ރާއްޖެއަކީ ވަރަށް ފޫހި ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ސިފަކުރި ލަންކާގެ ޓޫރިޒަމް މިނިސްޓަރަށް އެގައުމުގެ ގިނަ ބައެއްގެ ފާޑުކިއުން އަމާޒު ވެއްޖެއެވެ.

އައިޓީބީ ބާލިންގ ފެއާގައި ވާހަކަ ދައްކަވަމުން ލަންކާގެ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ގިނަބަޔަކު ފަސްދުވަހުގެ ތެރޭގައި ރާއްޖެ މަތިން ފޫހިވާނެކަމަށް ވިދާޅުވެފައެވެ. ސްރީލަންކާގެ ފަތުރުވެރިކަމާއި ބެހޭ މިނިސްޓަރ ހަރިން ފެނާންޑޯ މިފަދައިން ރާއްޖެ ސިފަކޮށްފައިވަނީ ދެގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތް އަޅާ ކިޔުއްވަމުންނެވެ. އެގޮތުން އޭނާ ވިދާޅުވީ ގިނަ ބަޔަކަށް ފަތުރުވެރިންނަކީ ރީތި ގޮނޑުދޮަށް ތަކަށް ޒިޔާރަތްކުރާ ފަރާތްތަކެއްކަމަށް ހީވިނަމަވެސް، ރާއްޖޭގެ ގޮނޑުދޮއްތަކުން އުފާ ހޯދަން ދާ ފަރާތްތަކުންވެސް ފަސް ދުވަހުގެ ތެރޭގައި ފޫހިވާން ފަށާނެކަމަށެވެ.

މިނިސްޓަރ ހަރިން ފެނާންޑޯ ވިދާޅުވީ ރާއްޖެއިން ވިއްކަނީ ހަމައެކަނި ރީތި ގޮނޑުދޮއްތައް ކަމަށެވެ. ނަމަވެސް ސްރީލަންކާއިން އެގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހާއްސަކޮށް އެކި އުމުރުފުރާގެ ފަރާތްތަކަށް ތަޖުރިބާ ކޮށްލެވޭނެ އެކިކަހަލަ ޚިދުމަތްތައް ލިބެން ހުންނާނެކަމަށް ފެނާންޑޯ ވިދާޅުވިއެވެ.

"މިއީ ވަރަށް ރީތި ހިތްގައިމު ގައުމެއް. މުޢުޖިޒާތެއް ފަދަ. އަހަރުމެންގެ ގައުމުގައި ނެތީ ކޯޗެއް. އެއްގަމު މަގުން ކުރާ ދެގަޑިއިރުގެ ދަތުރެއްގެ ތެރެއިން 4 މޫސުމެއް ތަޖުރިބާ ކޮށްލެވޭނެ. ފިނި މޫސުމާއި، ހޫނު މޫސުމާއި، ރީތި ގޮނޑުދޮަށްތަކާއި، ރާޅާއެޅުމާއި، ކަނޑު އަޑީގެ ދިރުންތަކާއި، އުސް ފަރުބަދަތަކުގެ އިތުރުން އެތައް ކަމެއް ތަޖުރިބާ ކޮށްލެވޭނެ. މީގެއިތުރުން ހަށިގަނޑުގެ ދުޅަހެޔޮކަމަށް ހާއްސަކޮށް، ޔޯގާ، މެޑިޓޭޝަން، އަދި އާޔޫރްވެދިކް ތަޖުރިބާކޮށްލެވޭ ވެލްނަސް ޓުއަރިޒްމް އަކީ މިހާރު އަހަރުމެން މާކެޓް ކުރާ ފަތުރުވެރިންނަށް މާ ކަމުދާ ޓުއަރިސްޓް ޕެކޭޖެއް،" ފެނާންޑޯ ވިދާޅުވިއެވެ.

"ފަތުރުވެރިކަމުގެ ސިނާއަތުގައި ތާރީހީ ސަގާފަތަކީ ގޮނޑުދޮށްތައް މާކެޓް ކުރުން ނަމަވެސް ސްރީލަންކާ އިން މާކެޓް ކުރަނީ ހަމައެކަނި ގޮނޑުދޮށެއް ނޫން. އަހަންނަށް އެނގޭ ވަރަށް ގިނަ ބަޔަކު ދިވެހިރާއްޖެއަށް ދާކަން އެކަމަކު ރާއްޖޭގައި ފަތުރިވެރިންނަށް ތަޖުރިބާ ކޮށްލެވެނީ ރީތި ގޮނޑުދޮށްތައް އެކަނި. މިއީ ފާޑު ކިޔުމެއްނޫން، ނަމަވެސް 5 ދުވަހު ރާއްޖޭގައި އެއްތަނެއްގައި މަޑުކޮށްލާއިރު ތިބޭނީ ފޫހިވެފަ. ލަންކާއިން ކުރެވޭ ތަޖުރިބާ ތަފާތުވާނެ. ކޮންމެ މީހަކަށް ވެސް ކޮންމެވެސް ކަމެއް އެބައޮތް."



ސްރީލަންކާގެ ފަތުރުވެރިކަމާއި ބެހޭ މިނިސްޓަރ ހަރިން ފެނާންޑޯ ދެގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތް އަޅާ ކިޔުއްވައިފަނީ ޖަރުމަނުގައި ކުރިއަށްދާ އައިޓީބީ ފެއަރގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރުގެ މިވާހަކަތަކަށް އެންމެ ބޮޑަށް ފާޑުކިޔަމުން ދަނީ ލަންކާގެ ރައްޔިތުންނެވެ.

މީސް މީޑިއާގައި ވަޒީރުގެ މި ވާހަކަތަށް ފާޑުކިޔަމުންދާ ލަންކާގެ ބައެއް ރައްޔިތުން ވަނީ ވަޒީރުގެ އެވާހަކަ ތަކަކީ ވަރަށް ނާތަހުޒީބު ގަބޫލު ނުކުރެވޭނެ ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އެގޮތުން ރާއްޖެއާއި ލަންކާގެ ބަދަހި ސިޔާސީ ގުޅުމުގެ އިތުރުން ދެގައުމުގެ ދޭދޭ ރައްޔިތުންގެ މެދުގައި އޮންނަ އަޚުވަންތަ ގުޅުމަށްޓަކައި ވެސް ރާއްޖެއާއި ބެހޭގޮތުން މިފަދަ ވާހަކަތަކެއް ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެފައި ވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓާއި ލަންކާގެ ފަތުރުވެރިކަމަކީ ތަފާތު ދެ ޕްރޮޑަކްޓެއް ކަމަށާއި އެގޮތުން ރާއްޖެއާއި ލަންކާއާއި އަޅާ ނުކިޔޭނެ ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ. އަދި ޓޫރިޒަމް މިނިސްޓަރަށް ރާއްޖޭގެ ފަތުރުވެރިކަން އެނގިވަޑައި ނުގަންނަވަންޏާ ނުވަތަ ރާއްޖެއިން ޓޫރިޒަމް އިސްތިހާރުކުރާ ގޮތަށް އެކަން ކުރަން ނޭގެންޏާ ރާއްޖެއަށް ވަޑައިގެން އެތަޖުރިބާ ހޯއްދަވައިގެން، ދަސްކުރެއްވުމަށް ވެސް ބައެއް ފަރާތްތަކުން ނަސޭހަތްތެރިވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން