މާޝާ މިދުހަތު   19 މާރިޗު 2023 - 15:29
ބަރަކާތްތެރި ރަމަޟާން މަސް ފެށެން ގާތްވެފައިވާއިރު، އެ މާތް މައްސަރަށް އެޗްޑީސީން އަންނަނީ ގިނަ ތަރައްޔާރީތަކެއް ވަމުންނެވެ. އޭގެ ތެރޭގައި ދީނީ ގޮތުން ވާންޖެހޭ ތައްޔާރީތަކާއި، އިޖްތިމާއީ އެކި ކަންކަމަށް ވެސް އެ ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.

އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނައިރު، އެ ސަރަހައްދުގެ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށްޓަކާ އެ ސަރަހައްދުގައި އެސްޓީއޯ ފިހާރައެއް ހުޅުވުމަށް އެޗްޑީސީން ވަނީ ހިލޭ ވިނަރެސް ޔުނިޓެއް އެ ކުންފުންޏަށް ދީފައެވެ. އަދި އެ ޔުނިޓުގައި އެސްޓީއޯގެ އައު ފިހާރައެއް ވެސް މިހާރު ވަނީ ހުޅުވާފައެވެ.

މީގެ އިތުރަށް ހަމަ އެ ސަރަހައްދަށް ޚާއްސަކޮށް ވަގުތީ މާރުކޭޓެއް ހުޅުވުމުގެ ތައްޔާރީތައް ވެސް އެ ކުންފުނިން އަންނަނީ ވަމުންނެވެ. އަދި ހަމައެއާއި އެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މިސްކިތުގެ ޖާގަ އިތުރުކުރުމާއި، ބޭނުންވާ އެހެނިހެން މަރާމާތްތަކުގެ މަސައްކަތް ވެސް އެޗްޑީސީން މިހާރު އަންނަނީ ކުރަމުންނެވެ. މިކަމުގައި އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް ރެއާ ދުވާލު ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ އިރު ރަމަޟާން މަސް ފެށެންވާއިރަށް މިސްކިތުގެ މަސައްކަތް އެއްކޮށް ފުރިހަމަކޮށްލެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ރަމަޟާން މަހަށް ވާ ތައްޔާރީއެއްގެ ގޮތުން މުޅި ހުޅުމާލެ ސާފުކުރުމުގެ މަސައްކަތަށް ވެސް އެޗްޑީސީން ތައްޔާރުވެފައިވާއިރު، ހުކުރު ދުވަހު އެ ކުންފުންޏާއި ހުޅުމާލޭގެ ރައްޔިތުން ގުޅިގެން ދެވަނަ ފިޔަވަހީގައި ހާއްސަ އާއިލީ ހަވީރެއް ވެސް ވަނީ ބާއްވާފައެވެ.

މީގެއިތުރުން، ރަމަޟާން މަސް ތެރޭގައި ވެސް އެކި ކަހަލަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެޗްޑީސީން ވަނީ ތައްޔާރުވެފައެވެ. އޭގެ ތެރޭގައި ދީނީ ހަރަކާތްތަކާއި، އެކި ކުޅިވަރު ހަރަކާތްތައް ވެސް ހިމެނެއެވެ. އެގޮތުން ބާއްވާ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ވާދެމުމާއި، ބާސްކެޓް ބޯޅަ މުބާރާތާއި، ވޮލީ ބޯޅަ އަދި ބައިބަލާ މުބާރާތްވެސް އެޗްޑީސީއާއި ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދެވޭނެއެވެ. މީގެ އިތުރަށް ރަމަޟާންމަހުގެ ތެރޭގައި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ވެސް އެޗްޑީސީން ވަނީ ނިންމާފައެވެ.

ރަމަޟާން މަހާއި އެ ނޫންވެސް ދުވަސްވަރުގައި އެޗްޑީސީން ބާއްވާ މިފަދަ ހަރަކާތްތަކަށް ހުޅުމާލޭގެ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން އެކުފުނިން ވަނީ ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން