އެފްއޭއެމް އިން ސަސްޕެންޑް ކޮށްފައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް
އެފްއޭއެމް އިން ސަސްޕެންޑް ކޮށްފައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް
ނިއުރޭޑިއަންޓްގެ ކުރީގެ ޗެއަރމަން އަލީ އާޒިމް ފުޓުބޯޅަ އެސޯސިއޭޝަނާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކީ އާޒިމްގެ އަމިއްލަ މަސްލަހަތު ހިމެނޭ، ހަގީގަތާ ހިލާފު ގަރާރެއް ކަމަށް ފުރަތަމަ ޑިވިޜަންގެ ބައެއް ކްލަބްތަކުން ބުނެފިއެވެ.

ފުރަތަމަ ޑިވިޜަންގެ މާޒިޔާ އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އާޒިމް ހުށައެޅި ޤަރާރަކީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ހުށައަޅާފައިވާ ޤަރާރެއް ކަމަށެވެ. އަދި އާޒިމްގެ މި ޢަމަލަކީ، އޭނާ ކުރިން ޗެއާމަންކަން ކުރި ކުލަބަށް މިވަގުތު ދިމާވެފައިވާ ހާލަތުގެ ސަބަބުން، އަމިއްލަ މަސްލަހަތު އިސްކޮށް ޒާތީ ގޮތުން ފުޓުބޯޅަ އެސޯސިއޭޝަނާއި އެހެން ކްލަބުތަކާއި މުޅި ފުޓުބޯޅަ އާއިލާއަށް ގެއްލުންވާނެ ގޮތަށް ކޮށްފައިވާ ޢަމަލެއްކަމަށް މާޒިޔާ އިން ވަނީ ބުނެފައެވެ.



"މިއީ ދިވެހި ފުޓުބޯޅަ ކުރިއެރުވުމަށް ދިވެހި ސަރުކާރާއި އެފްއޭއެމް ގުޅިގެން މަސައްކަތް ކުރެވޭ ވަގުތެއްގައި، މަސައްކަތްތަކަށް ހުރަސް އަޅައި، ފުޓުބޯޅައިގެ ތެރެޔަށް ސިޔާސީ ނުފޫޒު ވެއްދުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް މި ކްލަބުން ދެކެމެވެ." މާޒިޔާގެ ބަޔާނުގައި ވެއެވެ.

މާޒިޔާގެ އިތުރުން ފުރަތަމަ ޑިވިޜަންގެ ކްލަބް ގްރީން ސްޓްރީޓުންވެސް ވަނީ ޢަލީ އާޒިމްގެ ޤަރާރަކީ ސިޔާސީ ކަންކަން ބޭނުންކޮށްގެން ދިވެހި ފުޓްބޯޅަ ކުރިއަށްވުރެ ރަނގަޅު މިސްރާބަކަށް ގޮސްދާނެތީވެ، އެކަމަށް ހުރަސްއެޅުމަށް ހިންގާ ޢަމަލެއް ކަމަށް ތުހުމަތު ކޮށްފައެވެ. ގްރީން ސްޓްރީޓުގެ ބަޔާނުގައި ވަނީ، ޢަލީ އާޒިމަކީ ދިވެހި ފުޓުބޯޅައިން ފެއިލް ވެފައިވާ ބޭފުޅެއްކަމަށް ބުނެފައެވެ.



"މިއީ ދިވެހި ސަރުކާރާއި އެފްއޭއެމް އާއި އޮތް ގާތް ގުޅުން ކަނޑާލުމުގެ ނިޔަތުގައި ކޮށްގެން އުޅޭ ކަމެއް ކަމަށް މި ކްލަބުން ދެކެމެވެ.. އަދި މިފަދަ ކަންތައްތަކުގެ ސަބަބުން ދިވެހި ފުޓްބޯޅައަށާއި ފުޓްބޯޅަ ކުލަބްތަކަށް ވަމުންދާ ގެއްލުންތަކަކީ މި ކްލަބުން ބަލައިގަންނާނެ ކަންތައްތަކެއް ނޫންކަން މި ފުރުސަތުގައި ދަންނަވަމެވެ." ގްރީން ސްޓްރީޓުގެ ބަޔާނުގައި ވެއެވެ.

ޓީސީ ސްޕޯޓްސް ކްލަބުން މި މައްސަލާގައި ނެރެފައިވާ ބަޔާނުގައި ވަނީ، ފުޓްބޯޅަ އެސޯސިއޭޝަންގެ އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް މިފަދަ ގޮތަކަށް ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ކުޅިވަރުގެ ތެރެއަށް ވަންނަން މަސައްކަތް ކުރުމަކީ ވަރަށް ނާތަހުޒީބު ޢަމަލެއް ކަމަށް އެ ކްލަބުން ދެކޭ ކަމަށެވެ.



"އެހެން ކަމުން މި ކްލަބުގެ ފަރާތުން ދިވެހިރާއްޖޭގެ ސިޔާސީ ބޭފުޅުން ކުރަމުންދާ މިފަދަ ކަންކަން ވަގުތުން ވަގުތަށް ހުއްޓާލުމަށް އިލްތިމާސް ކުރަމެވެ. ކުޅިވަރު އާއިލާ އާއި ކުޅުންތެރިން އެދެނީ ކުޅިވަރުގެ ތެރެއަށް ސިޔާސީ ނުފޫޒު ނުފޯރުވައި، އިޖްތިމާޢީ ތަރައްޤީއަށް މަސައްކަތް ކޮށްދިނުމަށެވެ." ޓީސީން ޢާއްމުކޮށްފައިވާ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

އަލީ އާޒިމް ހުށަހެޅުއްވި މައްސަލައިިގައި ބުނެފައިވަނީ މިއީ ދިވެހިރާއްޖޭގައި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ކްލަބު ޖަމިއްޔާތައް، އެސޯސިއޭޝަންތައް އަދި ފެޑަރޭޝަންތައް ރެގިއުލޭޓްކޮށް ގާނޫނުން މަތިކޮށްފައިވާ މައްސޫލިއްޔަތުތައް އަދާކުރުމަށް މަތިކޮށްފައިވާ ފަރާތްތަކުން އެކަން ފުރިހަމަ ގޮތުގައި އަދާ ނުކުރާތީ ހުށަހަޅާ މައްސަލައެއް ކަމަށެވެ. މި ގަރާރުގެ މަގުސަދަކީ ކުޅިވަރުގެ ހުރިހާ ފެންވަރެއްގައި ހިންގޭ ހަރަކާތްތަކުގައި އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ މީހުންނަށް ބައިވެރި ވެވޭ ހަރަކާތްތަކެއްކަން ކަށަވަރުކޮށްދިނުމަށް މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރުން ކަމަށެވެ.



އެފްއޭއެމްގެ ރައީސްކަންވެސް ކުރީން ކުރެއްވި، އާޒިމް އެދިވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުން އެމައްސަލަ ބަލައި ހިންގާ ގަވާއިދާއި ކުޅިވަރު ގާނޫނާއި އަދި ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އަށް އެންގުމަށާއި އެ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށް އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން