މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވް ކުރަން ބޭނުންވާ ބޭރުގެ ޖަމިއްޔާތަކަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބު އޮބްޒާވް ކުރަން ބޭނުންވާ ބޭރުގެ ޖަމިއްޔާތަކާއި އެސޯސިއޭޝަންތަކާއި އެހެނިހެން ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ޖުލައި 25 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އިންތިހާބު އޮބްޒާވް ކުރަން ބޭނުންވާ ފަރާތްތަކަކީ 18 އަހަރު ފުރި އެމީހަކު ތަމްސީލުކުރާ ޖަމިއްޔާއަކުން އެކްރެޑިޓްކޮށްފައިވާ މީހަކަށްވާންޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. އަދި އެއީ އެއްވެސް ކެންޑިޑޭޓަކަށް އަދި ޕާޓީއަކަށް ކެމްޕެއިން ކުރާ މީހަކަށްވެގެންނުވާނެ ކަމަށް ވެސް އިލެކްޝަނުން ނެރުނު އިއުލާނުގައިވެއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ރިޔާސީ އިންތިހާބުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓުފޮށިތަކާއިއެކު 600 އަށް ވުރެ ގިނަ ވޯޓުފޮށި ބަހައްޓާނެ ކަމަށެވެ. އެގޮތުން މިފަހަރުގެ އިންތިހާބުގައި 30 މީހުން ރަޖިސްޓްރީކުރާ ރިސޯޓްތަކުގައި ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު ރާއްޖެއިން ބޭރުގައި ފޮށިތައް ބަހައްޓާނީ 150 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ކުރާ ގައުމުތަކުގައި ކަމަށް އެ ކޮމިޝަނުން ބުނެއެެވެ.

އިލެކްޝަން ކޮމިޝަނުން ލަފާކުރާގޮތުގައި ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމްލަ އަދަދު 280،000އިން މަތިވާނެއެވެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން