މުޙައްމަދު ޔާސިރު މޫސާ   19 އޭޕްރީލު 2023 - 8:25
ކުރީގެ ރައީސް ޔާމީނު އަބްދުލްގައްޔޫމް
ކުރީގެ ރައީސް ޔާމީނު އަބްދުލްގައްޔޫމް
ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ދެޕާޓީއަކީ އެމްޑީޕީއާއި ޕީޕީއެމް ކަމާއިމެދު ޝައްކު ކުރާނެ އެއްވެސް ރައްޔިތަކު ނެތެވެ. ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ މި ދަނޑިވަޅުގައި, އެދެޕާޓީގެ ހަރަކާތްތަކަށް އެންމެންގެ ސަމާލުކަން ހުއްޓެނީވެސް މި ސަބަބަށްޓަކައެވެ.

އިދިކޮޅު ޕީޕީއެމަށް މިވަގުތު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވާދަވެރި އެމްޑީޕީ ދެކަފިވެފައި ވުމެވެ. ރައީސް ޞާލިހާއި ރައީސް ނަޝީދު 'ކަނޑިއާއި ކަނޑިއަށްވެ' ޕާޓީ ދެ ފެކްޝަނަކަށް ބެހިފައި އޮތުމެވެ. މީގެ އިތުރުން, ރައީސް މައުމޫންގެ ދިގު ތިރީސް އަހަރަށްފަހު އެއް ޕާޓީއަކަށް ޖެހިޖެހިގެން ދެދައުރު ވެރިކަން ކުރުމުގެ ފުރުސަތު ރައްޔިތުން ދީފައި ނެތުމަކީވެސް, ވެރިކަމަށް ފައިނަގަން ޕީޕީއެމުން ދެކެމުން އަންނަ ހުވަފެނަށް އިތުރު ހިތްވަރެއް ލިބޭ ކަމެކެވެ.

މި ހުރިހާ އެޑްވާންޓޭޖަކާއެކު, ދައުލަތަށް ޚިޔާނާތްތެރިވެ ވައްކަންކުރިކަން ސާބިތުވުމުން ރައީސް ޔާމީނު ޖަލުގައި އޮންނެވި ނަމަވެސް, މިއަދާއި ހަމައަށްވެސް ޕީޕީއެމުން ބުނަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން ވާދަކުރާނީ ރައީސް ޔާމީނު ކަމަށެވެ. މި ބަހުގައި ހިފަހައްޓާ އިދިކޮޅުން ވަނީ 'ތަބަކަށް ލާފައި' ރައީސް ޔާމީނަށް ރިޔާސީ ޓިކެޓުވެސް އަރުވާފައެވެ.

ނަމަވެސް މިހާރު މިވަނީ މަންޒަރު ބަދަލުވާން ފަށާފައެވެ. ކީހާ ޅެން ފަރިއްސަށް ވާންފަށާފައެވެ. އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންގެ މެދުގައިވެސް މިހާރު މިވަނީ ޚިޔާލު ތަފާތުވުން އުފެދެން ފަށާފައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭނޭ ކަމުގެ ބިރު ބޮޑު ވުމުންނެވެ. އެހާލަތުގައި ވެރިކަމަށް އަންނަން ފެން ބޮވައިގެންފައި ތިބި އެތަކެއް ލީޑަރުންތަކެއް އެކޯލިޝަނުގައި ތިބީތީއެވެ. މިހާތަނަށް އެކަމަށް ހިތުނިޔަތް ގަނެގެން އެބޭފުޅުން ތިއްބެވީއެވެ.

ރައްޔިތުންނަށް މި މަންޒަރު ނުދައްކަން އިދިކޮޅުން ކިތައްމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް މިހާރު މިވަނީ އެކޯލިޝަނުގެ އެތެރެ 'ފަޅައިގެން' ގޮސްފައެވެ. ޕީޕީއެމް އޮފީސް ދޮރުމަތީގައި ރައީސް ޔާމީނުގެ ފޮޓޯ ޖަހައިގެން އުޅުނެއް ކަމަކު އެތެރޭގައި ކެކެމުންދާ އަލިފާންގަނޑުގެ ހުޅުގަނޑު ބޮޑުވެ މިހާރު މިވަނީ ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނަށް ފަށާފައެވެ.

ރައީސް ޔާމީނަށް އިދިކޮޅުގެ ރިޔާސީ ޓިކެޓު އަރުވާފައިވަނިކޮށް, އެކަމަށް ހުރަސް އެޅޭނެހެން, މާލޭ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒަށް ކެމްޕޭނު ކުރާކަމަށް ޕީޕީއެމްގެ އާދަމް ރަމީޒުގެ މައްޗަށް އެޕާޓީން މިހާރުވަނީ ތުހުމަތު ކުރަން ފަށާފައެވެ. އަދި މިކަމާއި ގުޅިގެން ރައީސް ޔާމީނުގެ އާއިލާއިން ޕީޕީއެމަށް މައްސަލަ ހުށަހެޅިކަމަށްވެސް ރަށުތެރޭގައި އަންނަނީ އަޑު ފެތުރެމުންނެވެ. ނުވިތާކަށް ޕާޓީން އޭނާ ވަކިކުރަން އުޅޭކަން އެނގިގެން ރަމީޒު ވަނީ އަމިއްލައަށް އިސްތިއުފާގެ ސިޓީ ލާފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި ހުރިހާ ކަމަކުންވެސް ތިލަވާ އެއް ކަމެއް އެބައޮތެވެ. އެއީ ޕީޕީއެމްގެ ތެރޭގައި ވެރިކަމަށް ކަރުހިއްކައިގަނެފައިވާ އެތައް ބަޔަކު ތިބި ކަމެވެ. އެކަމުގެ އުދާސްގަނޑު ގަދަވެ އެޕާޓީ ހަމަ ރަނގަޅަވެސް ފެޅެމުން، 'ފުނޑެމުން' އަންނަ ކަމެވެ.

ދެން އޮތީ ފިޔާތޮށި ކުލައިގައި ރައީސް ޔާމީނުގެ އޮތް ބާރުގެ ވާހަކައެވެ. އެއް ގޮތަކީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ކުރިމަތިނުލެއްވިއްޖެ ނަމަ އިދިކޮޅުން އެހެން ކެންޑިޑޭޓެއް ނެރުމެވެ. އެހެން ކަމަށް ވެއްޖެ ނަމަ އެމްޑީޕީ ތެރޭގައި މިހާރު ޖެހިފައި އެވާ މައްސަލަ ޕީޕީއެމް ތެރޭގައިވެސް ޖެހުން އޮތީ މާ ދުރަކު ނޫނެވެ.

ރައީސް ޔާމީނުގެ ފޮޓޯ ދައްކައިގެން ވެރިކަމަށް ގެންނަ ބޭފުޅަކާއި ރައީސް ޔާމީނާއި ދެބަސްވުންތަކެއް އުފެދި, ރައީސް ޔާމީނުގެ ބާރު ޕާޓީން ކެނޑުމަކީ ނުވުމަށްވުރެ ވުން ގާތް ކަމެކެވެ. އެއީ ރާއްޖޭގެ ސިޔާސީ ތާރީޚު ހެކިދޭ ގޮތްވެސްމެއެވެ. އެމްޑީޕީގެ 'ބެސްޓް ފްރެންޑުންނަށް' ވީގޮތް ރައްޔިތުން ހަނދާން ނެތޭހާ ދުވަސް އަދި ނުވެއެވެ. އެ އުދާސްގަނޑު އެ ޕާޓީގެ ތެރެއިން މިހާރުވެސް ކެކެމުން އަރަމުން އެދަނީއެވެ.

ދެން އޮތް ގޮތަކީ ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެވޭ ހާލަތެއްގައި ޕީޕީއެމުން އެހެން ކެންޑިޑޭޓެއް ނުނެރުމެވެ. އެމަގުން ކަން ހިނގައިފި ނަމަ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ޕީޕީއެމްގެ އަޑު ބޮޑުތަނުން މަޑުވެގެން ދިއުމަކީވެސް މާދުރުން ފެންނަ މަންޒަރެއް ނޫނެވެ. އެހެން ވެއްޖެނަމަ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ދެޕާޓީގެ ލިސްޓުން ޕީޕީއެމްގެ ނަން ފުހެވިގެންދާނެއެވެ.

އެހެންކަމުން ޕާޓީ ބޮޑު ބާރެއްގެ ގޮތުގައި ދެމި އޮތުމަށް ރައީސް ޔާމީނަށް އޮތް ހަމައެކަނި އުންމީދަކީ ކުރިއަށް އޮތް ރިޔާސީ ރޭހުގައި ވާދަކުރުމުގެ ފުރުސަތު ހަނި މަގަކުންވެސް ހޯއްދެވުމެވެ. އިލެކްޝަން ކޮމިޝަންގެ ރައީސްގެ ބަސްފުޅުން އެ އުއްމީދުގެ ހުޅުކޮޅު ދިއްލޭން އުޅޭހެން ހީވި ނަމަވެސް ރައީސް ޔާމީނުގެ އެހުވަފެން ބިލާހަކަށް ވާނޭ ކަމަށް ގަބޫލުކުރާ ދިވެހީން އަންނަނީ ދުވަހެއް ދުވަހަކަށް ގިނަ ވަމުންނެވެ.

ކަންމިހެން އޮތް ނަމަވެސް ރައީސް ޔާމިންގެ ވިސްނުންފުޅުގައި އަދި "ޕްލޭން ބީ" އޮތް ހެނެއް ހިއެއް ނުވެއެވެ. ހަމަގައިމުވެސް އަދުރޭ ވިދާޅުވަނީ ރައީސް ޔާމީން ނޫން ޗޮއިސް އެއް ޕީޕީއެމަކު ނެތް ކަމަށެވެ. އެ ވާހަކަ އެގޮތަށް އަދުރޭ ވިދާޅުވަނީ އެކަމަށް އެދިއެދި ތިއްބެވި ބޭފުޅުންނަށް ފުރުސަތު ނުދީ، މައިކުގައި އެހެން ބޭފުޅަކު އަތް ލިޔަ ނުދީ ނިކަން ބާރަށް މައިކުގައި ހިއްޕަވައިގެން ހުންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ޔާމީނުޗޮކުން

23-Apr-2023

މުއިއްޒުގެ އިތުރުން ޖަމީލުވެސް ފައިނަގަމުން ދާއިރު, ޢައްސާނަށް އޮތް ސަޕޯޓްވެސް ކުޑައެއް ނޫނެވެ. އާދަނާ ސައީދުގެ އިތުރުން ސިޔާމުވެސް ވަރަށް އަޑުގަދައެވެ. ބަލަން މިތިބީއެވެ.


6

އައިސް

23-Apr-2023

ހުސް ދޮގު



ޓްރެންޑިން