މުޙައްމަދު ޔާސިރު މޫސާ   24 އޭޕްރީލު 2023 - 8:22
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރާއްޖޭގެ ސިޔާސީ މަޝްރަޙް ހަލަބޮލިވެއްޖެއެވެ. ކެމްޕޭނު ކުރުމުގެ މަސައްކަތްވެސް ދުވަހެއް ދުވަހަކަށް ދަނީ ފޯރި ގަދަވަމުންނެވެ. ޒުވާބުތަކާއި ބަހުގެ ހަމަލާތައް އެކި ފަރާތްތަކަށް އަމާޒުކުރާ މިންވަރުވެސް ފަތުއަޑުކިޔާފައި ގިނަވަނީއެވެ. ބޮޑެތި ލީޑަރުން ބޭޒާރުވާންވެސް ފަށައިފިއެވެ. އަދިވެސް މިފަދަ އެތައް ކަމެކެވެ. މިއީ ހައްތަހާވެސް ރިޔާސީ އިންތިޚާބުގެ އަލާމާތްތަކެވެ. އިންތިޚާބު ގާތްވެއްޖެކަމުގެ ކުލަވަރުތަކެވެ.

ނަމަވެސް މި ދަނޑިވަޅުގައި ވިސްނާލައިފިނަމަ ފާހަގަވާ އެއް ކަމެއް އެބައޮތެވެ. ސިޔާސީ ހަލަބޮލިކަން އިތުރުވަމުންދާ މި ވަގުތުގައި ދިރުވަން އުޅުނު އެއްޗެއް މަރުވަމުންދާ މަންޒަރު ފެންނާން ފަށައިފިއެވެ. މިއީ ލީޑަރެއްގެ ސިޔާސީ ހަޔާތުގެ ނިމުންތޯ ބުނެ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ހަމަ ޔަގީނުންވެސް މި ވާހަކަ މިއަށްވުރެ ތިލަ ނުކުރިއަސް, މި ދައްކަނީ ކޮން ވާހަކައެއްކަން އެންމެނަށްވެސް އެނގޭނެއެވެ. މިއީ ރައީސް ނަޝީދުގެ 'ފިކުރެއްގެ ދިރުމުގެ' ވާހަކަ ފިޔަވާ އެހެން ކޮން ވާހަކައެއްތޯއެވެ؟

ރައީސް ނަޝީދުގެ އަމިއްލަ ފިކުރެއް ދިރުވަން އެމަނިކުފާނު ފެއްޓެވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ކަމުގައި ދެކޭ މީހެއްނަމަ އެކުރަނީ ކުށްހީއެކެވެ. އޭގެ މާކުރިންވެސް އެމަނިކުފާނު އެމަސައްކަތް ފައްޓަވައިފިއެވެ. މިކަމުގެ ފަހަތުގައި ވަނީ ވެރިކަމަށް ފެންބޮވައިގެންފައިވާލެއް ބޮޑުކަން ނޫން ދެން ކޮން ސަބަބަކާތޯއެވެ؟ އެމްޑީޕީގެ ޓިކެޓުގައި ވެރިކަމަށް އަންނަ ފަރާތަކަށް, ޕްރައިމަރީއަކާއި ނުލައި ދެވަނަ ދައުރެއް ދޭންޖެހޭކަމަށް ނިންމެވި ރައީސް ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެއް ބާއްވަން ފޫގަޅުއްވައި އެކަމަށް މަރުފަލި ޖަހަންޖެހޭ އިތުރު އެއްވެސް ސަބަބެއް އެބައޮތްތޯއެވެ؟

ކޮންމެއަކަސް 'ފިކުރެއްގެ ދިރުން' މި ނަމުގައި ފެށި ކެމްޕޭނާއެކު ރައީސް ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ކުރިމަތިލެއްވިއެވެ. ބޮޑުތަނުން ނާކާމިޔާބުވީއެވެ. ތިމާ އަމިއްލައަށް ތިމާގެ ސިޔާސީ މަގުބޫލުކަން މިނެކިރައި ލެވުނީއެވެ. ބޮޑުތަނުން ފެއިލްވެވައައިގެންނެވީއެވެ.

ނަމަވެސް އެހާހިސާބުން އެމަނިކުފާނުގެ މަސައްކަތް ހުއްޓަވައެއް ނުލައްވައެވެ. 'ޑިމަކްރަސީގެ ބައްޕަ' ކަމަށް ދައުވާ ކުރެއްވި ބޭފުޅާއަށް ނަތީޖާ ކަމަކު ނުދިޔައެވެ. ޑިމޮކްރެސީއަކީ މެޖޯރިޓީގެ ނިންމުން ބަލައިގަތުންކަމާއި މޮޅުވީމާ ހިތްތިރިކޮށް ބަލިވީމާ ބަލި ގަބޫލުކޮށް ހިތްވަރު އާލާކުރުމޭ ވިދާޅުވެ ދައްކަވަމުން ގެންދަވާ ވާހަކަ ވެސް މިފަހަރު ހަނދުމައެއް ނެތެވެ. އެ ފިލޯސަފީ ގަބޫލެއް ނުކުރެވުނެވެ.

އެހެންކަމުން ޕާޓީގެ ނިންމުމާއި ދެކޮޅަށް އެމަނިކުފާނުވަނީ އަނެއްކާވެސް އެމަނިކުފާނުގެ އަމިއްލަ ފިކުރު ދިރުވަން މަސައްކަތް ފަށްޓަވާފައެވެ. މި މަސައްކަތުގެ ތެރެއިން ޕާޓީ ތެރޭގައި އެމަނިކުފާނުގެ ފެކްޝަންގެ ބާރު ގަދަކޮށް ކޮންމެ ދާއިރާއެއްގައި ގޮތްޕެއް އުފެއްދެވުމަށް މަސައްކަތް ކުރެއްވި ކަމަށްވެސްވެއެވެ. މަގުތަކުގައި ޓެންޓު ޖަހައިގެން ފެކްޝަނަށް މީހުންގެ ސޮއި ހޯދުމަށް މަސައްކަތް ކުރެއްވިއެވެ. އެންމެ ބޭނުމެއްގައެވެ. ތަޚުތުގައި އިށީނދެވަޑައިގެންނެވުމަށެވެ. ވެރިކަމުގެ ތާޖު އެޅުއްވުމަށެވެ.

ނަމަވެސް މިމަސައްކަތުގައިވެސް ރައީސް ނަޝީދަށް ކުރިމަތިލައްވާން ޖެހިވަޑައިގެންނެވީ ނާކާމިޔާބީއާއެވެ. ބޮޑު ލަދަޖާއެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ރައީސް ސޯލިހާއި ދެކޮޅަށް ކުރެއްވި ކެމްޕޭނުވެސް ދިޔައީ 'ތޮޅިއަށެވެ. ކަންތައްވީ އެމަނިކުފާނު ވިދާޅުވާހެން ނުފޯރާފޮތިން ފޫގެޅީމާ ފެންނަތަން ފެނި އަމިއްލައަށް "ބަރަހަނާ" ވީއެވެ.

އެހެންކަމުން ރައީސް ނަޝީދުގެ ފިކުރު ދިރުވަންކުރާ މަސައްކަތް ކާމިޔާބުވިތޯ މިއަދު ސުވާލު އުފައްދަން ޖެހެއެވެ. އެމަނިކުފާނުގެ ބާރު މިހާރު އޮތީ ކިހާ މިންވަރަކަށްތޯ، ކިހާހިސާބެއްގައިތޯ، މިއީވެސް އުފެދޭ ސުވާލެކެވެ. އެމަނިކުފާނު މިހާރު އެދަތުރުކުރައްވަމުން ގެންދަވަނީ ހުވަފެން ހަގީގަތަކަށް ހެދުމަށް ހިންގަވަންޖެހޭ މަގުންތޯއެވެ؟ ނުވިތާކަށް އެމަނިކުފާނުގެ ވެރިކަމުގެ ހުވަފެނުގައި ކުލަ ނުޖެހޭނެކަން އެނގިވަޑައިގަތީމާ, ކޮންމެހެނެއް ހަދާފައިވެސް ރައީސް ސޯލިހަށް ވެރިކަން ލިބުނަ ނުދިނުމަށް މަސައްކަތް ކުރަނީތޯވެސް ސުވާލުކުރާ މީހުން މަދެއް ނޫނެވެ. މިއީ ހައްތަހާވެސް ދިވެހީންގެ ހިތުގައި އެނބުރެމުންދާ ސުވާލުތަކެވެ.

ވެރިކަމުގެ ހުވަފެން ދެކިގެން މަސައްކަތް ފެއްޓެވި ރައީސް ނަޝީދު ގާސިމް އިބްރާހިމްގެ ފަހަތްޕުޅަށް އަރާވަޑައިގަންނަވަންޖެހޭ އެއްވެސް ސަބަބެއް އެބައޮތްތޯ މިއީ އަދި ކޮންމެހެން ކުރަންޖެހޭ ސުވާލެކެވެ. ގާސިމުގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވައިގެން އެމަނިކުފާނަށް ވެރިކަން ލިބޭނެކަމަށް ހިސާބު ޖައްސަވައިފިނަމަ ހަތަރަކާ ފަންސާހާއި ގުނަކުރީމައި ދެލައްކަ ވާކަހަލަ ނަތީޖާއެއް ނުކުތުން އޮތީ މާ ދުރަކު ނޫނެވެ.

މިހާ ހިސާބުން ދެން އުފެދޭ ސުވާލަކީ ރައީސް ނަޝީދު ހަމަ ހަގީގަތުގައިވެސް ބޭނުންވަނީ ގާސިމަށް ވެރިކަން ހޯދައިދޭންތޯ އުފެދޭ ސުވާލެވެ. އަދި ގާސިމް ވެރިކަމަށް ގެނައުމަށްފަހު ހާޖާނު އުފައްދައި ގަޑުބަޑުކޮށް ވެރިކަމުން ބާލުވައި ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވޭނެ ރަނގަޅު ޕްލޭނެއް އޮތީތޯއެވެ؟ މިއީ ހައްތަހާވެސް ސުވާލެވެ.

ހަމަ މި ބޮޅުގެ ތެރޭގައި އެނބުރޭ އެހެން ސުވާލެއްވެސް އެބައޮތެވެ. އެއީ ރައީސް ނަޝީދާއެކު ކޯލިޝަން ހަދަން ގާސިމް ހަމަ ހަގީގަތުގައިވެސް ނިންމެވީތޯއެވެ؟ ގާސިމާއެކު ކޯލިޝަން ހެދުމަށް ހުރިހާ ކަމެއް ގާތްގަނޑަކަށް ހަމަޖެހިފައިވާ ކަމަށް ރައީސް ނަޝީދުގެ އަރިސް ބޭފުޅުން މިދޭތެރެއިން ވިދާޅުވިއެވެ. ނަމަވެސް އެވާހަކަ މިހާރު ވަނީ ހިނދިފައެވެ. ނުވިތާކަށް ގާސިމްގެ ފަރާތްޕުޅުން އެކަމާއި މާ ޝައުގުވެރިވެގެން ވާހަކައެއްވެސް ދައްކަވާފައެއް ނެތެވެ. ބައެއް މީހުން އަންދާޒާ ކުރާހެން ރައީސް ނަޝީދާއި ބައިއަތު ހިފައިފި ނަމަ ގާސިމަށް ލިބެން އޮތް ވޯޓުކޮޅުވެސް ގެއްލިދާނެކަން އެމަނިކުފާނަށް ވިސްނުނީ ތޯއްޗެކެވެ.

މި ހުރިހާ ކަމަކާއެކު މިހާރު އުފެދޭ އެންމެ ބޮޑު ސުވާލަކީ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމަށް މިވީ ކީއްތޯއެވެ؟ ފިކުރެއް ނުދިރި މަރުވީތޯއެވެ؟ ބަލި ގަބޫލުކުރެއްވީތޯއެވެ؟ ރައީސް ނަޝީދުގެ ސިޔާސީ ހަޔާތް ނިމުނީތޯއެވެ؟ ނޫންނަމަ އެމަނިކުފާނުގެ ދެން އޮތީ ކޮން ޕްލޭނެއްތޯއެވެ؟ އަމިއްލަ ގޮތުން ވެރިކަމާއި ކުރިމަތިލައްވާނީތޯއެވެ؟ ނޫނިއްޔާ ރައީސް ސޯލިހުގެ ފަހަތްޕުޅައް އަރުއްވާން އެ ފިކުރު ބަދަލުވީތޯއެވެ؟ ފަހު ގޮތަކަށް, ގޮތް ދޫކުރައްވާ ހިމޭނުން ގޭގައި އޮންނަވަން ނިންމެވީތޯއެވެ؟

މިހިރީ ހައްތާވެސް މިހާރު އުފެދޭ ސުވާލެވެ. މި ސުވާލު ތަކަށް ސީދާ ޖަވާބެއް ނުލިބިދާނެއެވެ. އެކަމަކު އެނގޭ އެއްޗަކީ އެބުނާ ފިކުރެއްގެ ދިރުން ރަނގަޅަށް ނުދިރެނީސް މޯޅިވެ ނެތިދާން އުޅޭ ކުލަވަރު ފެންނާން ފަށައިފިކަމެވެ. ދެންވާނެ ގޮތަކީ އެންމެފަހުން އަރާން އިން ގޮޅިއަށްވެސް ނޭރި ފިކުރު ނެތި ދިއުމެވެ. މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު ދެން ރައީސް ޞާލިހުގެ އޮޑިންވެސް ތަންކޮޅެއް ލިބޭނެހެނެއް ހިއެއް ނުވެއެވެ. އެއީ އެފިކުރު ދިރުވާން އުޅުއްވައިގެން އެމަނިކުފާނަށް ވެސް ވާނީ ގެއްލުން ކަމަށް މިހާރު ގަބޫލުކުރެވޭތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން