ކައުބަތު ﷲ ގެފުޅު
ކައުބަތު ﷲ ގެފުޅު
އެއްދުވަހަކު މާތް ނަބިއްޔާ، މުޙައްމަދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ކަޢުބަތު ﷲ ގެފުޅުގައި ނަމާދު ކުރައްވަން ހުއްޓިވަޑައިގަތެވެ. އެވަގުތު އެތާނގައި އަބޫޖަހުލާއި އެނޫންވެސް މުޝްރިކުންގެ ތެރެއިން ބައެއް ބޮޑުން ތިއްބެވެ.

އަބޫޖަހުލު އޭނާގެ ގާތުގައި ތިބި މީހުންނަށް ބުނެލިއެވެ. މިވެނި މީހަކު ދެންމެ ކަތިލި ޅަޖަމަލެއް މިވެނި ތަނެއްގައި އޮންނާނެއެވެ. އެޖަމަލުގެ ލެޔާއި ގޮހޮރާ އަދި އެނޫންވެސް އޭގައިހުރި ހަޑިތަކެތި ހިފައިގެން އައިސް މުޙައްމަދު (އެބަހީ މުޙައްމަދުގެފާނު) ސަޖިދައަށް ތިރިވުމުން ބުރަކަށި މައްޗަށް އަޅަންކެރޭނީ ތިޔައިގެ ތެރެއިން ކާކަށް ހެއްޔެވެ؟ އެވަގުތު ޢުޤުބާ ބުނި އަބީ މުޢައިޠު ތިމަންނަ ތިޔަކަންތައް ކޮށްފާނަމޭ ބުނެ، ތެދުވެގެންގޮސް އެބުނެވުނު ޖަމަލުގެ ބަނޑުތެރޭގައި ހުރި ނަޖިސްތައް ހިފައިގެން އައިސް ލޮބުވެތި ރަސޫލާގެ ބުރަކަށިފުޅުމަތީގައްޔާއި ކޮނޑުފުޅުމަތީގައި ބަހައްޓައިފިއެވެ. މިތަންބަލައިގެން ތިބެފައި މުޝްރިކުން އެންމެން ހޭންފެށިއެވެ. އަދި އެކަލޭގެފާނަށް މަލާމާތްކޮށް ފުރައްސާރަކޮށް ހީމަޖާކޮށް ހަދަމުން ދިޔައެވެ. އަދި އެމީހުންގެ އެހިނުމުގެ ބާރުކަމުން އެމީހުން ތިބީ ބަނޑުގައި އަތްއަޅައިގެން ގުދުވެގެންނެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އޭރުވެސް ސަޖިދައިގައި އޮންނެވިއެވެ. އެވަގުތު ރަސޫލާގެ ލޮބުވެތި ދަރިކަނބަލުން ފާޠިމަތުގެފާނު އެތަނަށް ވަޑައިގަތެވެ. އެކަމާނާއަކީ އެއިރު ވަރަށް ތުއްޕުޅު ބޭކަނބަލެކެވެ. އެކަމަނާއަށް ބައްޕާފުޅުގެ ބުރަކަށިފުޅުމަތީ ހުރި ނަޖިސްތަކެތި ފެނި އަވަހަށް ނެންގެވިއެވެ. އަދި އެމީހުންގެ އެނުބައި ޢަމަލުތަކާހުރެ އެމީހުންނަށް ބަދުބަސް ވިދާޅުވިއެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ނަމާދުން ނިމިވަޑައިގެން ދުޢާ ދެންނެވިއެވެ.

" އޭ އަޅުގެވެރި ރަސްކަލާކޮ، ޤްރައިޝް ވަންހައިގެ މީހުންގައި ހިއްޕަވާނދޭވެ. ޤްރައިޝް ވަންހައިގެ މީހުންގައި ހިއްޕަވާނދޭވެ. އަބޫޖަހުލާއި އުތުބާ ބުނުރަބީޢާއާއި ޝައިބާ ބުނުރަބީޢާއާއި ވަލީދު ބުނު ޢުތުބާއާއި އުމައްޔަތު ބުނު ޚަލަފާއި އުޤްބާ ބުނު އަބީ މުޢައިޠާއި ޢިމާރަތު ބުނު ވަލީދާއި މިމީސްމީހުން ނެތިކުރައްވާނދޭވެ."

ދެން އޭގެފަހުން ބަދްރު ހަނގުރާމައިގެ ތެރޭގައި މިހުރިހާ ކާފަރުުން މަރުވެ ނެތި ހިނގައްޖެއެވެ. މާތް ﷲ މިބައިމީހުންނަށް ލަޢުނަތް ލައްވާށިއެވެ. (ބުޚާރީ- މުސްލިމް)

* އިރުޝާދު:

މާތް ރަސޫލާ، މުޙައްމަދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވެއެވެ. "ޤިޔާމަތްދުވަހު އެންމެ ފުރަތަމަ އަޅާގެ ހިސާބު ބެއްލެވޭނެ ކަމަކީ ނަމާދެވެ. ފަހެ ނަމާދު ރަނގަޅުވެއްޖެ ނަމަ، އޭނާގެ ހުރިހާ ޢަމަލެެއް ރަނގަޅުވީއެވެ. ނަމާދު ރަނގަޅު ނުވެއްޖެނަމަ، އޭނާގެ ހުރިހާ ޢަމަލެއް ގޯސްވީއެވެ." (ޠަބަރާނީ)

*********

* މިލިޔުމަކީ، ލޮބުވެތި ރަސޫލާގެ ޙަދީޘްފުޅުގެ ޢަލީގައި ނަމާދާއިގުޅޭގޮތުން އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން