ޞާދިރު ޢަލީދީދީ   7 މާރިޗު 2023 - 11:21
މުސްލިމަކު ދުޢާކުރަނީ: ޤިޔާމަތްދުވަހު އެންމެ ފުރަތަމަ އަޅާގެ ހިސާބު ބެއްލެވޭނެ ކަމަކީ ނަމާދެވެ.
މުސްލިމަކު ދުޢާކުރަނީ: ޤިޔާމަތްދުވަހު އެންމެ ފުރަތަމަ އަޅާގެ ހިސާބު ބެއްލެވޭނެ ކަމަކީ ނަމާދެވެ.
ޤިޔާމަތްދުވަހު ހިސާބުބެއްލެވުމަށްފަހު، މާތް ﷲ ގެ މަޚްލޫޤުންގެތެރެއިން ކޮންމެ ފަރުދަކާއިމެދު ސުވަރުގެ ވަނުމަށް ޙުކުމް އިއްވަވާނެއެވެ. ހަމައެއާއެކު ސުވަރުގެ ވެރީންނާއި ނަރަކަވެރީންނަށް ޞިރާތުމަގު ހުރަސްކުރުމަށް އަމުރުކުރެވޭނެއެވެ. އެއަށްފަހު، ސުވަރުގެއާއި ނަރަކައިގެ އަބަދީ ދިރިއުޅުމަށް ފެށިދާނެއެވެ.

ކީރިތި ޤުރްޢާނާއި މާތް ރަސޫލާގެ ހަދީޘްތަކުގައި ސުވަރުގެއާއި ނަރަކައިގެ ހާލު ތަފްޞީލުކޮށް ބަޔާންވެވިގެންވެއެވެ. އެހެންކަމުން ދެން މިބަލާލަނީ ސުވަރުގެ އާއި ނަރަކައާއި ބެހޭގޮތުން އޭގެ ހުލާސާއެކެވެ.

* ސުވަރުގެ

-----------

ސުވަރުގެއަކީ ހަޤީޤަތުގައި ﷲ އެއިލާހުގެ ވަޢުދާއި އެއްގޮތްވާގޮތުގެ މަތީން އެއިލާހަށް ކިޔަމަންގަތް އަޅުންނަށް ދެއްވާ ޚާއްސަ އިނާމެކެވެ. ސުވަރުގޭގައި ވަރަށް ގިނަ ދަރަޖަތައް ވެއެވެ. ﷲ އެދަރަޖަތައް، އެކަލާނގެއަށް ކިޔަމަންގަތް އަޅުންނަށް އެމީހުންގެ ޢަމަލުތަކާ އެކަށޭނެގޮތުން ދެއްވައެވެ. ސުވަރުގޭ އެންމެ ބޮޑު ނިޢުމަތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ދީދާރުވުމެވެ. މިދެންނެވި ނިޢުމަތް ފިޔަވައި އެހެން ނިޢުމަތްތަކުގެ އަދަދެއް ނުވެއެވެ. ކޮންމެ މީހަކުވެސްވާނީ ޒުވާނަކަށެވެ. ދުވަހަކު މުސްކުޅިވުމެއް ނުވެއެވެ. އިންސާނާ އެދޭ ކޮންމެ އެދުމެއްގެ ޚިޔާލު ހިތަށް ގެނެވުމާއެކު އެކަމެއް ވަގުތުން ހާޞިލްވާނެއެވެ. އެއީ އެންމެ މަތީދަރަޖައިގެ ފޭރާމާއި އެންމެ މަތީދަރަޖައިގެ ކެއުންކަމުގައިވިޔަސް މެއެވެ. ސުވަރުގޭގައި ސުވަރުގެވަންތަ އެންމެހައި އިންސާނުންނަށް ޙިދުމަތަށްޓަކައި އެތަނުގައި ޙޫރުންނާއި ޣަލްމާނުން ވާނެއެވެ. ކީރިތި ޤުރްޢާނުގައި ދަޙުރު ސޫރަތުގައި ސުވަރުގެއާއި ސުވަރުގެ ވެރިންގެ ވާހަކަ އައިސްފައިވާގޮތް ބައްލަވާށެވެ.

"ﷲ ޤިޔާމަތްދުވަހު ހެޔޮ އަަޅުތަކުން އެދުވަހުގެ ވޭނާއި ކެކުޅުމުން ސަލާމަތް ކުރައްވަފާނެއެވެ. އެމީހުންނަށް އާރޯކަމާއި އުފާވެރިކަން ދެއްވާނެއެވެ. އެމީހުން ސުވަރުގޭގައި ތަޚްތުތައްމަތީ ބާލީސްޖަހައި ލެނގިލައިގެން ތިބޭނެއެވެ. އެތާގައި އަވީގެ ހޫނުކަމެއް އަދި ފިނީގެ ގަދަކަމެއް އެމީހުން ނުދެކޭނެއެވެ. ގަސްތަކުގެ ހިޔާތައް އެމީހުންގެ މައްޗަށް އެޅިގެންވާނެއެވެ. އެގަސްތަކުގެ މޭވާތައް ވާހުށީ އެމީހުންގެ އިޚްތިޔާރުގެ ދަށުގައެވެ. އަދި ޚާދިމުންތައް ރިހީގެ ތަށިތައް ހިފައިގެން އެމީހުންގެ ވަށައިގެން ހިނގާނެއެވެ. އަދި ބިއްލޫރީގެ ސާފުކަންވާރުގެ ފެންބޯ ތަށިތަކާއި، އަދި ފުޅިތައްވެސް ވާނީ ރިހިންނެވެ. އެފުޅިތައް ފުރާލެއްވި ފަރާތަކުންވާނީ ފުރިހަމައަށް ބަރާބަރަށް ފުރާލައްވާފައެވެ. އަދި އެއިން އެމީހުންނަށް ޒަންޖަބީލް އެކުލެވިފައިވާ ބުއިން ބޯންދެވޭނެއެވެ. އެއީ ސުވަރުގޭގައި ސަލަސަބީލް ނަމަކަށް ކިޔޭ ފެންއާރުންނެވެ. އަދި އެމީހުންގެ ކައިރިއަށް އެއްޗެއްސާއިގެން އައިސްގޮސް ހަދާނީ އަބަދަށް ޅަކޮށްތިބޭނެ ޅަޒުވާން ކުދީންނެވެ. އެއިންމީހަކަށް އެކުދީން ފެނުމުން، އެކުދީން ހީވާނީ ފެތުރިފައިވާ މުތްތަކެއް ހެންނެވެ. އަދި ސުވަރުގެ ވަންތަވެރީންނަށް ސުވަރުގެ ފެނުމުން ވަރަށް ބޮޑު ނިޢުމަތަކާއި ބޮޑު ރަސްކަމެއް ދެކޭނެއެވެ. އަދި އެބައިމީހުންގެ ފޭރާމަކަށް ދީބާޖުއާއި އަޠްލަސްގެ ފެހިކުލަހުރި ފަށުއިފޭރާން ވާނެއެވެ. ރިހީގެ އުޅާތައް އެމީހުންގެ އަތުގައި އަޅުވާލެވޭނެއެވެ. އަދި އެމީހުންނަށް ޠާހިރުވެގެންވާ ބުއިންތައް ބޯންދެއްވާނެއެވެ."

މިހުރިހާ ކަމަކީވެސް ދުނިޔޭގައި ހެޔޮޢަމަލުތައް ކޮށް އުޅުނު އެންމެހައި އިންސާނުންނަށް މާތް ރަސްކަލާނގެ ކަނޑައަޅުއްވާފައިވާ އިނާމެވެ. އެހެންކަމުން އިންސާނުން ކޮށް އުޅުނު އެންމެހައި ހެޔޮ ޢަމަލުތަކަށްވަނީ ޝުކުރު އަދާކުރެވުގެންނެވެ.

ކީރިތި ޤުރްޢާނުގައި އެކިތަންތާނގައި ސުވަރުގޭގެ ނިޢުމަތްތަކުގެ ވާހަކަ ވަރަށް ގިނައިން ބަޔާންވެވިގެން އައިސްފައިވެއެވެ. ބައެއް ތަންތާނގައި ވަރަށް ކުރުގޮތަކަށެވެ. އަނެއްބައި ތަންތާނގައި ވަރަށް ތަފްޞީލުކޮށެވެ. މާތް ނަބިއްޔާ މުޙައްމަދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ ޙަދީޘެއްގައި ވެއެވެ. ސުވަރުގޭގައި ވާނީ އެއްވެސް އިންސާނަކަށް ފެނިފައިނުވާ، އެއްވެސް އިންސާނެއްގެ ކަންފަތަށް އަޑުއިވިފައިނުވާ އަދި އެއްވެސް އިންސާނެއްގެ ހިތަށްވެސް ނާރާހާ މަތީ ނިޢުމަތްތަކެވެ. ޤުރްޢާނާއި ޙަދީޘުގައިވަނީ ހަމައެކަނި އިންސާނުންގެ ވިސްނުމާއި ޝުޢޫރު ކޮންމެވެސް މިންވަރަކަށް އޭގެ އަންދާޒާކޮށްފަވަނިވި ނިޢުމަތްތަކުގެ ވާހަކައެވެ. ނޫންނަމަ އިންސާނުންގެ ބުއްދިއަށް ވިސްނައިނުގަނެވޭނެ އެތައް ގިނަގުނަ ނިޢުމަތްތަކެއް ސުވަރުގޭގައި ވެއެވެ.

* ނަރަކަ

...........

ނަރަކައަކީ ކާފިރުންނާއި، މުޝްރިކުންނާއި، ނުކިޔަމަންތެރީންނާއި އެންމެހައި ފާފަވެރިންނަށްޓަކައި الله تعالى ލައްވާފައިވާ ކޯފާއާއި ޢަޒާބުގެ ގޮވައްޗެވެ. ޤުރްޢާނާއި ޙަދީޘްތަކުން ބަޔާންކޮށްފައިވާ ނަރަކައިގައިވާ ޢަޒާބު ތަޞައްވަރުކޮށްލެވުމުން، އިންސާނުންގެ ހަށިގަނޑުން ތުރުތުރުއަޅައިގެން ނުގޮސް ނުހުންނާނެކަން ކަށަވަރެވެ. ނަރަކައިގެ ޢަޒާބުތައް ވާހުށީ އިންސާނާ މިދުނިޔެމަތީގައި ކުޅަ ފާފަތަކާއި އެކަށޭނެ ގޮތުން ތަފާތުވެގެންނެވެ. ބޮޑެތި ބިޔަ ހަރުފަތައް ބައެއް މީހުންގެ ގައިގާ ދަތްއަޅާނެއެވެ. ބައެއްމީހުން އަލިފާނަށް އެއްލާލެވޭނެއެވެ. އަލިފާނަށް އެއްލާލެވޭ މީހުންގެ ގައިގެ ހަންގަނޑު ވިރިގެންދިޔުމުން އަނެއްކާ އާހަންގަޑެއް ލެވޭނެއެވެ. ހަމަ އެހަންގަނޑުވެސް ވިރިގެންދިޔުމުން އަނެއްކާވެސް އާހަންގަޑެއް ލެވޭނެއެވެ. އަދި މިގޮތަށް ތަކުރާރުވެ މެދުކެނޑުމެއްނެތި ދެމިގެންދާނެއެވެ. މަލާއިކަތުން ދަނގަނޑުގެ ހަންމުށިތަކުން ބައެއްމީހުންގެ ގައިގާ ތަޅުއްވާނެއެވެ. އެއީ އެބައިމީހުންގެ ކަށްޓާއި މަހާއި ވަކިވެ ދެތަންވެ ކުދިކުދިވަންދެނެވެ. އެއަށްފަހު އެބައިމީހުންގެ މަހާއި ކަށިތައް އެކުވެ ކުރިން ހުރި ހާލަތައް ބަދަލުވެއެވެ. އަނެއްކާވެސް މަލާއިކަތުން އެބައިމީބުންގެ ހަމާއި ކަށްޓާއި ވަކިވެ ކުދިކުދިވެ، ދެތަންވަންދެން ތަޅުއްވާނެއެވެ. މިޢަޒާބުވެސް މެދުކެނޑުމެއްނެތި މިގޮތަށް ތަކުރާރުވެ ދެމިގެންދާނެއެވެ.

ނަރަކަވެރީންގެ ފޭރާންވާނީ އަލިފާނުންނެވެ. ކައުމަށްޓަކައި ޒައްޤޫމް އަދި ބުއިމަށްޓަކައި ޒަޚަމްތަކުން ފައިބާ ދިޔަ ނުވަތަ ހޫނު ގިނިފެން ދޮހާއެކީގައި ދެވޭނެއެވެ. ޙައްޖު ސޫރަތުގައި الله تعالى ޥަހީ ކުރައްވާފައިވެއެވެ. "ކާފިރުންނަށްޓަކައި އަލިފާނުގެ ފޭރާން ކަޑާލެވޭނެއެވެ. އަދި އެމީހުންގެ ބޯތަކަށް ހޫނު ގިނިފެން އަޅާލެވޭނެއެވެ. އެއިން އެމީހުންގެ ހަންގަނޑު އެކަންޏެއް ނޫނެވެ. އެމީހުންގެ ބަނޑުތެރޭގައިވާ އެއްޗެހިވެސް ވިރިގެން ހިނގައިދާނެއެވެ. އަދި އެމީހުންގެ ގައިގާ ތެޅުމަށްޓަކައި ދަނގަނޑުގެ ގުރުޒުތައް ވާނެއެވެ. އެވޭނާއި އުދަގޫތަކާއި ހުރެގެން ނަރަކައިން ނުކުތުމަށް އުޅެގެންފިއްޔާ ހަމަ އޭގެތެރެއަށް ގަޅުވާލެވޭނެއެވެ. އަދި އެބައިމީހުންނަށް ބުނެލެވޭނެއެވެ. އެދުމުގެ ޢަޒާބުގެ ރަހަ ލިބިގަންނާށެވެ."



ކީރިތި ޤުރްޢާނުގައި ވަރަށް ގިނަ ތަންތާނގަައި، ބޮޑުވެގެންވާ ނަރަކައިގެ ވޭންދެނިވި ޢަޒާބުގެ ވާހަކަ އައިސްފައިވެއެވެ. އެންމެ ދަށު ދަރަޖައިގެ ޢަޒާބަކަށް ވާނީ އަލިފާނުގެ ފާއިވާނެވެ. ކެކިއަރަމުންދާ ތެއްޔެއްހެން އެއިން ސިކުނޑިއާހަމައަށް ކެކިއަރާނެއެވެ. މިގޮތުން ވޭން ބޮޑުވެ އެމީހުން ދިރުމެއް އަދި މަރުވުމެއްވެސް ނުވާނެއެވެ. الله تعالى ޥަޙީކުރައްވާފައިވެއެވެ. "އޭގައި މަރެއް ނުވާނެއެވެ. އަދި ނުއެއް ދިރޭނެއެވެ."

ސުވަރުގޭގައި ގިނަ ދަރަޖަތަކާއި ކޮޓަރިތައްވާފަދައިން ނަރަކައިގައިވެސް ވަރަށް ގިނަ ދަރަޖަތަކާއި ކޮޓަރިތައް ވެއެވެ. އެބައިމީހުންގެ ޢަމަލުތަކާއި އެކަށޭނެ ޙައިޘިއްޔަތުން، ކަނޑައެޅިފައިވާ ތަނަށް ނަރަކަވެރީން އެއްލާލެވޭނެއެވެ. އެއްބައިމީހުންނަށް ގަދަފަދަވެގެންވާ ޢަޒާބު، އެއްބައިމީހުންނާއި އެއަށްވުރެ ލުއިޢަޒާބު އަދި އަނެއްބަޔަކަށް އެެންމެ ލުއިޢަޒާބެވެ.

މުސްލިމުންގެ ތެރެއިން ފާފަވެރިންނަށް ބަލާއިރު، ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ އެމީހުން އެމީހުންގެ ފާފަތަކުގެ މިންވަރަށް ޢަޒާބު ލިބިގަތުމަށްފަހު، މާތް ނަބިއްޔާ މުޙައްމަދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ ޝަފާޢަތްތެރިވެވަޑައިގަތުމާއިއެކު ނަރަކައިން ނެރެލެވޭނެއެވެ. އަދި އެއަށްފަހު ސުވަރުގެއަށް ވައްދާލެވޭނެއެވެ.

ކާފިރުންނާއި މުޝްރިކުންނާބެހޭގޮތުން ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވަނީ އަބަދާއި އަބަދު އެމީހުން ދެމިތިބޭނީ ނަރަކައިގާ ކަމުގައިއެވެ. އަދި އެއްގޮތަކަށްވެސް އެއިން އެމީހުންނަށް ސަލާމަތްކަން ލިބިގެން ނުވާކަމުގައެވެ. މިއީ ޤުރްޢާނާއި ޙަދީޘުން އެނގި ބަޔާންވެގެންވާ ޞައްޙަ ގޮތެވެ.

******

* މިލިޔުމަކީ އައްޝައިހް އިދްރީސް ހުސައިން ލިޔުއްވާފައިވާ "ޤިޔާމަތް ކައިރިވެއްޖެ" ފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން