މަރިޔަމް ލަމްޙާ ރަޝީދު   4 މާރިޗު 2023 - 12:19
މޫސާގެފާނުގެ ވާހަކަ ރަމްޒުކޮށްދޭ ކުރެހުމެއް
މޫސާގެފާނުގެ ވާހަކަ ރަމްޒުކޮށްދޭ ކުރެހުމެއް
މޫސާއަލައިހިއްސަލާމަކީ ޢިލްމު އުނގެނުމަށް ލޯބިކުރެއްވި ރަސޫލުބޭކަލެކެވެ. އެކަލޭގެފާނުވަނީ ޢިލްމު އުނގެނުމަށް ޢަޒްމުފުޅުގައި ދެކަނޑު ގުޅުނު ހިސާބަށް ދަތުރުކުރައްވާފައެވެ. އެކަލޭގެފާނުގެ މިދަތުރުފުޅުގައި އެކަލޭގެފާނުގެ ޚާދިމްކުއްޖަކުވެސް ބައިވެރިވެވަޑައިގަތެވެ.

މޫސާއަލައިހިއްސަލާމުގެ މިދަތުރުފުޅު ފެއްޓެވީ ފަރިއްކުޅުއްވުމަށް ލޮނުލީ މަހެއްވެސް ހިއްޕަވައިގެންނެވެ. އެހެންނަމަވެސް މިމަސް ދޫވެގެން ކަނޑުގެތެރެއަށް ދިޔަކަން އެދެބޭކަލުންނަށް އެނގިވަޑައިގަތީ ދެކަނޑު ގުޅުނު ހިސާބަށް ވަޑައިގެންނެވުނުފަހުންނެވެ. އަދި އެމަސް ފެނޭތޯ ކުރެއްވި މަސައްކަތްޕުޅުން ފެނިވަޑައިނުގަތުމުން އެ ހޯއްދެވުމަށް އެދެބޭކަލުން އައިކޮޅަށް އެނބުރި މިސްރާބު ބަދަލުކުރެއްވިއެވެ. އަލްޚިދުރުއާއި ބައްދަލުވެވަޑައިގެންނެވީ އެހިސާބުންނެވެ.

ބައެއް ޢިލްމުވެރީން ވިދާޅުވާގޮތުގައި

މޫސާއަލައިހިއްސަލާމް އަލްޚިދުރުއާއި ބައްދަލުވެވަޑައިގަތް ދެކަނޑު ގުޅުނު އެހިސާބަކީ މެޑިޓޭރިއަންސީ އާއި ރެޑްސީ ގުޅުނު ހިސާބެވެ. އަނެއްބައި މީހުން ވިދާޅުވާގޮތުގައި އެއީ ބަޙްރައިނުލް މަޝްރިޤް އާއި ބަޙްރައިނުލް މަޣްރިިބް ގުޅުނު ހިސާބެވެ.

މޫސާގެފާނު އަލްޚިދުރުއާ ބައްދަލުވެވަޑައިގަތުމުން އެކަލޭގެފާނުގެ އަރިހުން ޢިލްމު ލިބިވަޑައިގަތުމަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް އެފަދަ ޢިލްމެއް ލިބިވަޑައިގަތުމުގެ ކެތްތެރިކަން މޫސާގެފާނަށް ލިބިވަޑައިގެންފައިނުވާނޭ ކަމަށް ޚިދުރު ތަކުރާރުކޮށް ވިދާޅުވެލެއްވިއެވެ. ނަމަވެސް މޫސާގެފާނު ސާބިތުވެ ހުންނަވާ ތަކުރާރުކުރެއްވުމުން އަލްޚިދުރުވަނީ އެކަލޭފާނުގެ އަރިހުގައި މޫސާގެފާނު ގެންދަވާފައެވެ.

ކަޙަފް ސޫރަތުގައި ވަރަށް ތަފްސީލްކޮށް މިކަން ހިނގައިދިޔަގޮތް އަންގަވައިދެއްވާފައިވެއެވެ. އެހެން ކަމުން މިވާހަކައިން ލިބޭ 7 ޢިބުރަތެއް މިލިޔުމުގައި ހިމަނާލާނަމެވެ.

1. ﷲ ދެއްވި ޢިލްމަށް ޝުކުރުވެރިވުން:

ހުރިހާކަމެއް ދެނެވޮޑިގެންވާ ފަރާތަކީ ހަމައެކަނި ﷲ ސުބްޙާނަޙޫ ވަތަޢާލާއެވެ. އެހެންކަމުން ތިމާއަށް ހުރިހާކަމެއް އެނގޭކަމަށް ދެކުމާއި ތިމާގެ މޮޅުކަން ތިމާއަށް ފެނިގެން އުޅުމަކީ ދުނިޔަވީ ނަސީބުތަކުގެ ތެރެއިން ﷲ ދެއްވި ނިޢުމަތަށް ކުފުރުވެރިވުމެވެ. ﷲގެ ރަސޫލާ މޫސާގެފާނުވަނީ އެކަލޭގެފާނަށް ލިބިފައިވާ ޢިލްމު އިތުރަށް ތަނަވަސްކުރުމަށް މަސައްކަތްކޮށްފައެވެ.

2. ޢިލްމު އުނގެނުމުގައި ސާބިތުވެހުރުމުގެ މުޙިއްމުކަން:

މޫސާއަލައިހިއްސަލާމް ޢިލްމު އުނގެންނެވުމަށް މަސައްކަތްކުރައްވާ ހިންގަވަމުން އެކަލޭގެފާނުގެ ޚާދިމް ކުއްޖާއަށް ވިދާޅުވެފައިވަނީ ދެކަނޑުހުރަސްވާ ހިސާބަށް (އަލްޚިދުރުޢާއި ބައްދަލުވުމާއިހަމައަށް) ދާންދެން ހުއްޓަވައި ނުލައްވާނެކަމަށެވެ. އަދި އަލްޚިދުރުއާއި ބައްދަލުކުރެއްވިއިރު، މޫސާގެފާނަށް ކެތްތެރިވެވަޑައިނުގަނެވިދާނެ ކަމަށް އަންގަވައި އެކަލޭގެފާނު ނުގެންދެވުމަށް އަލްޚިދުރު ނިންމެވުމުން، މޫސާގެފާނު ބޭނުންފުޅުވި ގޮތް ތަކުރާރުކޮށް ހާމަކުރަށްވާ އަލްޚިދުރުގެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތަށް އެދިވަޑައިގެން ތަކުރާރުކޮށް ދެންނެވިއެވެ. އެހެންކަމުން އަޅުގަނޑުމެން މިކަމުން ލިބިގަންނަންޖެހޭ ފިލާވަޅަކީ ޢިލްމު ހާސިލްކުރުމަކީ ފަސޭހަކަމެއް ނޫންކަމެވެ. އެމީހެއްގެ ހިތުތެރޭ އުނގެނުމަށް ވަރުގަދަ އަޒުމެއްވެސް އޮންނަޖެހޭނެކަމާއި އަދި ޢިލްމް ހޯދުމުގެ މަގުގައި ސާބިތުވާންޖެހޭނެކަންވެސް އެނގިގެންދެއެވެ.

3. ޢިލްމު ހޯދަން ކުރާ ދަތުރުގައި އެކަކު އަނެކަކަށް އެހީތެރިވުމުގެ މުޙިއްމުކަން:

މޫސާގެފާނުގެ ދަތުރުފުޅުގައި އަރިހުގައި ޚާދިމްކުއްޖެއް ގެންދެވިއެވެ. އަދި ދިމާވި ކަންކަމުގައި އެކަކު އަނެކެއްގެ އެހީތެރިކަން ހޯއްދެވިއެވެ.

4. ޢިލްމް އުނގެނިނުދިނުމަށްޓަކައި ޝައިޠާނާ މަސައްކަތްކުރާކަން:

މޫސާގެފާނާއި އެކަލޭގެފާނުގެ ޚާދިމްކުއްޖާ ބޭނުންވި ރާސްތާގެ ނިމޭހިސާބަށް ވަޑައިގެންނެވުނުއިރު އެބޭކަލުން ގެންދިޔަ މަސް މަތިން ޝައިޠާނާވަނީ އެދެބޭކަލުންގެ ހަނދުމަފުޅު ނެތިކޮށްލާފައެވެ. އެހެންވެ އެދެބޭކަލުން އެނބުރި އައިކޮޅަށް ވަޑައިގަންނަވަން ޖެހުމުން އިތުރު ތަކުލީފުތަކެއް އުފުލަންޖެހުނެވެ.

5. ކިޔަވާ ކުދިންގެ ކިބައިގައި ރިވެތި އަޚްލާޤްހުރުމުގެ މުޙިއްމުކަން:

އަލްޚިދުރުގެ އަރިހުގައި އެކަލޭގެފާނު ސުވާލު ކުރެއްވީ މަޑުމައިތިރިކަމާއެކު ރިވެތި ބަހުންނެވެ. އެހެންކަމުން އެދުރުންނާއި މުޢާމަލާތުކުރުމުގައި ރިވެތިގޮތް ޚިޔާރުކުރުމަކީ ވަރަށް މުޙިއްމުކަމެކެވެ.

6. އެދުރުންނަކީވެސް ޚުލްޤު ހެޔޮ ބަޔަކަށް ވާންޖެހޭކަން:

މޫސާގެފާނުގެ ކިބައިގައި އެދަތުރުފުޅުގައި ހިނގާނެ ކަންކަމުގެ ކެތްތެރިކަން ނުހުންނާނެކަން އެދުރެއްގެ ހައިސިއްޔަތުން އަލްޚިދުރުއަށް އެގިވަޑައިގަންނެވި އިރުވެސް އެކަލޭގެފާނުވަނީ މޫސާގެފާނަށް ރިވެތިކޮށް އެކަން އަންގަވައިދެއްވާފައެވެ.



7. ކެތްތެރިކަމާއި ކިޔަމަންތެރިކަން:

އަވަސް އަރައިގަނެގެން އުޅުމަކީ ގިނަ ދަރިވަރުންގެ ހުންނަ ނޭދެވޭ ސިފައެކެވެ. މޫސާއަލައިހިއްސަލާމް ވަނީ ކެތްތެރިކަން އިސްކުރައްވާ އެދަތުރުފުޅުގައި އެކަލޭގެފާނުގެ ސާބިތުކަން ދައްކަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޣާބިލް

07-Mar-2023

"ތިމާއަށް ހުރިހާކަމެއް އެނގޭކަމަށް ދެކުމާއި ތިމާގެ މޮޅުކަން ތިމާއަށް ފެނިގެން އުޅުމަކީ ދުނިޔަވީ ނަސީބުތަކުގެ ތެރެއިން ﷲ ދެއްވި ނިޢުމަތަށް ކުފުރުވެރިވުމެވެ." މީގައި ލިޔުން ތެރިޔާ ސީދާ މި ބުނަނީ މިހާރުގެ ސިޔާސީ ވެރިން ގެ ސިފަތަކެވެ.



ޓްރެންޑިން