ކޮރޯނާވައިރަސް ނުވަތަ ކޮވިޑް 19 އޭ ބުނުމުންވެސް އާންމު ރައްޔިތުންގެ ހިތްތަކަށް ވަންނަނީ ބިރުވެރިކަމެވެ. އެ ނުރައްކާތެރި ބަލީގެ އަޑު އިވޭއިރަށް ވެސް ބިރުން ތުރުތުރުއަޅައިގަނެ ނަފުސާނީ ބައްޔަކަށްވެއެވެ. ކައިރީގައި ހުންނަ މީހަކު ކެއްސާ، ކިނބިއްސެއްއަޅާލިޔަސް ސިއްސައިގެން ގޮސް ތުރުތުރު އަޅައިގަނެއެވެ. އެބަލި ރާއްޖެއިން ފެނިދާނެތީ މީހަކު ކޮރޯނާއޭ ބުންޏަށް ހީވަނީ ރާއްޖެއަށް އެބަލި އައި ވާހަކަ ބުނަން އުޅޭ ހެންނެވެ.

ދުނިޔޭގެ ތަރައްޤީވެފައިވާ ބޮޑެތި ބިޔަ ޤައުމުތަކުގައި އެބަލި ފެތުރެން ފެށުމުން އެހަރަ ބާރުގަދަ ވަސީލަތްތައް ފުރިހަމަ އަދި ބޭހާއި ޑޮކްޓަރުންނާއި ސައިންސްސްވެރިންނާއި ބޮޑެތި ހޮސްޕިޓަލްތައް ގިނަ މުއްސަނދި ޤައުމުތަކުން ގޮތް ހުސްވެގެން އެހެރަ ތެޅިފޮޅެމުންދާ މަންޒަރު ފެނިފައި ހަމަގައިމުވެސް ގިނަ ދިވެހި ރައްޔިތުން ހާސްވެ ކަންބޮޑުވެއެވެ.

އެކަމަކު ހަމަގައިމުވެސް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންގެ ފަރާތުން މިއަދު ފެނިގެން ދިޔައީ މިއާއި މުޅިން ޚިލާފު އަޑުތަކަކާއި މަންޒަރު ތަކެކެވެ. ކޮވިޑް 19އާއި ގުޅުން ހުރި ވަރަށް ހައްސާސް މައްސަލައެއް އިދިކޮޅު ފަރާތްތަކުން މަޖިލިހަށް ވައްދައިގެން އެ މަޖިލީހުގައި ކުރެވުނު ބަހުސްގައި ގިނަ މެންބަރުންނަށް ވީ ބޮޑު ޖޯކަކަށެވެ. ބޮޑު މަޖާ ކަނޑަކަށެވެ. ކޮވިޑް 19 އޭ، އެޖެންޑާ 19 އޭ ކިޔައިގެން ޒުވާބުކޮށް ހިތުހުރިހާ އެއްޗެއް ކިޔައި، ރައްޔިތުން ތަމުސީލު ކުރައްވާ މެންބަރުން ކުރެއްވީ ގެރި ޒުވާބެވެ.

މިމައްސަލައިގައި ބަހުސް ހިނގަމުން ދިޔައިރު މި ބިރުވެރި ވަބާއެއްފަދަ ބަލީގެ ނަން ބޭނުން ކުރައްވައިގެން އެއްބަޔަކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެންޕޭންވެސް ކުރިއެވެ. އެންމެ ފަހުން ބަހުސް ކުރަމުން ގޮސް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މިހާރުގެ އިދިކޮޅު ފަރާތްތައް ބަލި ކުރާނީ އިދިކޮޅު ފަރާތްތަކަށް ކޮރޯނާވައިރަސް ޖައްސާފައި ކަމުގައިވެސް ސަރުކާރު ހިންގާ ކޯލިޝަންގެ މައިޕާޓީގެ މެންބަރަކު މިއަދުގެ ބަހުސްގައި ވިދާޅުވެފައިވެއެވެ. ސޯޝަލް މީޑިޔާގައި މިހާރު އެންމެ ހަލުއިކޮށް ދަތުރުކުރަނީ ކޮރޯނާވައިރަސްގެ ބަހުސްގެ އެ ވިޑިއޯއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކޮވިޑް 19ގެ ބަހުސްގައި ވިދާޅުވީ ކޮރޯނާ ވައިރަސް ރާއްޖެއަށް ވެސް އަންނާނެ ކަމަށެވެ.

މި ނުރައްކާތެރި ބިރުވެރި ދަނޑިވަޅުގައި ރައްޔިތުން ހާސްވެ ކަންބޮޑުވެފައި ތިއްބާ ރައްޔިތުންގެ މަޖިލީހަށް މިމައްސަލަ ހުށައަޅައިގެން މެންބަރު ދެއްކެވި ވާހަކައިން އެމީހުން މިކަމަކާ މާކަ ކަންބޮވެގެން ނޫޅޭކަން ޔަޤީންވިއެވެ.

މިމައްލައިގައި އެމީހުން ކަންބޮޑުވެގެން އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް މިހާތަނަށް އަދި އަޅާފައެއް ނުވެއެވެ. އެންމެ ކުޑަމިނުން މިބައްޔާއި ގުޅިގެން މުޅި ދުނިޔެއަށް އަންނަން ފަށާފައިވާ އިޤުތިޞާދީ ހީނަރުކަން ވީހާވެސް ކުޑަކުރުމަށްޓަކާ އެއްވެސް ފިޔަވަޅެއް އަޅާން ވާހަކަ ދައްކާފައެއްވެސް ނެތެވެ. މި ބޮޑު ވަބާގެ ސަބަބުން ދުނިޔެއަށް ކުރިމަތިވަމުން އަންނަ އިޤްތިޞާދީ ހީނަރުކަން ވީހާވެސް ކުޑަކުރުމަށް ސަރުކާރުން ކުރަމުން ގެންދާ ޚަރަދުތައް، ކުޑަކުރުމަށް އެންމެ ފަސޭހަކަމާއެކު ނިންމޭނެ އެއް ނިންމުމަކީ މިސަރުކާރަށް ސަކޭގާ ނުވާވަރަށް އޮތް ސިޔާސީ މަޤާމު ތަކުގެ މުސާރައިގެ ބައެއް އުނިކުރުމެވެ. ސަރުކާރުގެ އޮފީސްތަކުން ކުރާ ހޭދަތައް ކުޑަކުރުމެވެ. ޚާއްޞަކޮށް ރާއްޖޭގެ އިޤުތިޞާދާ ނުބައްދަލު ބިޔަ ބޮޑު މުސާރަފުޅެއް ނަންގަވާ މެންބަރުންގެ މުސާރައިން ވަކި ޕަސެންޓެއް ކުޑަކުރެއްވުން ފަދަ ކުޑަކުޑަ ކަމެއް ކޮށްލަން މެންބަރުން އަމިއްލައަށް ނިންމެވުމަކީ ކިތަންމެ ފައިދާހުރި ސަޅި ނިންމުމެއްކަމުގައި ވީނަމަވެސް އެވަރުވެސް ކޮށްލާން މަޖިލީހަށް ހުށައަޅާލާން ވެސް ކެރިވަޑައެއް ނުގަތެވެ.

މީގެއިތުރިން ސަރުކާރުން ކުރާ ހޭދަ ކުޑަކޮށް އިޤްތިޞާދަށް އަރާ ލޮޅުންތައް ވީހާވެސް ކުޑަކުރުމަށްޓަކާ މަތިބަރުވެ ބުރަ ބޮޑުވެ ބިންގާ ގަނބައިގެން ދާވަރަށް އުފައްދާފައިވާ ސިޔާސީ މަގާމުތަކުގެ މުސާރައިން ޕަސެންޓެއް އުނިކޮށް ކޮންމެހެން ހިންގާން ޖެހޭ މަޝްރޫޢުތައް ފިޔަވައި އެހެނިހެން މަޝްރޫޢުތައް މިވަގުތަށް މަޑުޖައްސާލުން ފަދަ ކަންކަމަކީ މިހާރުވެސް ދުރާލާ ވިސްނައިގެން ކޮށްލެވޭނެ ކަންކަމެވެ.

ރައްޔިތުންގެ މަޖިލީހަކީ އަދި ރައްޔިތުންގެ މެންބަރުންނަކީ މަޖިލީހުގައި ރައްޔިތުންގެ އަޑު އިއްވައިދީ ޤައުމަށް ދިމާވާ މިފަދަ ހައްސާސް މައްސަލަ ތަކުގައި އަމިއްލަ އެދުމަށްވުރެ ޤައުމާއި ރައްޔިތުންގެ މަސްލަހަތު ކުރިއަށްނެރެގެން ކަންކަން ނިންމާންޖެހޭ ބައެކެވެ. އެކަމަކު ޕާޓީއާއި އަމިއްލަ މަސްލަހަތަށް އިސްކަން ދީފައި ރައްޔިތުންނަށް މޮޅެއް، ހެވެއް، އަދި ރަނގަޅެއް ހޯދައިދީ ހެއުކަމެއް ކޮށްދޭނެ ވިސްނުމެއްވެސް ހިތްވަރެއްވެސް ފަންވަރެއްވެސް އެވެރިންގެ ކިބަޔަކު ނެތެވެ. އެވެރިންނަށް ރައްޔިތުން ފެންނާނީ ހަމައެކަނި ވޯޓު ހޯދާން ވީމައެވެ. މިކަމުގައި ގޮތް ނިންމާ ބަޔަކީ ރައްޔިތުންނެވެ. މިކަން އިސްލާހު ކުރާން ތިބި ބަޔަކީވެސް ރައްޔިތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން