މުޙައްމަދު ޔާސިރު މޫސާ   24 އޭޕްރީލު 2023 - 0:6
މިހާރު ރާއްޖޭގައި އެންމެ ފޯރި ގަދަކޮށް ދެކެވޭ ވާހަކައަކީ ޕްލާސްޓިކް ކޮތަޅުގެ ވާހަކައެވެ. ޕްލާސްޓިކު ކޮތަޅުން އަގުނަގާ ވާހަކައެވެ. މިވާހަކަ ދައްކަނީ ސަރުކާރުން ރައްޔިތުންނަށް ބުރައެއް ޖައްސަނީކަމަށް ބުނެއެވެ.

ޕްލާސްޓިކް ކޮތަޅުގެ މައްސަލަ އެހާ ބޮޑުވެގެން މިއުޅެނީ އެއީ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައިވެސް ރައްޔިތުންނަށް މުހިންމު އެއްޗަކަށް ވާތީއެވެ. ކޮންމެ ދުވަހަކު އެ ބޭނުންކުރާތީއެވެ. އެއީ ކޮންމެހެން ލިބެންޖެހޭ އެއްޗެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރާތީއެވެ.

ޕްލާސްޓިކް ކޮތަޅުން އަގު ނަގަން ފެށީ ކީއްވެތޯއެވެ؟ އެއީ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި އެބޭނުންކުރާ މިންވަރު މަދުކުރުން ފިޔަވާ އިތުރު އެއްވެސް ބޭނުމެއްގައެއް ނޫނެވެ. ޕްލާސްޓިކް ކޮތަޅުން އަގު ނަގަން ފެށުމުގެ ކުރިން އެންމެންނަށްވެސް ގަބޫލުކުރެވިފައި އޮތީ އެ ބޭނުންކުރަން ޖެހޭ މިންވަރު މަދުކުރަން ޖެހޭ ކަމަށެވެ. އެއިން އަޅުގަނޑުމެންގެ ވަށައިގެންވާ ވެއްޓަށް ލިބޭ ގެއްލުން ނޭނގޭ، ނުވިސްނޭ ހަމަ އެކަކުވެސް ނުހުންނާނެއޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. ކިރިޔާ ހަމަބުއްދި ޖެހޭވަރުގެ ތުއްތު ކުއްޖާއިން ފެށިގެން މިރާއްޖޭގެ އިސް ރަށްވެހިން ވެސް ހިމެނޭ ގޮތަށެވެ. މި ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި މުރަކައިގެ ރީތި ބަގީޗާތައް ކޮތަޅުން ތަޣައްޔަރުވެ ހަލަކުވެ ދާކަމާއި ކަނޑުގެ ދިރުންތަކަށް އޭގެ އަސަރު ކުރާ މިންވަރު މިއަދު މިގައުމުގެ އެއްވެސް ރައްޔިތަކަށް ބުނެދޭކަށް ނުޖެނެއެވެ.

ނަމަވެސް ޕްލާސްޓިކް ކޮތަޅާއި ދުރަށް ދާން ކޮތަޅު ބޭނުންކުރުން މަދުކުރާން އެކަން ތަންފީޒުކުރަން ފެށުމުން ދިވެހީންނަކަށް ކަމަކު ނުދިޔައެވެ. ކަންވާނީވެސް އެހެންނެވެ. ޒަމާނުއްސުރެ ކުރަމުން އައި ކަމަކަށް ބަދަލު ގެނައުމަކީ އިންސާނުންނަށް އުނދަގޫ ކަމެކެވެ. އެއީ ރަނގަޅު ނުވަތަ ނުރަނގަޅު ކަމެއް ނަމަވެސްމެއެވެ.

ޕްލާސްޓިކް ކޮތަޅުން ފީއެއް ނެގުމުން ވާގޮތަށް ނަޒަރު ހިންގާލަމާތޯއެވެ؟ ޒަމާނުއްސުރެ ހިލޭ ލިބެމުންއައި ޕްލާސްޓިކް ކޮތަޅަކީ ރައްޔިތުން އެއަށް ބަރޯސާވާ އެއްޗެކެވެ. ނަމަވެސް އޭގެން ފީއެއް ނަގަންފެށުމާއެކު 'ޑިފޯލްޓް އޮޕްޝަނެއްގެ' ގޮތުގައި އެބޭނުން ކުރުން ހުއްޓުވިދާނެއެވެ. އޭރުން ޖީބަށްލުއި, ތިމާވެއްޓާއި ރައްޓެހި އިތުރު ގޮތްތަކެއް ހޯދުމަށް ރައްޔިތުންނަށްވެސް މަޖުބޫރުވާނެއެވެ. ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު ބޮޑުތަނުން މަދުވާނެއެވެ. ތިމާވެށި ރައްކާތެރި ކުރެވޭނެއެވެ.

"އޮޕަރެންޓް ކޮންޑިޝަނިން" ތިއަރީ ބުނާގޮތުންނަމަ އާދަވެގެން ކުރަމުން އަންނަ ކަމެއް ހުއްޓުވުމަށްޓަކައި, އެކަމެއް ކުރާނަމަ ކޮންމެވެސް ކަހަލަ ބުރައެއް ޖައްސަން ޖެހޭނެއެވެ. ކޮތަޅުގެ މައްސަލާގައި މިއަދު މި ފެންނަނީ ހަގީގަތުގައި އެމަންޒަރެވެ.

ނަމަވެސް މި ހިސާބުން އަދި ފަރުޖައްސާލެވޭކަށް ނެތެވެ. މިކަމުގައި ވިޔަފާރިވެރިންގެ ދައުރުވެސް އެބައޮތެވެ. ޕްލާސްޓިކް ކޮތަޅު ނޫން އެހެން ގޮތެއް ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ވިޔަފާރިވެރިންވެސް މަސައްކަތް ކުރަން ޖެހެއެވެ. އަދި ޕްލާސްޓިކް ކޮތަޅު ނޫން ގޮތެއް ޚިޔާރުކުރާ ފަރާތްތަކަށް ޑިސްކައުންޓް ދިނުންފަދަ، އެކަމަށް ބާރުއެޅޭ ކަންތައްތަކެއްވެސް ކުރަން އެބަޖެހެއެވެ.

ޕްލާސްޓިކް ކޮތަޅާއި ދުރުވުމަކީ ތަރައްޤީވަމުން އަންނަ ހުރިހާ ޤައުމެއްގައިވެސް ކުރަމުން އަންނަ މަސައްކަތެކެވެ. އެހެންކަމުން ދިވެހީންނަށް މިކަން ނުވާންވީ ސަބަބެއް ނެތެވެ. މިރާއްޖެއިން ގިނަ ކަންކަމުގައި ނަމޫނާ ނަގާ ސިންގަޕޫރުވެސް ކުރިއަރާ ދިޔައީ އެޤައުމުގެ ރައްޔިތުންގެ ރިވެތި އަޚްލާގާއި މަސައްކަތުން ކަމަށް ދުނިޔެ ހެކިވެއެވެ. މިއީ ދިވެހީންވެސް އެނަމޫނާ ދައްކަންވީ ވަގުތެވެ.

ދެން އޮތީ ޤާނޫނުގެ ވާހަކައެވެ. އެޤާނޫނު އޮތީ އެންމެ ރަނގަޅު ގޮތުގައި ކަމަށް ނުވެދާނެއެވެ. ޕްލާސްޓިކް ކޮތަޅުން ނަގަނީ އެންމެ އެކަށީގެންވާ އަގު ކަމަށްވެސް ނުވެދާނެއެވެ. އެހެންކަމުން އެކަން އިސްލާހު ކުރުމުގެ މަސައްކަތް މަޖިލީހުގައި މިހާރުވެސް އަންނަނީ ކުރަމުންނެވެ. ކޮންމެ ކަމެއް ސިޔާސީ ކުރުމުގެ ބަދަލުގައި ބަލަންވީ އެކަމުން ރައްޔިތުންނަށް އެންމެ ނަފާ ބޮޑޫ ގޮތެއް ހޯދުމެވެ. ގައުމަށް އެކަމުން މަންފާލިބި ރީތި ނަން ލިބޭނެ ގޮތެކެވެ. އެގޮތަކަށް މަސައްކަތް ކުރުމެވެ.

މިއީ މިއަދު ކޮންމެ ސަރުކާރެއް އޮތަސް ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް ކުރަން މަޖުބޫރު ކަމެކެވެ. ދުނިޔޭގެ ހުރިހާ ގައުމުތަކުން ތަބާވާން ޖެހޭ ކަމެއް މިގައުމުން ނުކޮށް އަދި ވަކިން ޚާއްޞަކޮށް އެންމެ އަޑު ހަރުކޮށް ތިމާވެށީގެ ވާހަކަ ދައްކާފައި އެވާހަކައާއި އެއްގޮތަށް މިގައމުން އަމަލު ނުކޮށް ތާކުންތާކު ނުޖެހޭ ބަހަނާ ދެއްކުމަކީ ހުރިހާ ދިވެހިންވެސް ލަދުވެތިވާން ޖެހޭނެ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން