އަހުމަދު ޔާމިން   10 މާރިޗު 2023 - 13:17
ޤާނޫނަކީ ދުނިޔޭގައި ކަންތައްތައް ވަކި ތަރުތީބަކުން އެއް ހަމައަކުން އިންތިޒާމްވެ ހިނގަމުންދާ ގޮތުގެ ނިޒާމަށް ކިޔާނަމެކެވެ. މިގޮތުން ރޭދުވާ ތަކުރާރުވުމާއި އުފަންވެ މަރުވެދާ ދިއުމަކީ މި މާނާގައި ޤާނޫނޭ ކިޔޭ ކަންތައްތަކެވެ. މި ކަންތައްތަކަކީ ތަކުރާރު ވަމުންދާ ދިއުމުގައި ބަދަލުވުމެއް ދެގޮތްވުމެއް ނެތި ހިގަމުންދާ ކަންތަކެވެ. އެއީ ދުނިޔޭގެ ތަބީޢަތެވެ. އިލާހީޤާނޫނެވެ. ﷲގެ އަމުރުފުޅެވެ. ދުނިޔެ ދެކެމުންދާ ހަޤީޤަތެވެ.

މިދުނިޔެއަކީވެސް ނިމި ފަނާވަނިވި ތަނެކެވެ. ތަބީޢީ މި ތަރުތީބުތައް މި ނޫން ގޮތަކަށް ބަދަލުވުމަކީ ދުނިޔެވެސް ނިމިދިއުމެވެ. މިއީ އުފަންވުމާއި ނިމުމުގެ ޤާނޫނުގެ ދަށުން ހިނގާދަނިވި ނިމުމެކެވެ. މިއީވެސް ޤާނޫނެއްކަން ޔަޤީނެވެ.

ޤާނޫނުގެ އަނެއް ވައްތަރަކީ ވެރިކަމުގެ ފަރާތުން ކަންކަންހިންގުމުގައި ބޭނުންކުރާ ޢުޞޫލްތަކާއި، އަދި އެކަންކަން ތަންފީޛުކުރުމަށް ބޭނުންކުރާ ބާރެވެ. އެބައެއްގެ ތެރޭގައި ކަންކަން ތަންފީޒް ކުރުމާ ނިންމާނިންމުންތަކާ ކަންތައްތައް ހަމަމަގަށް އެޅުވުމަށްޓަކާ ޤާނޫނު ބޭނުންވެއެވެ. އެއީ އެތަނުގައި ދިރިއުޅޭ ބަޔަކު އެތަނަކަށް އެޒަމާނަކާ އަދި ކުރިއަށް އަންނަން އޮތް މުސްތަޤުބަލަށް ވިސްނާ އަމިއްލައަށް ލިޔެ އެކަށައަޅާ އެއްޗެކެވެ.

ޤާނޫނެއް އެކަށައަޅާއިރު ކޮންމެ ބަޔަކުވެސް ރިޢާޔަތްކުރާނީ އެބައެއްގެ ދިރިއުޅުމުގެ ވައްޓަފާޅިއަށާއި، އެބައެއްގެ ދީނީ ޢަޤީދާ އާއި ޤަބޫލުކުރާ ޤަބޫލްކުރުންތަކާއި، އާދަކާދަ އާއި ކަނޑައެޅިގެން މަތިވެރި މާތްރަސްކަލާގެ ބާވައިލައްވާފައިވާ ފޮތަށާއި އަދި އެމުޖުތަމަޢެއްގައި ދިރިއުޅެމުންދާ ފިޤުހުވެރިންގެ ބަސްތަކަށެވެ.

މުޖުތަމަޢުގައި ހިނގާ ހުރިހާކަމެއްވެސް ހަމަޖެހޭގޮތަށް ގެނައުމަށްޓަކާ ބޭނުންވާ ޤާނޫނު އުފަންވަނީ، ދީނާ، ބުއްދިޔާ، ވިސްނުމާ، އާދަކާދަޔާ، ޢަޤީދާ އާއި އުޅުންތަކާ ގުޅުންތަކުގެ ތެރެއިންވެސް ޙާޞިލުނުވާ ހަމަޖެހުންތައް ހޯދުމުގެ ތެރެއިންނެވެ. ޒިންމާދާރު ހަމަވިސްނޭ މީހެއްނަމަ ހިތުގެ އަޑިން ޤަބޫލްކުރާނެ އެންމެމުހިންމު އަސާސްތަކަކީ މާތް ﷲ ބާވައިލެއްވެވި އާޔަތްތައް ނުވަތަ ރަސޫލުން ގެނެސްދެއްވެވި ދީނީ ސަބަބުތަކާއި، ހެޔޮނުބައި ވަކިކޮށް ދަތުމާއި، އާދަކާދައިގެ ތެރޭގައި ނުހިމެނޭ އެއްވެސްކަމެއް މުޖުތަމައަކުން ތަންފީޒް ނުކުރުމަށެވެ. ސީދާގޮތުން ނުވަތަ ނުސީދާގޮތުންވިޔަސް ކޮންމެވެސް ހިސާބަކުން އިސްވެދެންނެވުނު އަސާސްތައް އޮންނާނީ ގުޅިފައެވެ.

ޕްރޮފެސަރ ޖޯން އޮސްޓިން (1700) ޤާނޫނުގެ ތަޢުރީފްގައި ބުނެފައިވަނީ "ޤާނޫނަކީ މަތިވެރިފަރާތްތަކުން އެފަރާތުގެ ބާރުގެދަށުގައިވާ މަތިވެރި ފަރާތްތަކަށް އެކަށައެޅި ޤަރާރުކުރެވިފައިވާ އަދި ތަންފީޛުކުރުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވީ ފަރާތަކާއި ޙަވާލުކުރެވިފައިވާ މިނިވަން ސިޔާސީ ބާރެކެވެ." މިއީ ޕޮޒިޓިވިސްޓުންގެ ތަޢުރީފެވެ.

މިކަން މިގޮތަށް ހުރުމާއެކުގައިވެސް ޤާނޫނީ އިލްމުވެރިންގެ އަރިހުގައި ޤާނޫނަކީ އަދި މިއެއްނޫނެވެ. އެބޭފުޅުން ޤަބޫލުކުރައްވާ ގޮތުގައި ޤާނޫނަކީ އަމުރެވެ. އަމުރަކީ މީހަކު އަނެކަކުގެ ކިބައިން ކަމެއްކުރުމަށް ނުވަތަ ނުކުރުމަށް އެދުމާއި އެކު އެއާއި އެއްގޮތަށް ޢަމަލު ނުކޮށްފިނަމަ ޢުޤޫބާތް (އަދަބު) ދޭނޭ ކަމުގެ އިންޒާރު އޮތުމެވެ. ޢާއްމުގޮތެއްގައި ޤާނޫނީ އުސޫލުތައް ފެންނަން ހުންނާނީ ޤާނޫނުއަސާސީ (ކޮންސްޓިޓިއުޝަން)، ޤާނޫނުތަކާއި ޤަވާޢިދުތައް (ލެޖިސްލޭޝަން)، ކޯޓްތަކުގެ ނިންމުންތަކާއި ރަޢުޔުތައް (ޖުޑީޝަލް އޮޕީނިއަންސް / ޖުޑީޝަލް ޕްރެސީޑެންޓްސް) އަދި މިނޫންވެސް ކަންކަން އިންތިޒާމްކުރުމަށް ބޭނުންކުރާ އެންމެހާ ޤަވާޢިދުތަކާއި އުސޫލުތައް ފަދަ އެއްޗެހިންނެވެ.

މިއުޞޫލުގެ ދަށުން، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 05 ވަނަ މާއްދާއާއި 70 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ޤާނޫނު ހެދުމުގެ ބާރު ދީފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެހެންކަމުން ދިވެހި ދަޢުލަތުގެ ޤާނޫނު ހެދުމުގެ ބާރާއި މަސްއޫލިއްޔަތު ވަނީ ރައްޔިތުންގެ މަޖިލީހުގައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކުގެ ދަށުން އެޤާނޫނު ހިންގުމަށްޓަކައި ޤަވާޢިދުހެދުމުގެ ބާރާއި އިޚްތިޔާރު ސަރުކާރުގެ ވުޒާރާއަކަށް ނުވަތަ ދަޢުލަތުގެ އެހެންވެސް މުއައްސަސާއަކަށް ނުވަތަ އިދާރާއަކަށް ދެވެއެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ދަށުން ހުއްދަލިބިގެން ސަރުކާރުގެ ވުޒާރާއަކުން ނުވަތަ ދަޢުލަތުގެ އެހެންވެސް މުއައްސަސާއަކުން ނުވަތަ އިދާރާއަކުން ހަދާ ޤާނޫނުތަކަށް ކިޔަނީ "ޤަވާޢިދު" އެވެ.

މުޖްތަމަޢެއްގައި ތަފާތު ޒާތުގެ ތަފާތު ޚިޔާލުގެ ފަރުދުން އުޅެމުން ގެންދެއެވެ. ހަމައެހެންމެ ތަފާތު ބާވަތްތަކުގެ ކަންތައްތައް ހިނގައެވެ. ދިރިއުޅުމުގައި އިންސާނުންނަކީ އެކަކު އަނެކަކަށް ބޭނުންވާ ބަޔަކަށްވުމާއެކު މުޖްތަމަޢެއް ކުރިއަށް ގެންދިއުމަށް އުސޫލުތަކަކާއި ހަމަތަކެއް ޤާއިމުކުރަންޖެހެއެވެ. ޤާނޫނުން ފަރުދުންނަކީ ކޮބައިކަން ބަޔާންކޮށްދެއެވެ. އަދި ޙައްޤުތައް ކަނޑައަޅައި، އެކި އެކި އިލްތިޒާމްތައް އެކަށައެޅުމާއި، ގުޅުންތައް ދެމެހެއްޓުމާއި، އިންތައް ޤާއިމްކުރުމާއި، މުޅި މުޖްތަމަޢުގެ މަސްލަޙަތު ރައްކާތެރި ކުރުމާއި، އަދި ފަރުދުންގެ ޤާނޫނީ ތަސައްރަފުތައް ކަނޑައަޅައިދެއެވެ. ޤާނޫނަކީ މި ހަމަތައް އިންތިޒާމްކޮށް ތަންޒީމް ކުރާ ވަސީލަތެވެ.

ކުރުކޮށް ބުނާނަމަ ބުނެވޭނީ ޤާނޫނަކީ އެތަނެއްގައި އުޅޭބައެއްގެ ޢުރުފާ އާދަކާދަތަކާއި ވިސްނުންތަކާއި ޤަބޫލްކުރުންތަކަށް ބިނާކޮށް، އެމީހުންގެ މައްޗަށް ތަންފީޛު ކުރުމަށްޓަކައި، އެމީހުންގެ ތެރެއިން އެންމެ އިސްބާރުތަކާއި ހަވާލުވާ ފަރާތްތަކުން އެކަށައަޅައި، އެ މުޖްތަމަޢެއްގެ އެންމެން އެއަށް ބޯލަނބާ ކިޔަމަންވާންޖެހޭ ދުސްތޫރު ކަމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން