ފުވައްމުލައް ސިޓީއަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެވަޑައިގެންނެވި އެއް ވައުދަކީ އެ ރަށުގައި ކުޑަކުދިންނަށާއި އަންހެނުންނަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމްކުރެއްވުމެވެ. ރައީސް ސާލިހް ވިދާޅުވީ ފުވައްމުލަކަކީ ސިޓީއެއްކަމަށްވާތީ އެރަށުގައިވެސް ރާއްޖޭގެ އެހެން ސިޓީތަކެކޭ އެއްފަދައިން ސިޓީއަކަށް ލިބެންޖެހޭ ފުރިހަމަ ހިދުމަތް ލިބިގެންދާންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ. އަދި އެ ހޮސްޕިޓަލުގެ މަސައްކަތް ވީއެންމެ އަވަހަކަށް ފެށުމަށް އެ މަނިކުފާނު އޮތީ ވައުދުވެވަޑައިގެންފައެވެ.

ފުވައްމުލަކު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދާއި އެއްގޮތަށް ހޮސްޕިޓަލްގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް މިހާރު އެ ދަނީ ކުރިއަށެވެ. އެގޮތުން މި ހޮސްޕިޓަލްގެ ޑިޒައިނިންގ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ހޮސްޕިޓަލްގެ ޑިޒައިނަށް ބަލާއިރު މިއީ ޒަމާނީ ފެންވަރަށް ޑިޒައިންކޮށްފައިވާ ހޮސްޕިޓަލެއްކަން ފާހަގަކޮށްލެވެއެވެ.



އާބާދީގައި 12000 އެއްހާ މީހުން ދިރިއުޅެމުން އަންނަ ފުވައްމުލައް ސިޓީގައި ގާއިމްކުރާ މި ހޮސްޕިޓަލަކީ 5 ފަންގިފިލާގެ ހޮސްޕިޓަލެކެވެ. 50 އެނދުގެ މި ހޮސްޕިޓަލް ޢިމާރަތްކުރުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ފުވައްމުލައް ހޮސްޕިޓަލް ހިންގަމުން އަންނަ އިމާރާތާއި އިންވެގެންނެވެ.

މިދިޔަ އަހަރު ފުވައްމުލަކު ސިޓީއަށް ކުރެއްވި ޒިޔާރަތެއްގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވީ ފުވައްމުލަކު ސިޓީގައި އަލަށް ގާއިމްކުރާ ހޮސްޕިޓަލް ހާއްސަކުރާނީ އަންހެނުންނާއި ކުޑަކުދިންނަށް ކަމަށެވެ.

ފުވައްމުލަކު ސިޓީގެ އިތުރުންވެސް ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒަމާނީ ފެންވަރަށް ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޒަމާނީ ފެންވަރުގެ އައު 7 ހޮސްޕިޓަލެއްގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާއި ހަވާލުކުރެވޭނެ ކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ޒަމާނީ ފެންވަރަށް ހޮސްޕިޓަލް އަޅަން ހަމަޖެހިފައިވަނީ ހދ .ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލީގެ އިތުރުން ނ. ވެލިދޫ އާއި ތ. ވިލުފުށީގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން