ޞާދިރު ޢަލީދީދީ   10 މާރިޗު 2023 - 11:47
ބަންގިއަކީ އިސްލާމްދީނުގެ ޝިޢާރުތަކުގެ ތެރެއިން އެއްޝިޢާރެވެ
ބަންގިއަކީ އިސްލާމްދީނުގެ ޝިޢާރުތަކުގެ ތެރެއިން އެއްޝިޢާރެވެ
ނަމާދަކީ މުސްލިމުން އަދާކުރާ އެންމެ ބޮޑު އަޅުކަމެވެ. ބަންގިގޮވުމާއި ޤަމަތްދިނުމަކީ ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް އެދި ގޮވާ ގޮވުމެކެވެ. އަދި މިއީ ކީރިތި ޤުރްޢާނާއި މާތް ނަބިއްޔާގެ ސުންނަތުން ސާބިތުވާ އަޅުކަމެކެވެ. ބަންގިއަކީ އިސްލާމްދީނުގެ ޝިޢާރުތަކުގެ ތެރެއިން އެއްޝިޢާރެވެ. އަދި އެއީ ނަމާދުގެ ޖަމާޢަތަށް މިސްކިތަށް އައުމަށް ގޮވާ ފުރަތަަމަ ގޮވުމެވެ. ދެވަނަ ގޮވުމެއްގެ ގޮތުން ޤަމަތްދެނީ މީސްތަކުން މިސްކިތަށް ހާޒިރުވުމާއެކު ޖަމާޢަތުގައި ނަމާދުކުރާން ފެށެނީކަން އެންގުމަށްޓަކައި ގޮވާގޮވުމެވެ. އެހެންކަމުން، ނަމާދަށް ގޮވާ ދެގޮވުމުގައިވެސް ތަކުރާރުކޮށް ކިޔޭ ކަލިމަތަކުން، އިސްލާމްދީނުގެ އެންމެހައި އަސާސްތަކާއި އަޞްލުތައް ބުނެދީ ހަނދާން އާކޮށްދެއެވެ. އަދި ހަމައެހެންމެ ނަމާދުކުރުމަށް އަވަސްވެގަތުމުގެ މުޙިއްމުކަންވެސް އެކަލިމަތަކުން ހާމަވެގެން ދެއެވެ.

* ބަންގިއާއި ޤަމަތްދޭން ފެށުނުގޮތް:

އިސްލާމްދީން އައިތާ ކުރީކޮޅުގައި ނަމާދުގެ ވަގުތު ކޮންމެ ފަހަރަކު ކީރިތި ރަސޫލާ މުޙައްމަދު ﷺ އަންގަވައިގެން ބިލާލުގެފާނު ނަމާދަށް އައުމަށް މުސްލިމުންނަށް އިޢުލާން ކުރައްވައި ހައްދަވަތެވެ. އަދި "اصلاة جامعة" މިފަދައިން ވިދާޅުވަތެވެ. އެބަހީ ނަމާދުގެ ވަގުތު ޖެހިއްޖެއެވެ. ޖަމާޢަތް ފެށިއްޖެއެވެ.

ކޮންމެއަކަސް ޒަމާނަށް ބަދަލުތަކެއް އައުމާއި، ދީނުގެ ކަންތައް މަޑުމަޑުން އިޞްލާޙުވެ ފުރިހަމަވަމުން ދިއުމާގުޅިގެން މީސްތަކުން ނަމާދަށް އެރުމަށް ގޮވާނެގޮތްވެސް އިޞްލާޙުކުރެއްވުމަށް ކީރިތި ރަސޫލާ ޤަޞްދުފުޅު ކުރެއްވިއެވެ. އެގޮތުން މިކަމާއި ގުޅޭގޮތުން އެއްދުވަހަކު އެކަލޭގެފާނުގެ ލޮބުވެތި ޞަޙާބީންނާއި މަޝްވަރާކުރެއްވިއެވެ.

މަޝްވަރާގެ ތެރޭގައި، ބައެއް ބޭކަލުން ތިމަންމެން ރަނގަބީލު ޖެހުން ކިހިނެއްތޯ ދެންނެވުމުން އެކަލޭގެފާނު ޙަދީޘްފުޅުކުރެެއްވީ "އެއީ ޔަހޫދީންގެ ކަމެއް" ކަމަށެވެ. ދެން ބައެއް ބޭކަލުން އިތުރު ޚިޔާލުފާޅު ކުރެއްވިއެވެ. އެބޭކަލުން ދެންނެވިއެވެ. "އަޅުގަނޑުމެން އަލިފާންރޯކުރުން ކިހިނެއްތޯއެވެ؟" ރަސޫލު ﷺ ޙަދީޘްފުޅު ކުރެއްވިއެވެ. "ތިޔައީ މަޖޫސީންގެ ކަމެކެވެ." އެއަށްފަހު ވަކި ގޮތެއް ނުނިމި އޮތްވައި ކީރިތި ރަސޫލާ އެދުވަހު ވަޑައިގެންފިއެވެ. އަޞްޙާބު ބޭކަލުންވެސް ވަޑައިގަތީއެވެ.

ދެވަނަދުވަހު ރަސޫލު ﷺގެ އަރިހުގައި އަޞްޙާބު ބޭކަކުންތަކެއް އުޅުއްވަނިކޮށް ޢަބްދު ﷲ ބުނި ޒައިދު ރަޟިޔަ ﷲ ޢަންހު އެތަނަށް ވަޑައިގެންފިއެވެ. އަދި ރަސޫލާގެ އަރިހުގައި އެކަލޭގެފާނަށް ފެނިވަޑައިގަތް ހުވަފެންފުޅެއްގެ ވާހަކައިގެ ޚަބަރު ވިދާޅުވެދެއްވަން ފެއްޓެވިއެވެ. ޒައިދުގެފާނު ރަސޫލާ އަރިހުގައި ދެންނެވީ ހުވަފެންފުޅުގައި ބޭކަލަކުވަޑައިގެން، މުސްލިމުންނަށް ނަމާދަށް އައުމަށް އެދި ގޮވަން ރަނގަޅު ކަލިމަތަކެއް ދަސްކޮށް ދެއްވި ވާހަކައެވެ. އައަށްފަހު، ޒައިދުގެފާނު އެކަލިމަތަށް ވިދާޅުވާން ފެއްޓެވިއެވެ.

" ٱللَّٰهُ أَكْبَرُ ٱللَّٰهُ أَكْبَرُ،

ٱللَّٰهُ أَكْبَرُ ٱللَّٰهُ أَكْبَرُ،

أَشْهَدُ أَن لَّا إِلَٰهَ إِلَّا ٱللَّٰهُ،

أَشْهَدُ أَن لَّا إِلَٰهَ إِلَّا ٱللَّٰهُ،

أَشْهَدُ أَنَّ مُحَمَّدًا رَسُولُ ٱللَّٰهِ،

أَشْهَدُ أَنَّ مُحَمَّدًا رَسُولُ ٱللَّٰهِ،

حَيَّ عَلَى ٱلصَّلَاةِ،

حَيَّ عَلَى ٱلصَّلَاةِ،

حَيَّ عَلَى ٱلْفَلَاحِ،

حَيَّ عَلَى ٱلْفَلَاحِ،

ٱللَّٰهُ أَكْبَرُ ٱللَّٰهُ أَكْبَرُ،

لَا إِلَٰهَ إِلَّا ٱللَّٰهُ "

މިކަލިމަތަކާއި އަދި މިވާހަކަތައް އައްސަވާފައި ކީރިތި ރަސޫލާ، މުޙައްމަދު ﷺ ޒައިދުގެފާނަށް އަމުރުކުރެއްވީ ނަމާދަށް ގޮވާލެއްވުމަށްޓަކައި ބިލާލުގެފާނަށް އެކަލިމަތައް ދަސްކޮށްދެއްވުމަށެވެ. (ބުޚާރީ- މުސްލިމް)

* ބަންގި އަދި އޭގެ މާނަ:

މާނަ ގެނެސްދީފައިމިވަނީ ތަކުރާރުކުރެވޭ ކަލިމަތަށް ތަކުރާރުކުރުމަކާނުލައެވެ.

ٱللَّٰهُ أَكْبَرُ ٱللَّٰهُ أَكْبَرُ،

ٱللَّٰهُ أَكْبَرُ ٱللَّٰهُ أَكْبَرُ

(ﷲ ގެ ކުޅަދުންވަންތަކަމާއި މާތްކަން އެހެން ހުރިހައި އެއްޗަކާއި ކަމަކަށްވުރެ ބޮޑެވެ.)

أَشْهَدُ أَن لَّا إِلَٰهَ إِلَّا ٱللَّٰهُ،

أَشْهَدُ أَن لَّا إِلَٰهَ إِلَّا ٱللَّٰهُ

(ﷲ މެނުވީ އަޅުކަން ކުރާންވީ ފަރާތެއް އެބަހީ ﷲ ފިޔަވައި އަޅުކަންވެވޭނޭ އެހެން އެއްވެސް ފަރާތެއް ނެތްކަމަށް ތިމަން ހެކިވަމެވެ.)

أَشْهَدُ أَنَّ مُحَمَّدًا رَسُولُ ٱللَّٰهِ،

أَشْهَدُ أَنَّ مُحَمَّدًا رَسُولُ ٱللَّٰهِ

(މުޙައްމަދުގެފާނަކީ ﷲ މިއުއްމަތަށް ފޮނުއްވެވި އެކަލާނގެ ރަސޫލާކަމަށް ތިމަން ހެކިވަނެވެ.)

حَيَّ عَلَى ٱلصَّلَاةِ،

حَيَّ عَلَى ٱلصَّلَاةِ

(ނަމާދަށް އަވަހަށް އަންނާށެވެ.)

حَيَّ عَلَى ٱلْفَلَاحِ،

حَيَّ عَلَى ٱلْفَلَاحِ

(ޞަލާމަތްކަމާއި ނަޞީބުލިބިގަތުމަށް އަވަހަށް އަންނާށެވެ.)

ٱللَّٰهُ أَكْبَرُ ٱللَّٰهُ أَكْبَرُ

(ﷲ ގެ ކުޅަދުންވަންތަކަމާއި މާތްކަން އެހެން ހުރިހައި އެއްޗަކާއި ކަމަކަށްވުރެ ބޮޑެވެ.)

لَا إِلَٰهَ إِلَّا ٱللَّٰهُ

(ﷲ ފިޔަވައި އަޅުކަންވެވޭނޭ އެހެން އެއްވެސް ފަރާތެއް ނުވެއެވެ.)

* ފަތިސް ނަމާދުގެ ބަންގި އަދި އޭގެ މާނަ:

މުޙައްމަދުގެފާނަކީ ﷲ މިއުއްމަތަށް ފޮނުއްވެވި އެކަލާނގެ ރަސޫލާކަމަށް ތިމަން ހެކިވަނެވެ.)

حَيَّ عَلَى ٱلصَّلَاةِ،

حَيَّ عَلَى ٱلصَّلَاةِ

(ނަމާދަށް އަވަހަށް އަންނާށެވެ.)

حَيَّ عَلَى ٱلْفَلَاحِ،

حَيَّ عَلَى ٱلْفَلَاحِ

(ޞަލާމަތްކަމާއި ނަޞީބުލިބިގަތުމަށް އަވަހަށް އަންނާށެވެ.)

ٱلصَّلَاةُ خَيْرٌ مِنَ ٱلنَّوْمِ،

ٱلصَّلَاةُ خَيْرٌ مِنَ ٱلنَّوْمِ

(ނިދުމަށްވުރެ، ނިދާން ކަންނެތްވެފައި އޮތުމަށްވުރެން ހެޔޮކަން ބޮޑީ ނަމާދެވެ)

ٱللَّٰهُ أَكْبَرُ ٱللَّٰهُ أَكْبَرُ

(ﷲ ގެ ކުޅަދުންވަންތަކަމާއި މާތްކަން އެހެން ހުރިހައި އެއްޗަކާއި ކަމަކަށްވުރެ ބޮޑެވެ.)

لَا إِلَٰهَ إِلَّا ٱللَّٰهُ

(ﷲ ފިޔަވައި އަޅުކަންވެވޭނޭ އެހެން އެއްވެސް ފަރާތެއް ނުވެއެވެ.)

* ޤަމަތް އަދި އޭގެ މާނަ:

މާނަ ގެނެސްދީފައިމިވަނީ ތަކުރާރުކުރެވޭ ކަލިމަތަށް ތަކުރާރުކުރުމަކާނުލައެވެ.

ٱللَّٰهُ أَكْبَرُ ٱللَّٰهُ أَكْبَرُ

(ﷲ ގެ ކުޅަދުންވަންތަކަމާއި މާތްކަން އެހެން ހުރިހައި އެއްޗަކާއި ކަމަކަށްވުރެ ބޮޑެވެ.)

أَشْهَدُ أَن لَّا إِلَٰهَ إِلَّا ٱللَّٰهُ

(ﷲ މެނުވީ އަޅުކަން ކުރާންވީ ފަރާތެއް އެބަހީ ﷲ ފިޔަވައި އަޅުކަންވެވޭނޭ އެހެން އެއްވެސް ފަރާތެއް ނެތްކަމަށް ތިމަން ހެކިވަމެވެ.)

أَشْهَدُ أَنَّ مُحَمَّدًا رَسُولُ ٱللَّٰهِ

(މުޙައްމަދުގެފާނަކީ ﷲ މިއުއްމަތަށް ފޮނުއްވެވި އެކަލާނގެ ރަސޫލާކަމަށް ތިމަން ހެކިވަނެވެ.)

حَيَّ عَلَى ٱلصَّلَاةِ

(ނަމާދަށް އަވަހަށް އަންނާށެވެ.)

حَيَّ عَلَى ٱلْفَلَاحِ

(ޞަލާމަތްކަމާއި ނަޞީބުލިބިގަތުމަށް އަވަހަށް އަންނާށެވެ.)

قَدْ قَامَتِ ٱلصَّلَاةُ،

قَدْ قَامَتِ ٱلصَّلَاةُ

(ހަމަކަށަވަރުން ނަމާދު ޤާއިމުވެއްޖެއެވެ. އެބަހީ ނަމާދު ކުރުމުގެ ވަގުތު އައިސް ނަމާދު ކުރަންވެއްޖެ ކަން ކަށަވަރެވެ.)

ٱللَّٰهُ أَكْبَرُ ٱللَّٰهُ أَكْبَرُ

(ﷲ ގެ ކުޅަދުންވަންތަކަމާއި މާތްކަން އެހެން ހުރިހައި އެއްޗަކާއި ކަމަކަށްވުރެ ބޮޑެވެ.)

لَا إِلَٰهَ إِلَّا ٱللَّٰهُ

(ﷲ ފިޔަވައި އަޅުކަންވެވޭނޭ އެހެން އެއްވެސް ފަރާތެއް ނުވެއެވެ.)

* އިރުޝާދު:

1. ކީރިތި ރަސޫލާ މުޙައްމަދު ﷺގެ އަރިހުން ޞައްޙަ ރިވާޔަތްތަކުން ސާބިތުވާ ފަދައިން ބަންގި ގޮވާން ފެއްޓެވުނީ ކުރިން ދެންނެވުނު ޒައިދުގެފާނުގެ ހުވަފެންފުޅާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. އެގޮތުން ފަރްޟު ފަސްނަމާދުގެ ތެރެއިން ފަތިސްނަމާދު ފިޔަވައި އެހެން ނަމާދުތަކަށް ބަންގިގޮތުގައި ވިދާޅުވާ ކަލިމަތަކަކީ ޒައިދުގެފާނުގެ ހުވަފެންފުޅުގައި ވިދާޅުވި ކަލިމަތަކެވެ. އެއްވެސް ބަދަލުކުރުމެއް ނެތި ނަމަވެސް ފަތިސް ނަމާދަށް ބަންގި ގޮވުމުގައި حَيَّ عَلَى ٱلْفَلَاحِ، އަށްފަހު ٱلصَّلَاةُ خَيْرٌ مِنَ ٱلنَّوْمِ މިފަދައިން ދެފަހަރު ވިދާޅުވެއެވެ. އެއަށްފަހު ބަންގީގެ ފަހުބައި، ٱللَّٰهُ أَكْبَرُ ٱللَّٰهُ أَكْبَرُ

لَا إِلَٰهَ إِلَّا ٱللَّٰهُ ވިދާޅުވެ ބަންގި ނިންމާލާނީއެވެ.

2. ބަންގި ގޮވާއިރު، ބަންގިގޮވާމީހާ ޝަހާދަތުގެ ދެކަލިމައިގެ ތެރެއިން ކޮންމެ ކަލިމައެއްވެސް ބާރަށް ކިޔުމުގެ ކުރިން ސިއްރުން ދެފަހަރު ކިޔުމީ ސުންނަތް ވެގެންވާ ކަމެކެވެ.

3. ބަންގިއާއި ޤަމަތް އަޑުއަހާމީހާއަށް ސުންނަތްވެގެންވަނީ ބަންގިދޭމީހާ ކިޔާ ކަލިމަތައް އަޑުއަހައިގެން ހުރެ ސިއްރުން އެކަލިމަތައް ކިޔުމެވެ. ނަމަވެސް މީގެތެރެއިން حَيَّ عَلَى ٱلصَّلَاةِ، އާއި حَيَّ عَلَى ٱلْفَلَاحِ، މިދެކަލިމަ އަޑުއިވޭހިނދު ކިޔާނީ لَا حَوْلَ وَلَا قُوَّةَ إِلَّا بِٱللَّٰهِ މިކަލިމައެވެ. އަދި ފަތިސްނަމާދުގެ ބަންގީގައި ގޮވާ ٱلصَّلَاةُ خَيْرٌ مِنَ ٱلنَّوْمِ މިކަލިމަ އިވޭހިނދު ކިޔުން ސުންނަތް ވެގެންވަނީ صَدَقْتَ وَبَرِرْتَ وَبِالْحَقِّ نَطَقْتَ މިފަދައިން ކިޔުމެވެ.

4. ޤަމަތުގެ އަޑުއިވޭހިނދު ކަންތައް ކުރާނީވެސް ބަންގިއާ އެއްގޮތަށެވެ. ނަމަވެސް قَدْ قَامَتِ ٱلصَّلَاةُ މިކަލިމައިގެ ބަދަލުގައި އަޑުއިވޭ މީހާ ނުވަތަ މައުމޫމުން ކިޔާނީ أَقَامَهَا اللَّهُ وَأَدَامَهَا މިފަދައިންނެވެ.

5. ބަންގިދީ ނިމުމުން ކީރިތި ރަސޫލާ، މުޙައްމަދު ﷺ ގެ މައްޗަށް ޞަލަވާތް ކިޔެވުމަށްފަހު، ބަންގި ދުޢާ ކިޔުން ބަންގި ގޮވާމީހާއާއި ބަންގިއިވޭ މީހާއަށް ސުންނަތް ވެގެންވެއެވެ. ނަމަވެސް މިކަލިމަތަށް ކިޔަންވާނީ މަޑުމަޑުން ނުވަތަ ހިތުންނެވެ. ބާރަށް ކިޔުމަކީ އޮންނަކަމެއް ނޫނެވެ. ޤަމަތް ނިމުމުންވެސް މިދުޢާކިޔުމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.

*********

* މިލިޔުމަކީ، ލޮބުވެތި ރަސޫލާގެ ޙަދީޘްފުޅުގެ ޢަލީގައި ނަމާދާއިގުޅޭގޮތުން އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ޓްރެންޑިން