ ކަމެއްވެސް ހަމަޔަކަށް އަޅުވަން އޭނާ ބޭނުންވެއެވެ. ނަމަވެސް މިހާރު ވަގުތު ކުޑަތަންވަމުން ދަނީއެވެ. އަދި އެއްވެސް މަސައްކަތެއް ކުރިޔަކަށް ނުދެއެވެ.

މިހާރު އަރުފާންގެ ހުރިހާވެސް ވިސްނުމަކީ ޝިޔާންގެ ކިބައިން ސަލާމަތްވުމެވެ. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ކޮންމެ ފްލައިޓަކަށްވެސް އަރުފާން ދަނީ ފާރަލާ ބަލަމުންނެވެ.

ނަމަވެސް އަރުފާން ކޮންމެފަހަރަކުވެސް އެނބުރި ގެޔަށްދަނީ ހިތްހަމަޖެހިފައި ހުރެއެވެ. އޭނާ ކިތަންމެވަރަކަށް ހިތްހަމަޖެހިގެން އުޅުނަސް މިހާރު މާލޭގައި ތިބި ނަމަވެސް ޝިޔާންމެން ދަނީ އޭނާ ތާރާގެ ޙަޔާތުން އެއްފަރާތް ކުރުމަށްޓަކައި މަސައްކަތް ކުރަމުންނެވެ.

ރެކިމަނިކު ދަނީ އޭނާއާއެކު އައްޑުއަށްދާ ހުރިހާ މީހުންގެ ރައްކާތެރި ކަމަށްޓަކައި ފިޔަވަޅު އަޅަމުންނެވެ.

އެހެން ނޫނީ ދަތުރުމަތީގައިވެސް ކިތަންހާވެސް ބޮޑު ނުރައްކަލަކާ ކުރިމަތިވެދާނެއެވެ. ކުރިން ހުރިހާ ކަމެއްގެވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އޭނާވަނީ ނިންމާފައެވެ.

[ޝިޔާންވެސް އަދި އަހަރެމެންގެ ދަތުރުގެ ކޮންމެ ބައިވެރިޔަކުވެސް ވާނެ ތަވީދެއް އަޅަން. އެހެންނޫނީ ދަތުރުމަތީގައި ހުރަސްތަކެއް ކުރިމަތިވެދާނެ. ޙަޤީޤަތުގައި މިކަމަކީ ވަރަށްވެސް ނުރައްކާތެރި ކަމެއް.]

ރެކިމަނިކު ތަވީދު ލިޔުމުގެ މަސައްކަތުގައި އިނދެ ޝިޔާނާއި ވިޝާލާ ވާހަކަ ދެއްކިއެވެ.

[މައްސަލައެއް ނެތް...އަހަރެންވެސް ތަވީދު އަޅަން ބޭނުން. ޙަޤީޤަތުގައިވެސް އަހަރެމެން މި ކުރިމަތިލަނީ ވަރަށް ނުރައްކާތެރި ކަމަކާ. ފުރަތަމަ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަކީ ވަރަށް މުހިންމު ކަމެއް.] ވިޝާލް ބުންޏެވެ.

ރެކިމަނިކު ފުރަތަމަ ތަވީދު ނިންމުމަށްފަހު ވިޝާލްގެ އަތުގެ މުލައްދަނޑީގައި އަޅުވާލަދިނެވެ. އެހާ ހިސާބުން ވިޝާލްގެ ނުތަނަވަސްކަން ފިލައިދިޔައެވެ.

[އަހަންނަށް ވަރަށް ބޮޑަށް ހަމަޖެހުން ލިބިއްޖެ. މިހާރު ދެން އަހަރެމެން ފުރާ ދުވަސްވެސް ވަރަށް ގާތްވެއްޖެ. މާދަމާ ނޫން އަނެއް ދުވަހަކީ ބޮޑު ދުވަހަަކަށްވާނެ.] ވިޝާލް ރެކިމަނިކު ތަވީދު އަޅުވާލަދިނުމުން ބުންޏެވެ.

އަރުފާންގެ ހުރިހާ ވިސްނުމަކީވެސް ޝިޔާންމެން ދަތުރުކުރާ އެއްޗަކަށް ޙަމަލަދީ، އެމީހުން އެކުރާ މަސައްކަތް އެކަށް ބަންދުކޮށްލުމެވެ.

އެހެން ނަމަވެސް އަބަދަކު އޭނަޔަށް ކުރި ނުލިބޭނެކަންވެސް އޭނާ ދަންނަން ޖެހޭނެއެވެ. އެންމެ ބޯބޮޑު މީހަކީ އޭނާ ކަމަށް ވިސްނުމަކީ އޭނާ ކުރާ މޮޔަކަމެކެވެ.

މިހާރު ތާރާގެ ދަރިފުޅަށް އަހަރު ފުރުމުގެ ޙަފްލާ ބޭއްވުމަށްޓަކައި މުޅި އެގެވެސް އެވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ހަވީރު ކުޑަކުދިންނަށް ޚާއްޞަކޮށްގެން ޕާޓީއެއް ބޭއްވުމުގެ އިތުރުން ބޮޑެތި މީހުންނަށް ރޭގަނޑުގެ ކެއުމެއްވެސް ވަނީ ތައްޔާރުކޮށްފައެވެ.

[ކީއްކުރަންތަ...ކުޑަކުއްޖެއްގެ އަހަރުފުރޭ ޙަފްލާއަކަށް ބޮޑެތި މީހުނަށް ދަޢުވަތު ދެނީ. އަހަންނަށް ފެންނަ ކަމެއް ނޫން ތިއީކީ.] އަރުފާން ރުހޭ ކަމަކަށްނުވިއެވެ. ނަމަވެސް އޭރު ތާރާގެ ބައްޕަ ޝަފީޤު ވަނީ ހުރިހާ ކަމެއް ފުރިހަމަކޮށްފައި ކަމުން، އެކަން ހުއްޓާލާކަށް ތާރާގެ ޢާއިލާއަކުން ބޭނުމެއްނުވިއެވެ.

[މިހާރު ބައްޕަ ހުރިހާ ކަމެއް ހަމަޖައްސައިފި. ބައްޕަމެން ކުރާ ކަންތަކާ އަޅާނުލިއްޔާ ރަނގަޅުވާނީ. އަހަންނަކަށް ނޭނގެ...މިހާރަކަށްއައިސް ކުރެވޭ އެއްވެސް ކަމެއްގައި އަރުފާންގެ ހިތްހަމަޖެހޭކަމަކަށްނުވޭ.] ތާރާ ބުންޏެވެ.

[އަހަރެން ހިތްހަމަނުޖެހެނީކީ ނޫން. ކުއްޖަކަށް އަހަރު ފުރިގެން ފާހަގަކުރާއިރު، ވަރަށްމަދު ފަހަރެއްގައި ނޫނީ ބަޔަކު ބޮޑެތި މީހުންނަކަށް ދަޢުވަތެއް ނުދޭނެވިއްޔަ. ބައްޕަ ދަޢުވަތު ދެންޏާ ދޭނީވެސް ރަށުގެ ރައްޔިތުންނަށް. ޚަރަދަށްވުރެން މައްސަލައަކީ މަސައްކަތް. އަހަންނަކީ މާބޮޑު ޢާއިލާއެއް އޮތް މީހެއް ނޫން. އެހެން ނޫންނަމަތާ މަސައްކަތް ކުރާނެ ބަޔަކުވެސް އަހަންނަށްވާނީ....] އަރުފާން ބުންޏެވެ.

[ތިވެސް ރަނގަޅު ވާހަކައެއް. ކަމަކީ ބުރަކަމެއް. ބައްޕަ މީހުންވެސް ހޯދާނެ. އަހަރެމެން ހާސްވެ ކަންބޮޑުވާކަށް ނުޖެހޭނެ. ބައްޕަ ބުނި މައުލޫދު ކިޔާ ބަޔަކު ހޯދާނެ ވާހަކަވެސް.] ތާރާގެ އެވާހަކައިން އަރުފާނަށް ވަރަށްބޮޑު ހާސްކަމެއް ލިބުނެވެ.

[ކީކޭ!؟ މައުލޫދު ކިޔާ ބަޔަކު ގެންނަނީޔޭ. އެއީ ދެން ކޮންބޭނުމަކު ކުރާ ކަމެއް. އަންޒަމާނުގެ މީހުން ކުރާކަހަލަ ކޮސް ކަންތައް ކުރަނީ ކީއްކުރަންތަ؟] މިފަހަރު އަރުފާން ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ.

ނަމަވެސް ބައްޕަމެން ކުރާ އެކަހަލަ ކަންތައްތަކުގައި ބަސްކިޔާ އުޅުމަކީ ތާރާ ކުރާނެ ކަމެއް ނޫނެވެ. އަމުދުން ބައްޕަކުރާ ކަމަކާ ދެކޮޅުހަދަން އޭނާއަށް ނުވެސް ކެރެނީއެވެ.

[އަރުފާން...މައުލޫދު ކިޔުމަކީ ދެން މައްސަލައެއް ނޫންކަންނޭނގެ. އަހަންނަކަށް ނުކެރޭނެ ބައްޕަ ގާތު ބައްޕަގެ ނިންމުމާ ދެކޮޅަށް އެއްވެސް ވާހަކައެއް ދައްކާކަށް.] ތާރާ ބުންޏެވެ.

އަރުފާނަށް ހަދާނެގޮތް ހުސްވިކަހަލައެވެ. މިހާރު ދެން ހުރިހާ ދިމާއަކުންވެސް އޭނާޔަށް ހުރަސްތައް މެދުވެރިވަނީއެވެ. ފިއްތުންތަކާ ކުރިމަތިވަނީއެވެ.

އެވަގުތެވެ. ޝިޔާންމެން މިހާރު ދަތުރަށް ތައްޔާރުވެ، އެއަރޕޯޓަށް ދިޔުމަށްޓަކައި ނިކުންނަނީއެވެ. ޝިޔާނާއި އޭނާގެ ދޮންތަގެ އިތުރުން ވިޝާލާއި ރެކިމަނިކެވެ.

ރެކިމަނިކު ދަނީ އޭނާގެ މަސައްކަތަށް ބޭނުންވާނޭ ހުރިހާ ސާމާނެއްވެސް ހިފައިގެނެވެ. ދަތުރުގެ ހުރިހާ ޚަރަދެއް ޝިޔާންގެ ދޮންތަ ކުރަން ނިންމީ، އެއީ ޝިޔާންގެ ސަލާމަތަށްޓަކައިވެސް ކުރަންޖެހޭ މުހިންމު ކަމަކަށްވާތީއެވެ.

[ރެކިމަނިކު ބެޔަށް ޔަޤީންތަ، މިހާރު އެގޭގައި އުޅެމުން އެދަނީ އިންސާނެއް ނޫންކަން.] އެއަރޕޯޓަށް ފައިބަމުން ޝިނާ ވާހަކަ ދެއްކިއެވެ.

[ކަށަވަރުތާ...ތިޔަބުނާ އަރުފާނަކީ އިންސާނެއް ނޫންކަން. އަހަރެން އެރަށަށް ގޮސް ދެތިންދުވަސްތެރޭ ސާބިތުކޮށްދޭނަން.] ރެކިމަނިކު ޔަޤީންކަން ދިނެވެ.

[އޭތި އިންސާނުންގެ ތެރޭގައި އުޅެނީ ކީއްވެބާ...ހަމަގައިމުވެސް އޭއްޗަކަށް އިންސާނުންގެ ތެރޭގައި އުޅޭކަށް ފަސޭހައެއް ނުވާނެ.] ޝިނާ އެއްސެވެ.

[ވާގޮތަކީ ޖިންނީންނަކީ ލޯބިވެއްޖެއްޔާ، ލޯބި ހޯދަން ވަރަށް މަސައްކަތްކުރާ ބައެއް. އިންސާނުންނަށްވުރެން މާބޮޑަށް ލޯބި ހޯދަން މަސައްކަތް ކުރާނެ ޖިންނީން.] ރެކިމަނިކު ބުންޏެވެ.

[އިންސާނުންދެކެ ހަމަ ލޯބިވެދާނެތަ؟] ޤަބޫލުކުރަން ދަތިވެފައި ވިޝާލް އެއްސެވެ.

[އާނ...ކުރީ ޒަމާނުގައިވެސް ހިނގާ ކަމެއް އެއީ. ބައެއްފަހަރު އިންސާނުންނާއި ޖިންނީންގެ ގުޅުމަށް ދަރިންވެސް އުފަންވޭ. އެހެން ނަމަވެސް ރޫޙާނީ ބާރު ލިބިފައިވާ ކުދިން ޢާންމުކޮށް އުފަންވާނީ.] ރެކިމަނިކު އިތުރަށް އޮޅުންފިލުވައިދިނެވެ.

[ތިހެންވީއިރު ތާރާގެ ދަރިފުޅުވެސް ވާނީ ރޫޙާނީ ބާރު ލިބިފައިވާ ދަރިއަކަށްތާދޯ؟] މިފަހަރު ވާހަކަ ދެއްކީ ޝިޔާނެވެ.

[ޖިންނީގެ ދަރިއަކަށް ވެއްޖެއްޔާ އެކަށީގެންވޭ.] ރެކިމަނިކު ބުންޏެވެ. ނަމަވެސް ބައެއްފަހަރު ރަނގަޅު ކުއްޖަކު ލިބިދާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ޝިޔާންމެން ދަތުރުކުރަން އުޅުނު ފްލައިޓްގެ އިންޖީނަށް މައްސަލައެއް ދިމާވެ، އެދުވަހުގެ ފްލައިޓް ކެންސަލް ވެއްޖެކަން ދަތުރުވެރިންނަށް އެންގީ އެއަރޕޯޓަށް ގޮސް ގިނަބަޔަކު ޗެކިންގކޮށް ނިމުނު ފަހުންނެވެ.

ފްލައިޓް ކެންސަލްވީއިރު، އަލުން ދަތުރުތައް ފެށޭނެ ދުވަހެއް ނޫނީ ވަގުތެއްވެސް ހާމައެއްނުކުރެއެވެ. ވުމާއެކު ވަރަށްގިނަ ބަޔަކު އެ އެއަރލައިނާމެދު ނުރުހުން ފާޅުކޮށްފައިވެއެވެ.

[ކިހާދެރަ ކަމެއް މިދިމާވީ. ޓިކެޓް ލިބުނީ އެހާ މަސައްކަތުން. މިހާރު މިއޮތީ ފްލައިޓް ހަލާކުވެފައި. އަހަރެމެން ދެން އެހެން ގޮތެއް ބަލަންވީކަންނޭނގެ.] ޝިޔާން ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާ ވިޝާލާއެވެ.

[އަނެއް އެއަރލައިނުން ޓިކެޓް ލިބޭތޯ ބަލަމާ. ކޮންމެހެންވެސް އެބަޖެހޭ ދާން. އޭރުންތާ އަހަރެމެންގެ ޗުއްޓީ ހަމަވުމުގެ ކުރިން އޭތި ހަމަބިމަށް ތިރިކުރެވޭނީދޯ ރެކިމަނިކުބޭ.] ވިޝާލް ރެކިމަނިކަށް ދޯދެމުން ބުންޏެވެ.

[މިހާރުވެސް މާބޮޑަށް ލަސްވެއްޖެ. ޝިޔާން އަވަހަށް އެހެން ގޮތެއް ހޯދާ. އަހަންނަށް ހީވަނީ ފްލައިޓް ވަރަށް ބޮޑަށް ހަލާކުވެއްޖެހެން.] ރެކިމަނިކު ބުންޏެވެ.

ޙަޤީޤަތުގައި އެއީވެސް އަރުފާން އެޅި ހުރަހެކެވެ. އެގޮތަށް އަރުފާން ހުރަސްއަޅަން ވެއްޖެ ކަމަށްވާނަމަ، އެކަން ވެގެންދާނީ ދިވެހި މުޖްތަމަޢަށްވެސް ލިބިގެންދާނޭ ތުރާލަކަށެވެ.

ޝިޔާާނާމެން ދެން ޤަޞްދުކުރީ ޓީ.އެމް.އޭ.ގެ ފްލައިޓެއްގައި ރަށަށްދާށެވެ. ކުރިން އެމީހުން ދަތުރުކުރަން އުޅުނު އައިލެންޑް އޭވިއޭޝަންގެ އެތެރޭގެ ދަތުރުތަކަށް ޚާއްޞަކޮށްފައިވާ ދެފްލައިޓްވެސް އެއްފަހަރާހެން ހަލާކުވެ، އެފަރާތުން ދެމުން އައި ޚިދްމަތް ވަގުތީގޮތުން މެދުކެނޑުނީއެވެ.

[ޓީ.އެމް.އޭ އިންވެސް ޓިކެޓް ހޯދާކަށް މިހާރު ފަސޭހައެއް ނުވާނެ. ވަރަށް މަސައްކަތް ކޮށްގެން ލިބޭނީ. އަމުދުން އައިލެންޑް އޭވިއޭޝަންގެ ފްލައިޓަށް މައްސަލަ ދިމާވުމުން ވަރަށް ބާރު ބޮޑުވާނެ.] ޝިޔާން އެނބުރި މާލެ ދަމުން ވާހަކަ ދެއްކިއެވެ.

ނަޞީބު ދިމާކުރިގޮތުން މާއުނދަގުލެއްނެތި އެމީހުންނަށް ޖެހިގެން އައި ދުވަހު ފުރޭގޮތަށް ޓިކެޓް ހަމަޖެހުނެވެ.

އެމީހުން ޓީ.އެމް.އޭ އިން ޓިކެޓް ޔަޤީން ކުރުމާއެކު، އައިލެންޑް އޭވިއޭޝަނަށް ދިމާވި މައްސަލަ ޙައްލުވެ، އަލުން ދަތުރުފެށުން އެފަރާތުން އިޢުލާނު ކުރިއެވެ.

ޖެހިގެން އައި ދުވަހުވެސް ޝިޔާންމެނަށް ދިމާވީ އެއް މައްސަލައެކެވެ. ވުމާއެކު ވެގެންއުޅޭ ގޮތް ރެކިމަނިކަށް އެނގުނެވެ. އޭނާ ވަގުތުން އެކަމަށް ޙައްލުހޯދަން މަސައްކަތް ކުރިއެވެ.

[އަހަރެމެންގެ ދަތުރަށް ސީދާ އޭތި އެދަނީ ހުރަސްއަޅަމުން. އެގޮތަށް އޭއްޗަކަށް ބާރެއް ނުދެއްކޭނެ. މިއަދު އަހަރެމެން ފުރާނަން.] ރެކިމަނިކު އޭނާގެ އަތްދަބަސް ހުޅުވާލުމަށްފަހު ބުންޏެވެ.

[ތިވަރިއްޔާ އަހަރެމެން ފްލައިޓަކަށް އަރާކަށްވެސް ނުވާނެއެއްނު. އަހަރެން ބިރުގަންނަން ފަށައިފި.] ޝިނާ ބިރުގަތެވެ. ނަމަވެސް ރެކިމަނިކު ހިތްވަރު ދިނުމުން އެންމެންނަށްވެސް ހިތްވަރު ލިބުނެވެ.

ރެކިމަނިކުގެވެސް މަސައްކަތާއެކު ހަމަ އެދުވަހު ޝިޔާންމެން ފުރައިގެން އައްޑުއަށް ދިޔައެވެ. ދަތުރުމަތީގައި އެއްވެސް ނުރައްކަލަކާ ކުރިމައްޗެއް ނުވެއެވެ.

ޝިޔާންމެން ރަށަށް އައިކަން އަރުފާނަށް އެނގުމާއެކު، އޭނާގެ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވިއެވެ.

އޭނާގެ ރައްކާތެރި ކަމަށްޓަކައި ކުރެވިދާނޭ މަސައްކަތެއް އޮތްތޯ އޭނާ ބަލަން ފަށައިފިއެވެ. އޭނާ ބޭނުންވަނީ މަސައްކަތް ފެށުމުގެ ކުރިން ރެކިމަނިކު މަރާލާށެވެ.

އޭނާއަށް ސަލާމަތުގެ އައްސޭރިއެއްގައި ޤާއިމްވެ ހުރެވޭނީ އޭރުންނެވެ. މިހާރު އޭނާ އެދަނީ އެމީހުންނަށް ފާރަލާ ބަލަމުންނެވެ. ނަމަވެސް ރެކިމަނިކު މާ ހުޝިޔާރެވެ. އޭނާ މަސައްކަތް ކުރަމުންދަނީ ވަރަށް ފުރިހަމަގޮތަކަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ހުރެމެއެވެ.

ނަމަވެސް އަރުފާން މަސައްކަތް ކުރަމުންދަނީ ކޮންމެވެސް ގޮތަކުން ރެކިމަނިކު އަތުޖައްސާށެވެ. ފުރްޞަތު ލިބިއްޖެނަމަ އޭނާ ރެކިމަނިކުގެ މަސައްކަތް ހުއްޓުވާނެއެވެ. ހަމަގައިމުވެސް އެއްވެސް ކަމެއް ނުކޮށް އޭނާ ހިމޭނުން ހުރެއްޖެ ކަމަށްވާނަމަ، އޭނާޔަށް ތާރާގެ ދިރިއުޅުމާ ފޭއަށްދާން މަޖުބޫރުވާނެއެވެ.

[އަރުފާން ހާދަވަރަކަށް ތި ތެޅިފޮޅެނީ. ހީވަނީ ހޫނު ތެޔޮއެއްޗަކަށް އެރި އުޅޭ މީހެއްހެން. މިހާރު އަރުފާން ކޮންމެވެސް ކަމަކާ ހާސްވެގެން ތިއުޅެނީ...ބުނެބަލަ...ވެގެން އުޅޭގޮތެއް.] އަރުފާންގެ ޙަރަކާތްތަކަށް ބަލަން ހުރެފައި ތާރާ ވާހަކަ ދެއްކިއެވެ.

[ތާރާ...އަހަންނަށް ހީވަނީ...ދޮގެއް މިހާރަކު ނޫން...ފަހުން އަހަރެން ބުނާނަން.] އަރުފާން އުޅެނީ ޙަޤީޤަތް ކޮންމެވެސް ވަރަކަށް އޭނާގެ ދުލުން ހާމަކުރާށެވެ.

[ކީކޭ...ތިދައްކަން އުޅޭ ވާހަކަ ދައްކަބަލަ. އަހަންނަކީ އަރުފާންގެ ލޯބިވާ ބައިވެރިޔާ. އަރުފާން ނުޖެހޭނެ...ދިރިއުޅުމުގައި ދިމާވާ އެއްވެސް ކަމެއް އަހަންނަށް ސިއްރުކުރާކަށް.] ތާރާ އަރުފާން ގާތަށް ޖެހިލިއެވެ.

[ތާރާ...އަހަރެން ދައްކަން އުޅޭ ވާހަކަޔަކީ ވަރަށްބޮޑު ވާހަކައެއް. އަހަރެން ކުރާ ސުވާލަކަށް ތާރާ ފުރަތަމަ ޖަވާބުދީބަލަ.] އަރުފާން ފުން ނޭވާއެއްލިއެވެ.

[އާނ...ކޮށްބަލަ. އަވަހަށް ތިސުވާލެއް ކޮށްބަލަ.] ތާރާ އަރުފާންގެ ކޮނޑުގައި ހިފަހައްޓާލިއެވެ.

[ތާރާ އަހަރެންދެކެ ވަރަށް ބޮޑަށް ލޯބިވޭތަ؟] އަރުފާން އެއްސެވެ.

[އާނ...ވަރަށް...ވަރަށް ބޮޑަށް ލޯބިވޭ. އަހަންނަށް އަރުފާނާ ނުލާ އެއްވެސް އުފަލެއް ނެތް. އަހަރެންގެ ހުރިހާވެސް އުފަލަކީ އަރުފާން.] ތާރާ އަރުފާންގެ ކޮނޑުގައި ބޯއަޅާލިއެވެ.

[އެންމެ ރަނގަޅު...މިސާލަކަށް އަހަރެންގެ މިއުފާވެރި ދިރިއުޅުމުގެ ތެރެޔަށް މީހަކު ނޫނީ ބަޔަކު ވަންނަން މަސައްކަތް ކުރުމަކީ ތާރާއަށް ރުހެވޭނޭ ކަމެއްތަ؟] އަރުފާން އެއްސެވެ. މިހާރު އޭނާ ބޭނުންވަނީ ތާރާ ވީހާވެސް ބޮޑަކަށް އޭނާގެ ކޮޅަށް ލަންބުވާށެވެ.

[ނޫން...އަހަރެންގެ މިއުފާވެރި ދިރިއުޅުން ކިލަނބުކުރަން އެއްވެސް މީހަކު މަސައްކަތް ކުރުމަކީ އަހަންނަށް ކެތްކުރެވޭނޭ ކަމެއް ނޫން. އަނެއްކާ ބަޔަކު އަހަރެމެންގެ ދޭތެރެޔަށް ވަންނަން މަސައްކަތް ކުރަނީތަ؟] ތާރާ ކަންބޮޑުވިއެވެ.

[އާނ...ތާރާ...ބަޔަކު އަހަރެމެންގެ މިގުޅުން ރޫޅާލުމަށް ވަރަށް ބޮޑަށް އެބަ މަސައްކަތްކުރޭ. މިހާރުވެސް އެމަސައްކަތް ކުރިޔަށް އެބަދޭ. ފުރަތަމަ އެމީހުން މަސައްކަތް ކުރީ ދޮގު ވާހަކަ ފަތުރަން....މިހާރު ފަންޑިތަ ހަދަނީ.] ބަލިވާން ފެށީމާ އަރުފާން ޙަޤީޤަތް ހާމަކުރަން ބޭނުންވަނީކަންނޭނގެއެވެ.

އާއެކެވެ. އޭނާ ބޭނުންވަނީ ތާރާގެ ހަމްދަރުދީ ހޯދާށެވެ.

[ތާރާ...އަހަރެން ތާރާދެކެ ވަރަށް ލޯބިވޭ. އަހަންނަށް ތާރާއާ ވަކިން ނޫޅެވޭނެ. އަޅެ ތާރާ އަހަންނާ ވަކިނުވައްޗޭ. އެއްވެސް ބަޔަކު ދައްކާ ވާހަކަ އަޑުނާހައްޗޭ.] އަރުފާންގެ ލޮލުން ކަރުނަ ފާއްދާލިއެވެ.

އަރުފާންގެ ކަރުނައިގެ މޫނު ފެނުމުން ތާރާޔަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ.

[އަރުފާން...އަހަރެންވެސް އަރުފާންދެކެ ވަރަށް ބޮޑަށް ލޯބިވޭ. ވަރަށް ބޮޑަށް ލޯބިވޭ. އަހަންނަކަށްވެސް އަރުފާނާ ވަކިންނެއް ނޫޅެވޭނެ....ނޫޅެވޭނެ...އެއްވެސް ބަޔަކު އަހަރެމެންގެ މިއުފާވެރި ދިރިއުޅުމަށް ހުރަސްއަޅާ ކަމަށްވާނަމަ އަހަރެން އެކަން ހުއްޓުވާނަން.] ތާރާ އަރުފާންގެ މޭގައި ބޯއަޅާލިއެވެ.

[އަހަރެން ވަރަށް އުފާވެއްޖެ...އަހަރެން އުންމީދު ކުރަން، ބަޔަކު ދައްކާހާ ވާހަކައަކަށް ހެއްލި، ތާރާ އަހަންނާ ދުރަށްނުދާނެ ކަމަށް.] އަރުފާން ތާރާގެ ހަށިގަނޑުގައި ބައްދާލިއެވެ.

[އާނ...އަރުފާން އެއްވެސް މީހަކު އަހަރެމެންގެ މިގުޅުމަށް ހުރަސްއެޅިޔަކަ ނުދޭނަން. އާނ...އަހަރެން އެބަޔަކު ކުރާ މަސައްކަތް ހުއްޓުވާނަން.] ތާރާ ހަމަ ރަނގަޅަށްވެސް އަރުފާންގެ ޖާދޫގައި ޖެހިއްޖެއެވެ. ކުރިން އޭނާގެ ޙަޔާތުގައި ދިމާވި ބިރުވެރި ޙާދިޘާގެ މަތިން ކުޑަކޮށްވެސް އޭނާ ހަނދާން ހުރިނަމަ ހަމަގައިމުވެސް މިހާރު އޭނާޔަށް ވިސްނެން ވެއްޖެއެވެ.

އަރުފާނާމެދު ޝައްކުކުރެވޭފަދަ ކިތަންމެ ކަމެއް މިހާރުވެސް އޭނާޔަށް ފެނިގެން ހިނގައްޖެއެވެ. އެހެން ނަމަވެސް އޭނާޔަކަށް އެއްވެސް ކަމެއް މޭރުމެއް ނުވެއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން