ޞާދިރު ޢަލީދީދީ   6 މާރިޗު 2023 - 12:48
ނަމާދަކީ މުއުމިނުންގެ މިޢުރާޖެވެ.
ނަމާދަކީ މުއުމިނުންގެ މިޢުރާޖެވެ.
މިއުއްމަތުގެ މާތް ނަބިއްޔާ، މުޙައްމަދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ މިޢުރާޖަށް އަރާވަޑައިގެންނެވިރޭ، އެކަލޭގެފާނު މާތް ﷲ ގެ ޙަޟްރަތަށް އެއިލާހުގެ "ޢަރްޝިފުޅުގެ އަރިހަށް ކުށްތަންވެ ވަޑައިގެންނެވިއެވެ. އެއިލާހް އެކަލޭގެފާނަށް ބަސްފުޅު ވަޙީކުރެއްވިއެވެ. ހަމައެހެންމެ އެކަލޭގެފާނު އެއިލާހަށް ޘަނާދެންނެވިއެވެ. މިއީ އެކަލޭގެފާނު ފިޔަވައި އެހެން އެއްވެސް އިންސާނަކަށް ލިބިފައިވާ އަދި ލިބޭނެ ޝަރަފެއް ނޫނެވެ. އެރޭ އެއްކައުވަންތަ އިލާހު، ﷲ ސުބްޙާނަހޫ ވަތަޢާލާ، ލޮބުވެތި ރަސޫލާ، މުޙައްމަދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ މެދުވެރިކުރައްވައި މިއުއްމަތަށް ހަދިޔާއެއްގެ ގޮތުގައި 50 ނަމާދު ފަރުޟުކުރެއްވިއެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެއިލާހުގެ ޙަޟްރަތުން އެނބުރި ވަޑައިގަންނަވަނިކޮށް މޫސާ ޢަލައިހިއްސަލާމާއި ބައްދަލުވެ ވަޑައިގަތެވެ. އެހިނދު މޫސާގެފާނު އެކަލޭގެފާނަށް ދެންނެވިއެވެ. "މާތް ﷲ ކަލޭގެފާނުގެ އުއްމަތަށް ހަދިޔާކުރެއްވީ ކޮންއެއްޗެއްތޯއެވެ؟" ޖަވާބުގައި ރަސޫލާ ޙަދީޘްކުރެއްވިއެވެ. "50 ނަމާދެވެ." އެހިނދު މޫސާގެފާނު ވިދާޅުވިއެވެ. ކަލޭގެފާނުންގެ އުއްމަތުގެ މީސްތަކުންނަށް ރެއާއިދުވާލު 50 ނަމާދުކުރުން ބުރަކަމަކަށް ވެދާނެއެވެ. އެހެންކަމުން، ވަޑައިގެން އެއަށްވުރެ ލުއިކޮށްދެއްވާތޯ އެކަލާނގެ ހަޟްރަތުގައި ދަންނަވާށެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ދެވަނަ ފަހަރަށް ވަޑައިގެން 50 ނަމާދަށްވުރެ ލުއިކޮށްދެއްވާތޯ ﷲ ހަޟްރަތުގައި ދެންނެވިއެވެ. އޯގާވަންތަ މާތް ﷲ ރަސޫލާގެ ދެންނެވުން ޤަބޫލުފުޅުކުރައްވިއެވެ. އަދި 40 ނަމާދަށް ލުއިކޮށްދެއްވިއެވެ.

ރަސޫލާ މުޙައްމަދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެނބުރި ވަޑައިގަންނަވަނިކޮށް ދެވަނަ ފަހަރަށް މޫސާ ޢަލައިހިއްސަލާމާއި ބައްދަލުވެވަޑައިގެންފިއެވެ. އެކަލޭގެފާނު އަރިހުން މޫސާގެފާނު އެއްސެވިއެވެ. "މިފަހަރު ކިތައް ނަމާދުތޯއެވެ؟" ލޮބުވެތި ރަސޫލާ ޙަދީޘްފުޅުކުރެއްވިއެވެ. "40 ނަމާދެވެ." މުސާގެފާނު ވިދާޅުވިއެވެ. "ތިޔަވަރުވެސް ކަލޭގެފާނުގެ އުއްމަތުގެ މީސްތަކުންނަށް ބުރަވާނެއެވެ. އަދި ދަންނަވާށެވެ.

އަނެއްކާވެސް ލޮބުވެތި ރަސޫލާ ޢަލާމްތަކުގެ ވެރިއިލާހުގެ ޙަޟްރަތަށް ވަޑައިގެންނެވިއެވެ. އަދި އެއަށްވުރެ ލުއިކޮށްދެއްވުމަށް އެދި ދެންނެވިއެވެ. އެހިނދު މަތިވެރި މާތް ﷲ 30 ނަމާދަށް ލުއިކޮށް ދެއްވިއެވެ. މިފަހަރުވެސް ރަސޫލާ އެނބުރި ވަޑައިގަންނަވަނިކޮށް މޫސާގެފާނާއި ބައްދަލުވެވަޑައިގަތުމުން އިހުފަދައިން، އެއަށްވުރެ ލުއިކޮށް ދެއްވާތޯ އިލާހީ ދަރުބާރުގައި ދެންނެވުމަށް އެމަނިކުފާނަށް އިރުޝާދު ދެއްވިއެވެ. އެހިނދު އަނެއްކާވެސް އެކަލޭގެފާނު ވަޑައިގެން އިލާހީ ދަރުބާރުގައި ދެންނެވިއެވެ.

މިގޮތަށް ކޮންމެ ފަހަރަކު ލުއިކޮށްދެއްވަމުންގޮސް 10 ނަމާދަށް ވެއްޖެއެވެ. މިފަހަރުވެސް މޫސާގެފާނު އެއަށްވުރެވެސް ލުއިކޮށްދެއްވުމަށް ދަންނަވާށޭ ވިދާޅުވިއެވެ. ހަމައެއާކު މިފަހަރުވެސް ރަސޫލާ އެއަށްވުރެ ލުއިކޮށްދެއްވާތޯ ﷲ ގެ ޙަޟްރަތުގައި ދެންނެވިއެވެ. މިފަހަރު އެކަލާނގެ 05 ނަމާދަށް ލުއިކޮށް ދެއްވިއެވެ.

ދެންވެސް މޫސާގެފާނު ވިދާޅުވިއެވެ. ތިޔަވަރުވެސް ކަލޭގެފާނުގެ އުއްމަތުގެ މީސްތަކުންނަށް ގިނަވެދާނެއެވެ. ކަލޭގެފާނުގެ އުއްމަތުގެ މީހުންނަކީ ވަރަށް ނިކަމެތި، ބަލިކަށި ބައެކެވެ. އަދިވެސް ދަންނަވަންވީ ނޫންތޯއެވެ؟ އެހިނދު ލޮބުވެތި ރަސޫލާ، މުޙައްމަދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނަށް މިއަށްވުރެ އިތުރަށް ދަންނަވަން ލަދުފުޅުގެން ވަޑައިގަންނަވަމެވެ. އަދި އެހިލާހުގެ ޙަޟްރަތަށް ވަޑައިގަންނަވަން ދެނެއް ކެރިވަޑައެއް ނުގަންނަވާނެއެވެ. މިވަރު ތިމަންކަލޭގެފާނު ޤަބޫލުކުރައްވައި ރުހިވަޑައި ގަންނަވާނީއެވެ. (ބުޚާރީ)

* އިރުޝާދު:

1. ނަމާދަކީ ޚާއްސަވެގެންވާ ކިއުންތަކަކާއި ކަންތައްތަކެއްގެ މައްޗަށް އެކުލެވިގެންވާ ތަކްބީރުން ފެށޭ، ސަލާމް ދިނުމުން ނިމޭ އަޅުކަމެކެވެ. އެއީ ފަސް ނަމާދެކެވެ. އެ ނަމާދުތަކަކީ ފަތިސްނަމާދާއި މެންދުރުނަމާދާއި ޢަޞްރުނަމާދާއި މަޣްރިބްނަމާދާއި އަދި ޢިޝާނަމާދެވެ.

2. ނަމާދަކީ އިންސާނާއާއި އޭނާގެ ޚާލިޤުވަންތަ ރަސްކަލާނގެއާއި ގުޅުވައިދޭ އަޅުކަމެކެވެ. އަދި އެއީ ޢަމަލުތަކުގެތެރެއިން އެންމެމާތް އެންމެ މަތިވެރި ޢަމަލެވެ. އެއްފަހަރެއްގައި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަރިހުގައި އެންމެ މާތް ޢަމަލަކީ ކޮބައިތޯ ދެންނެވުމުން، އެކަލޭގެފާނު ޙަދީޘްކުރެއްވީ "އެއީ ނަމާދު އޭގެ ވަގުތުގެ ކުރީކޮޅުގައި އަދާކުރުމެވެ." މިފަދައިންނެވެ. (ބުޚާރީ - މުސްލިމް)

3. ނަމާދު ކުރަންޖެހެނީ އެނަމާދެއްގެ ވަގުތުގައެވެ. މިއީ ކޮންމެހެން ފަރުވާތެރި ވާންޖެހޭ ކަމެކެވެ. މާތް ﷲ ފަރްޟު ފަަސްނަމާދު އަހަރެމެންގެ މައްޗަށް ފަރްޟުކުރައްވައި، ކޮންމެ ނަމާދަކަށްވެސް ޚާއްޞަ ވަގުތެއް ކަނޑައެޅުއްވިއެވެ. ނަމާދު އޭގެ ވަގުތުގައި އަދާކުރުމަށް އަހްމިއްޔަތުކަން ދެއްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "ހަމަކަށަވަރުން ނަމާދުވަނީ ކަނޑައެޅޭ ވަގުތެއްގައި އަދާކުރުމަށް މުސްލިމުންގެ މައްޗަށްވާ ފަރްޟެއްކަމުގައެވެ.

4. ޤިޔާމަތް ދުވަހު ﷲ ގެ ޙަޟްރަތަށް އަޅާ ކުރިމަތިލާއިރު، ހިސާބުބެއްލެވުމުގައި އެންމެ ފުރަތަމަ ބެއްލެވޭނެ ކަމަކީ އޭނާގެ ނަމާދެވެ. އަޅާގެ ޢަމަލުތައް ކާމިޔާބުވުމާއި ނުވުން އޮތީވެސް ނަމާދުގެ މައްޗަށް ބިނާވެފައެވެ. މީގެ އިތުރުން އެއީ ހަށިގަނޑާއި ފޭރާން ސާފުޠާހިރުކޮށް ބަހައްޓައިދޭ ކަމެކެވެ. ފުރާނަވެސް ޠާހިރުކޮށްދޭ ކަމެކެވެ. އެއީ ހަޑިހުތުރު ކަންތައްތަކުންނާއި ފާފަތަކަށް އަރައިގަތުމުން ދުރުކޮށްދޭ ކަމެއްމެއެވެ. އަދި ހަމައެހެންމެ ނަމާދުގެ ޒަރީޢާއިން މީހާގެ ކުށްތަކާއި ފާފަތައް ފުހެވިގެން ދެއެވެ. މީހާ ސާފުޠާހިރުވެގެން ދެއެވެ. ބޭރުފުށާއި އެތެރެފުށެވެ. ލޮބުވެތި ރަސޫލާ މުޙައްމަދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހުން ވާރިދުވެފައިވެއެވެ. އެއްފަހަރެއްގައި އިތުރު އެކަލޭގެފާނު ލޮބުވެތި އަޞްޙާބު ބޭކަލުންނާ މުޚާޠަބުކުރައްވައި ޙަދީޘްކުރެއްވިއެވެ. "ތިޔައިން މީހެެއްގެ ގޭގެ ކުރިމަތީގައި ކޯރެއްއިވެފައި، އެކޯރުން ކޮންމެ ދުވަހަކު ފަސްފަހަރު ފެންވަރާ ކަމުގައިވާނަމަ އޭނާގެ ހަށިގަނޑުގައި އެއްވެސް ކަހަލަ މިލައެއް، ހަޑިއެއްޗެއް ހުންނާނެހެެއްޔެވެ؟ މިބަސްފުޅުގެ ޖަވާބުގައި އަޞްޙާބު ބޭކަލުން "ނުހުންނާނެއޭ" ދެންނެވުމުން ޙަދީޘްފުޅު ކުރެއްވިއެވެ. ފަރްޟުފަސްނަމާދު ކުރުން މިފަދަ އެވެ. އޭގެ ސަބަބުން މާތް ﷲ އެމީހާގެ އެންމެހާ ކުދި ފާފަތައް ފުއްސަވާ ދެއްވާނެއެވެ.



5. ނަމާދަކީ މުއުމިނުންގެ މިޢުރާޖެވެ. އެބަހީ ނަމާދަކީ ބިމުގައި ހުރެގެން ﷲ ގެ ޙަޟްރަތަށް ސީދާ ކުއްތަންވެވޭ އަޅުކަމެކެވެ. ނަމާދަކީ އިސްލާމްދީން އެ އެއްޗެއްގެ މައްޗަށް ބިނާކުރެވިފައިވާ، ތަނބެވެ. ދީން ދެމެހެއްޓޭނީ ނަމާދު ޤާއިމުކޮށްގެންނެވެ. ނޫންނަމަ ދީން ނެތިހިނގައިދާނެއެވެ. އަދި އިސްލާމްދީނާއި ކާފިރުކަމާ ދެމެދު ވަކިކުރެވޭ އިންފާރަކީވެސް ނަމާދެވެ. އެހެންކަމުން ނަމާދު ނުކުރާ މީހަކީ މުސްލިމެއް ކަމުގައި ބެލެވޭނެ މީހެއް ނޫނެވެ.



*********

* މިލިޔުމަކީ، ލޮބުވެތި ރަސޫލާގެ ޙަދީޘްފުޅުގެ ޢަލީގައި ނަމާދާއިގުޅޭހޮތުން އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން