ޞާދިރު ޢަލީދީދީ   3 މާރިޗު 2023 - 11:48
ޤިޔާމަތް ދުވަސް
ޤިޔާމަތް ދުވަސް
ޤިޔާމަތް ދުވަހު، ކަށްވަޅުން ދިރިގެން ތެދުވުމަށްފަހު މަޙްޝަރުގެ މައިދާނަށް އެންމެން ޖަމާވާއިރު އެންމެންވެސް ތިބޭނީ ވަރަށް ބޮޑަށް ފެންބޮވައިގެންފައެވެ. އެގޮތުން ކޮންމެ ރަސޫލަކަށްވެސް ފެންއާރެއް ދެއްވެވޭނެއެވެ. އެއީ ކޮންމެ ރަސޫލަކުވެސް އެރަސޫލުބޭކަމެއްގެ އުއްމަތުގެ މުއުމިނުންނަށް އެފެންއާރުކޮޅުން ފެން ބޯން ދިނުމަށެވެ.

ކޮންމެ އުއްމަތަކަށްވެސް ވަކި ނިޝާނެއް ވާނެއެވެ. އެއިން ކޮންމެ ރަސޫލުބޭކަލަކަށްވެސް އެބޭކަލެއްގެ އުއްމަތުގެ މުއުމިނުން ވަކިކުރައްވަން އެގިވަޑައިގަންނަވާނެއެވެ.

ކައުޘަރުގެ ނަން ދެވިފައިވަނީ މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ފެންއާރުކޮޅަށެވެ. ކައުޘަރުގެ މާނައަކީ ގިނަވެގެންވާ ހެޔޮކަމެވެ. ކައުޘަރުގެ ފެން ކިރަށް ވުރެ ހުދު، މާމުޔަށްވުރެ ފޮނި، ގަނޑުފެނަށްވުރެން ފިނިވެގެންވާނެއެވެ. އަދި އޭގެ މީރުވަސް ގޮމަކަސްތޫރީގެ ވަހަށްވުރެން ގަދަވާނެއެވެ. އެއާރުން ފެންބުއިމަށްފަހު ދެން އެއްގޮތަކަށްވެސް ފެންބޮވައިނުގަންނާނެއެވެ.



މުޙައްމަދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އުއްމަތުގެ މުޢުމިނުންގެ ނިޝާނަށްވާނީ ޤިޔާމަތްދުވަހުން އެބައިމީހުންގެ ވުޟޫގެ ގުނަންތަކެވެ. އެ ނޫރުން ވިދާނެއެވެ.

* ކައުޘަރުގެ ފެންއާރުން ޞާލިހު މުޢުމިނުންނަށް ފެން ލިބޭނީ ކޮންއިރަކުންތޯއެވެ؟



މިހާބެހޭގޮތުން ތަފާތު ރިވާޔަތްތަށް އައިސްފައިވެއެވެ. ބައެއް ރިވާޔަތްތަކުގައި ވަނީ ކައުޘަރުގެ ފެން ލިބޭނީ ހިސާބު ބެއްލެވުމުގެ ކުރިންނެވެ. ބައެއް ރިވާޔަތްތަކުގައިވަނީ ޞިރާތު މަގު ފަހަނަޅައިދިއުމުން ކަމަށެވެ. މި ދެ ރިވާޔަތް އެއްކޮލުމަށް ފަހު ބައެއް ޢިލްމުވެރިން ވިދާޅުވަނީ ބައެއް މުޢުމިނުންނަށް ހިސާބު ބެއްލެވުގެ ކުރިން ފެން ބޯން ދެވޭކަމަށެވެ. ނަމަވެސް ފާފަވެރި މުޢުމިނުންނަށް ފެންބޯންދެވޭނީ ޖަހަންނަމުން ސަލާމަތްވެ ސުވަރުގެ ވަނުމުގެ ޙައްޤު ލިބުމުން ކަމުގައެވެ. އެއިން ސުވަރުގެ ވަނުމުގެކުރީން އެމީހުން ހައުޟު ކައުޘަރުން ފެންބޯން ދެވޭނެއެވެ.

******

* މިލިޔުމަކީ އައްޝައިހް އިދްރީސް ހުސައިން ލިއުއްވާފައިވާ "ޤިޔާމަތް ކައިރިވެއްޖެ" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން