ޗެލްސީގެ ގޯލް ކާމިޔާބު ކޮށްދިނުމަށްފަހު ރޮސް ބާކްލީ
ޗެލްސީގެ ގޯލް ކާމިޔާބު ކޮށްދިނުމަށްފަހު ރޮސް ބާކްލީ
އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި ވަރުގަދަ މެޗްތަކެއް ކުޅޭގޮތަށް ހަމަޖެހިއްޖެއެވެ. ސެމީގެ ފުރަތަމަ ޖާގަ މެންޗެސްޓަރ ޔުނައިޓެޑުން އިއްޔެ ހޯދާފައިވަނިކޮށް ސެމީގެ ފަހު ތިން ޖާގަ ރޭ ކަށަވަރުކުރީ އާސެނަލާއި، ޗެލްސީ އަދި މެންޗެސްޓަރ ސިޓީއެވެ.

ސެމީގެ މެޗުތަކުގެ ގުރު ނެގީ ރޭ ނިއުކާސަލް ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ސިޓީއާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލް ފަހު މެޗުގެ ހާފް ޓައިމްގައެވެ. ސެމީގައި ޔުނައިޓެޑުން ޗެލްސީއާ ދެކޮޅަށް ނުކުންނައިރު ސިޓީ ވާދަކުރާނީ އާސެނަލާއެވެ.

ސެމީގެ ފުރަތަމަ ޖާގަ ޔުނައިޓެޑް ހޯދީ ނޯވިޗް ސިޓީ ބަލިކޮށްގެންނެވެ. ސެމީގެ ދެ ވަނަ ޖާގަ އާސެނަލަށް ލިބުނީ ފަހުވަގުތު 2-1 އިން ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދުމުންނެވެ. އެ މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން އާސެނަލަށް ކާމިޔާބުކޮށްދިނީ އައިވަރީ ކޯސްޓުގެ ވިންގް، ނިކޮލަސް ޕެޕޭއެވެ. އެކަމަކު މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޑޭވިޑް މެކްގޯލްޑްރިކް ޖެހި ގޯލުން ޝެފީލްޑުން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗު އެއްވަރުވާން ދަނިކޮށް އާސެނަލް މޮޅުވި ގޯލު ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ޑެނީ ސެބާޔޯސްއެވެ.

ސެމީގެ ތިން ވަނަ މެޗުގައި ރަށުން ބޭރުގައި ލެސްޓާ ސިޓީގެ މައްޗަށް ޗެލްސީން ކުރި ހޯދީ 1-0 އިންނެވެ. މި މެޗުގައި ޗެލްސީގެ ހަމައެކަނި ގޯލު ދެ ވަނަ ހާފުގައި ވިލިއަން ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރޮސް ބާކްލީއެވެ. ސެމީގެ ފަހު ޖާގަ ސިޓީން ކަށަވަރުކުރީ ނިއުކާސަލްގެ މައްޗަށް 2-0 އިން ކުރި ހޯދައިގެންނެވެ. ސިޓީގެ ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެވިން ޑި ބްރޭނާއެވެ. ސިޓީގެ ދެ ވަނަ ގޯލު ދެ ވަނަ ހާފުގައި ޖެހީ ރަހީމް ސްޓާލިންއެވެ.

އާސެނަލަކީ 13 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ މި މުބާރާތުގެ އެންމެ ކާމިޔާބު ކްލަބެވެ. ދެވަނަ އަށް އެފްއޭ ކަޕް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ 12 ތަށި ހޯދާފައިވާ ޔުނައިޓެޑެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަން ޓީމަކީ ސިޓީއެވެ. ސެމީ ފައިނަލްގެ ދެ މެޗާއި ފައިނަލް މެޗު ކުޅޭނީ އިނގިރޭސި ރަސްމީ ވެމްބްލީ ސްޓޭޑިއަމްގަ އެވެ. ސެމީގެ ފުރަތަމަ މެޗު ޖުލައި 18 ގައި ކުޅޭއިރު ދެ ވަނަ ސެމީ އޮންނާނީ ޖުލައި 19 ވަނަ ދުވަހުއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އޮގަސްޓް އެކެއްގައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން