ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު
ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު
މިއީ ރާއްޖޭގެ ސިޔާސީ މަޝްރަޙް ފިސާރި ހަލަބޮލި ދުވަސްކޮޅެކެވެ. ރައްޔިތުންގެ ވެރިއަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިޚާބު މިއަހަރުގެ ފަހުކޮޅުގައި އޮތަތީއެވެ. މި ސަބަބަށްޓަކައި ސިޔާސީ ލީޑަރުންގެ ހުރިހާ ހަރަކާތަކަށް ރައްޔިތުން އަންނަނީ ފާރަވެރިވަމުންނެވެ. ޚާއްސަކޮށް ސިޔާސީ ހަރަކާތްތަކުގައި މަސައްކަތްކުރާ ބޭފުޅުންނެވެ. އެއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ނަތީޖާ ތަސައްވުރު ކުރުމަށްޓަކައެވެ. ކުޅިބައި އަތުރާލާނެ ގޮތަކާއި މެދު ވިސްނުމަށްޓަކައެވެ.

މި ހައްސާސް ދަނޑިވަޅުގައި ބޭއްވޭ ކޮންމެ އިންތިޚާބަކީވެސް، ހަމަ ޔަގީނުންވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ނިންމުން ދައްކުވައިދޭނޭ ކުރެހުމަކަށް ވާނެއެވެ. މިފަހުން ނިމިގެންދިޔަ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންވެސް ޕާޓީތަކަށް މުހިންމުވީ މި ސަބަބަށްޓަކައެވެ. އިންތިޚާބު ކާމިޔާބު ކުރުމަށް 'މަރުދިނީ' ވެސް ހަމަ މިހެންވެއެވެ.

ކޮންމެއަކަސް ގުރައިދޫ ދާއިރާގެ ރައްޔިތުން ނިންމީ އަދުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ތާއީދުކޮށް، އެމަނިކުފާނު ދެއްކެވި ކެންޑިޑޭޓަށް ވޯޓު ދިނުމަށެވެ. އިދިކޮޅު ފިޔާތޮށި ކޯލިޝަނުން ވަރުގަދައަށް 'ވިއްދާފައި' ތިއްބައެވެ. މި ގޮނޑީގެ މުހިންމުކަން އެނގޭތީ އިދިކޮޅުން މި އިލެކްޝަނަށް ނެރުނީ ޒަމާނުއްސުރެ މި ދާއިރާ 'ޑޮމިނޭޓް' ކުރަމުންދިޔަ މަރްހޫމް އިބްރާހިމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާއެވެ. ނަމަވެސް 120 ވޯޓުގެ ފަރަގަކުން މި ގޮނޑި ކާމިޔާބުކުރެއްވީ ރައީސް ޞާލިހު ދެއްކެވި އިބްރާހީމް ޝާޒެވެ.

މިއީ ރާއްޖޭގެ ޑިމަކްރަސީ ހަޔާތުގައިވެސް އެމްޑީޕީއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ގުރައިދޫ ދާއިރާގެ ގޮނޑި ފުރަތަމަ ފަހަރަށް ކާމިޔާބު ކުރެވުނީތީއެވެ. ނުވިތާކަށް މިއީ މާލެ އަތޮޅުގެ ދާއިރާއެއްގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރުވެސްމެއެވެ.

މި އިންތިޚާބާއި ކުރިމަތިލިއިރު ވެރިކަންކުރާ އެމްޑީޕީ އޮތީ ހަމަ ރަނގަޅަށްވެސް ދެބައިވެފައެވެ. ޕާޓީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވި ރައީސް ނަޝީދާއި، ރައީސް ޞާލިހާއި ދެމެދު ގިނަ މައްސަލަތަކެއްޖެހި، ޕާޓީ އޮތީ ދެ ފެކްޝަނަކަށް ބެހިފައެވެ. އެހެންކަމުން މި އިންތިޚާބަށް ކުރިމަތިލީ އިރުވެސް ރައީސް ނަޝީދުގެ 'ފިކުރުން' ދިޔައީ އެމްޑީޕީގެ ކެންޑިޑޭޓާއި ދެކޮޅަށް، އެންޓި ކެމްޕޭން ކުރަމުންނެވެ. އެމްޑީޕީން އިންތިޚާބު ކާމިޔާބުކުރީ މި ގޮންޖެހުމާއިވެސް އެކުގައެވެ.

އަދި މި ހިސާބުން މި ވާހަކަ ނިންމާލެވޭކަށް ނެތެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރީ ރާއްޖޭގެ 'ކިންގ މޭކަރ' ގެ ލަގަބު ދެވިފައިވާ ޤާސިމް އިބްރާހިމްގެ ބޮޑު އެހީތެރިކަމަކާއެކުއެވެ. ނަމަވެސް މި އިންތިޚާބާއި އެމްޑީޕީ ކުރިމަތިލީ ޤާސިމުގެ ޖުމްހޫރީ ޕާޓީގެ އަތެއްވެސް ނެތި ގިނި ކަންޏާއެވެ. ޤާސިމްވެސް ނިންމާފައި ވަނީ ކޯލިޝަނުން ވީއްލި، އަމިއްލަފުޅަށް ރިޔާސީ ރޭހުގައި ވާދަކުރެއްވުމަށެވެ.

އަނެއްކޮޅުން ޒަމާނުއްސުރެ ދާއިރާގެ ބާރު އޮތް އިދިކޮޅު ކޯލިޝަނަށް މި އިންތިޚާބު ނާކާމިޔާބުވުމަކީވެސް ރައީސް ޞާލިހަށް ރައްޔިތުންގެ މެދުގައި އޮތް ތަރުޙީބު ދައްކުވައިދޭނެ ނަތީޖާއެކެވެ. އަދި މި ނަތީޖާއަކީ ރައީސް އަބްދުﷲ ޔާމީނުގެ ނަން ފަނޑުވިޔަނުދިނުމަށްޓަކައި، ބަޔަކަށް ލާރި ދީގެން ނުވަތަ ހުވަފެން ދައްކައިގެން ކޮންމެ ރެއަކު މަގުތަކަށް މީހުން ނެރެގެން އަޑުގަދަކުރާ ކުރުން ރައްޔިތުންނަށް 'އޯކޭ' ނޫން ކަމުގެ އަލިގަދަ ހެއްކެކެވެ.

މި ހުރިހާ ކުލަވަރަކީވެސް ރައީސް ޞާލިހުގެ ދައުރުގައި އެމަނިކުފާނު ރައްޔިތުންނަށް ކޮށްދެއްވި ކަންކަން ރައްޔިތުން ބަލައިގަންނަ ކަމުގެ ނަމޫނާއެކެވެ. މީގެން ދައްކުވައިދެނީ ރައްޔިތުން އަދިވެސް ތިބީ ރައީސް ޞާލިހާއި އެކުގައި ކުރިއަށްދާން ތައްޔާރަށް ކަމެވެ. ރައްޔިތުން ބޭނުން ވަނީ ރައީސް ޞާލިހަށް ދެވަނަ ދައުރެއް ހަވާލުކޮށް، ޤައުމަށް އިތުރު ތަރައްޤީތަކެއް ގެންނަން ކަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން